ރޯދަ މަހަކީ މުޅި އަހަރުގެ ތެރޭގައި ވެސް އަންނަ އެންމެ ބަރަކާތްތެރި ރޭ ހިމެނޭ މަހެވެ. ރޯދަ މަހުގެ ފަހު 10 ގެ އޮނަހިރި ރޭތަކުން ކުރެ ރެޔެއްގައި ހިމެނޭ މި ރެޔަކީ އެކި ގޮތްގޮތުުން ހާއްސަވެގެންވާ ރެޔަކަށް ވާ އިރު، ލައިލަތުލްގަދުރި ވިލޭރެޔަކީ ކަނޑައެޅިގެން ކޮން ރެޔެއްކަން ވަނީ ވަންހަނާ ކުރައްވާފައެވެ. ނަމަވެސް އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށް ދާންދެން، أمانކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެއްކަން އަންގަވާފައި ވެއެވެ.
ލައިލަތުލްގަދްރި ވިލޭރެޔަކީ އެއްހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑުވެގެންވާ ރެޔެއް ކަމާއި، އެ ރެޔަކީ ކޮން ރެޔެއްކަން ކީރިތި ރަސޫލާ صلى الله عليه وسلم މާތް ﷲ ބަޔާން ކޮށްދެއްވުމަށް ފަހު، އެކަލޭގެފާނު ހަނދުމަފުޅު ނެތިގެން ދިޔައެވެ.
ލައިލަތުލް ޤަދްރި ވިލޭރެއާއި ބެހޭގޮތުން މާތް ﷲ ކީރިތި ޤުރުއާނުގައި ވަހީ ކުރައްވާފައި ވެއެވެ. “إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ إِنَّا كُنَّا مُنذِرِينَ فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ“
މާނައަކީ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެފޮތް (އެބަހީ: ޤުރުއާން) ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެއެއްގައެވެ. ހަމަކަށަވަރުން، އިންޒާރުކުރައްވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ. އެ ރޭ، ކަނޑައެޅިގެންވާ ކޮންމެކަމެއް ބަޔާންކުރައްވައެވެ.
ލައިލަތުލްގަދުރި ވިލޭރެއަކީ ކޮބާ؟
ލައިލަތުލްގަދުރި ވިލޭރޭ ހާއްސަވެގެންވާ ސަބަބުތައް ވަރަށް ގިނައެވެ. މިގޮތުން އެއްކަމަކީ، އެންމެ މަތިވެރި މުއުޖިޒާތް ކަމުގައި ވާ ކީރިތި ޤުރުއާން ބާވާލައްވަން ފެށްޓެވި ރޭކަމަށް ވުމެވެ. ހަމައެހެންމެ އެރެއަކަށް ކީރިތި ޤުރުއާނުގައި ވަކި ހާއްސަ ސޫރަތެއް ބާވާލައްވާފައިވާ ރެޔަކީ ކުރިއަށް ވާން ހުރި ކަންކަން މާތް ﷲ ތައާލާ ކަނޑައަޅުއްވާ ރޭ ކަމަށްވެސް ބުނެވެއެވެ. ކީރިތި ޤުރުއާނުގެ އައްދުހާން ސޫރަތުގެ 4 ވަނަ އާޔަތުގައި އެކަލާނގެ ވަހީކުރެއްވިއެވެ.
"އެރޭ، ކަނޑައެޅިގެންވާ ކޮންމެ ކަމެއް ބަޔާންކުރައްވަތެވެ."
ލައިލަތުލްގަދުރި ވިލޭރޭ ހާއްސަވާ އަނެއް ސަބަބަކީ އެރޭ ކުރާ އަޅުކަން އެއްހާސް މައްސަރުގެ އަޅުކަމަށް ވުރެ ވެސް ހެޔޮކަން ބޮޑުވުމެވެ. 1000 މަހަކީ ގާތްގަނޑަކަށް 83 އަހަރެވެ. އެރޭ ސުވަރުގޭގެ ދޮރުކޮޅުތައް ވެސް ހުޅުވާލައްވާ ކަމަށް އައިސްފައި ވާ އިރު ސުވަރުގޭގެ ނަސީބު ދެއްވާ އަޅުތަކުންގެ އަޑު މާތް ﷲ އެރޭ އައްސަވާނެއެވެ.
އެރޭ ޖިބްރީލް އަލައިހިއްސަލާމާއި އެހެން މަލާއިކަތް ބޭކަލުން ބިމަށް ފައިބައި ވަޑައިގަންނަވާ އިރު އެރެޔަކީ ފަޖުރުވުމަށް ދާންދެން ސަލާމަތް ކަމާއި އަމާންކަމުން ފުރިގެންވާ ރެޔެވެ.
ލައިލަތުލްގަދުރި ވިލޭރޭއަކީ ކަނޑައެޅިގެން ކޮން ރެޔެއްކަން މާތް ﷲ ތައާލާ އަންގަވާފައި ނުވާ އިރު އެރޭ ފެނިދާނެ ބައެއް 5 ސިފަ އިލްމުވެރިން ވަނީ އަންދާޒާ ކުރައްވާފައެވެ.
ހަމަހިމޭންކަން ވެރިވެފައި އޮންނަ ރެޔެއް
ލައިލަތުލްގަދަރި ވިލޭރެޔަކީ ވަރަށް ވެސް ހަމަ ހިމޭން ރެޔެއްކަން ކީރިތި ޤުރުއާންގެ އަލް-ޤަދްރް ސޫރަތުގެ ފަސް ވަނަ އާޔަތުގެ މާނައިން ވެސް ދޭހަވެއެވެ.
"އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖެއުމަށް ދާންދެން އަމާންކަމާއި ސަލާމަތްކަން ލިބިގެންވާ ރެއެކެވެ."
މީގެ އިތުރުން އަބޫ ހުޒައިމާގެފާނު ހަދީސް ކުރެއްވިއެވެ.
"އެރެޔަކީ އެހާ ފިނި ނޫން އަދި އެހާ ހޫނު ނޫން ރެއެކެވެ."
ހަނދު ހީވާނީ ކާތަށްޓެއްގެ ފަޅިއެއް ހެން
އިމާމް މުސްލިމް ރިވާ ކުރެއްވި ހަދީސެއްގައި ވާ ގޮތުން ލައިލަތުލްގަދުރި ވިލޭރޭގެ ހަނދު ހުންނާނީ ކާ ތައްޓެއްގެ ފަޅިއެއްގެ ސިފައިގައެވެ.
އޮނިހިރި ރޭތަކުގެ ތެރެއިން ރެޔެއް
މާތްވެގެންވާ ޤުރުއާން ބާއްވާލެވުނު ލައިލަތުލްގަދަރި ވިލޭރެޔަކީ ރޯދަ މަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން ރެޔެކެވެ. އެހެނަސް އެއީ 21، 23، 25، 27 އަދި 29 ވަނަ ވިލޭރެއިން ކުރެ ކޮން ރެޔެއްކަން ސީދާ ނޭނގެނީއެވެ. ނަމަވެސް ބައެއް އިލްމުވެރިން ބުރަވަނީ އެރެޔަކީ 27 ވިލޭރޭ ކަމަށެވެ.
ލައިލަތުލްގަދުރި ވިލޭރެޔަކީ އަހަރުން އަހަރަށް ބަދަލުވާ ރެޔެއް ކަމަށާ، އެހެން ނަމަވެސް އެރޭ އަންނަނީ ރޯދަ މަހުގެ ފަހު 10ގެ އޮނަހިރި ރެޔަކުން ރެޔެއްގައި ކަމަށް އިލްމުވެރިން އެއްބަސްވެއެވެ. އަދި ރަސޫލާ ވެސް ވަނީ އެކަން ހާމަކޮށް ދެއްވާފައެވެ. ރަސޫލާގެ އަރިހުން އެރޭގެ ވާހަކަ އެހުމުން ހަދީސް ކުރައްވާފައި ވަނީ ފަހު ދިހައިގެ އޮނަހިރި ރޭތަކުން އެރޭ ހޯދުމަށެވެ. ކަނޑައެޅިގެން ވަކި ރެޔެއްކަން ރަސޫލާ ހާމަ ނުކުރެއްވުމުގައި އޮތް ހިކުމަތަކީ، އެރޭ ހޯދުމަށްޓަކައި މުސްލިމުން ގަދައަޅާ މަސައްކަތް ކުރުމާއި، އެރޭ ހާމަވެ އެނގިއްޖެ ނަމަ، އެރޭ އެކަނި އަލުކަން ކޮށްލައިގެން އުއްމަތުގެ ގިނަ ބަޔަކު ބާކީ ދުވަސްތަކާއި ރޭތައް ދޫކޮށްލަފާނެ ކަމުގެ ބިރު އޮތުން ކަމަށް އިލްމުވެރިން ވިދާޅުވެއެވެ.
އެރޭ ވާރޭ ވެހުމަކީ އެކަށީގެންވާ ކަމެއް
އިމާމް އަލް ބުހާރީ ރިވާކުރެއްވި ހަދީސެއްގައި ވެއެވެ. ކީރިތި ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހި ވަސައްލަމް ވަނީ، ލައިލަތުލްގަދްރި ވިލޭރެއާ ބެހޭ ގޮތުން ހުވަފެންފުޅެއް ދެކިވަޑައިގެންފައެވެ. އެ ހުވަފެންފުޅުގައި އެކަލޭނގެފާނު ސަޖިދައަށް ވަޑައިގެން ތަން ފެނިވަޑައިގެންނެވިއެވެ. އަދި ސަޖިދައިން ތެދުވެވަޑައިގެންނެވި އިރު މޫނުފުޅުގައި ވާރޭ ފެނާއި ޗަކަ ހޭކިފައި ހުރިތަން ވެސް ފެނިވަޑައިގެންނެވިއެވެ.
އަނެއް ދުވަހަށް އަރާ އިރުގެ ހާއްސަކަން
ރަސޫލާގެ ހަދީސްތަކުން އެނގޭ ގޮތުން ލައިލަތުލްގަދްރި ވިލޭރެޔަށް ފަހު ޖެހިގެން އަންނަ ދުވަހަށް އަރާ އިރުގެ ދޯދިތަކެއް ނުހުންނާނެއެވެ. އޭގެ މާނައަކީ އެ އިރަކީ ބަލަން ފަސޭހަ އިރެއް ކަމަށް ބަޔާން ކުރައްވައި، އިމާމް އަން-ނަވާވީ ވަނީ ދެކަމެއް ފާހަގަ ވެސް ކުރައްވާފައެވެ.
- އެއީ މާތް ﷲ ތައާލާ އެކަން އެގޮތަށް ބޭނުންވެވަޑައިގެން ކަމަށެވެ. އަދި އެއީ އެރޭގެ މާތްކަން އިތުރުކޮށް އެހެން ދުވަސްތަކާ ތަފާތު ކުރުމަށްޓަކައި އެކަލާނގެ ކުޅަދުންވަންތަކަމުން މެދުވެރިކުރެއްވި ކަމެއް ކަމަށް އިމާމް ފާހަގަ ކުރައްވައެވެ.
- ދެވަނަ ކަމަކީ އެރެޔަކީ މަލާއިކަތް ބޭކަލުން ދުނިޔެއަށް ފައިބާވަޑައިގަންނަވާ ރެޔަށް ވެފައި ބިމުގައި މަލާއިކަތް ބޭކަލުން ތިއްބަވާލެއް ގިނަ ކަމުން އިރުގެ ދޯތިތައް އެބޭކަލުން ފަނޑުކޮށްލަނީއެވެ.
ޤުރުއާނާއި، ރަސޫލާގެ ސުންނަތުގެ އިތުރުން، މި ހުރިހާ ނިޝާންތަކާއި ފާހަގަ ތަކަކީ އެކި ޒަމާނުގެ އެކި އިލްމުވެރިންގެ ފަރާތުން މިއަދާ ހަމައަށްވެސް ފޯރާފައި ހުރި ވާހަކަތަކެވެ.
އެނގި ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، ލައިލަތުލްގަދްރި ވިލޭރެޔަކީ އެރެޔެއްގެ މާތްކަމާއި މަތިވެރިކަން އެހެން އެއްވެސް ރެޔަކަށް ވުރެ މަތިވެރި ރެޔެއް ކަމެވެ. އެރޭ ލިބިގަތުމަށްޓަކައި އެންމެހާ މުސްލިމުން ގަދައަޅާ މަސައްކަތް ކުރަން ޖެހޭނެއެވެ. ލައިލަތުލްގަދުރި ވިލޭރޭ ލިބިއްޖެނަމަ، އެއީ 30,295 ދުވަހުގެ ސަވާބު ކަމަށާއި، އެރޭ އަޅުކަމުގައި ދެމިހުރެއްޖެނަމަ، މެދުނުކެނޑި 727،080 ގަޑިއިރު އަޅުކަމުގައި ދެމިހުރުމުން ލިބޭނެ ސަވާބު ލިބިގެންދާނެ ކަމަށް އިލްމުވެރިން ވިދާޅުވެއެވެ. ފަހަށް މަޑުނުކޮށް އެރޭ ލިބިގަންނަން މަސައްކަތް ކުރާށެވެ.