ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމަނިކުފާނުގެ އުފަން ރަށް ކަމަށްވާ ހިންނަވަރަށް މިއަދު ފުރާ ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ވަނީ މިއަދު ހިންނަވަރަށް ފުރާ ވަޑައިގެންފައެވެ. ރައީސްގެ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމުން ރައީސް އޮފީހުން އިތުރު ތަފްސީލެއް ނުދެއެވެ.

ރައީސް އޮފީހުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ރައީސްގެ ދަތުރުފުޅުގައި އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވެވަޑައި ނުގަންނަވައެވެ.

ހިންނަވަރަށް ފުރާ ވަޑައިގަތުމަށް ފްލައިޓަށް އަރުއްވަން ރައީސް ވަޑައިގަންނަވަނީ / ފޮޓޯ: ރައީސް އޮފީސް

ރައީސް އެންމެ ފަހުން ހިންނަވަރަށް ވަޑައިގެންފައިވަނީ މިދިޔަ ފެބްރުއަރީ 19 ގައި ރަސްމީ ދަތުރުފުޅެއްގައެވެ. އެ ދަތުރުފުޅުގައި ރައީސް ވަނީ ހިންނަވަރުގައި ހުންނަ ޅ. އަތޮޅު ތައުލީމީ މަރުކަޒަށާއި، ހިންނަވަރު ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ހާލަތު ބައްލަވާލައްވާފައެވެ.

އެމަނިކުފާނު އުފަން ރަށަށް މިއަދު ވަޑައިގެންފައިވަނީ މިދިޔަ ހަފްތާގައި އަނބިކަނބަލުން ފަޒްނާ އަހްމަދާ އެކު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހުގައެވެ.