އައްޑޫސިޓީ ހިތަދޫގައި އުމުރުން 6 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމައި އެމީހާ ބަންދުން ދޫކޮށްލައިފިއެވެ.

އުމުރުން 6 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ މަހުގެ 23 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ އިރު، އެ މައްސަލައާ ގުޅިގެން އުމުރުން 57 އަހަރުގެ ދިވެހި އަންހެނަކު އެ މަހުގެ 24 ވަނަ ދުވަހުގެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރިއެވެ. އަދި އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދު ކުރުމަށް އަމުރުވެސް ކުރިއެވެ.

ފުލުހުން ބުނީ، މި މައްސަލަ ހުށަހެޅުމާ އެކު، ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރިއަށް ގެންގޮސް، މައްސަލައާ ގުޅިގެން ސުވާލު ކުރަން ޖެހޭ އެންމެހާ ފަރާތްތަކާ ސުވާލުކޮށް، ހެއްކާއި ގަރީނާ ހޯދުމުގެ މަސައްކަތް ކޮށްފައި ވާ ކަމަށެވެ. އެގޮތުން، މި މައްސަލައިގެ ތަހުގީގުގައި ދިވެހި ފުލުހުންގެ ހިދުމަތުން ހޯދާފައިވާ އެންމެހާ ހެއްކާއި ގަރީނާ، އަދި މައްސަލައާ ގުޅުން ހުރި އެންމެހާ ލިޔެކިޔުންތަކާ އެކު، ޖިނާއީ ދައުވާއެއް ކުރުމާމެދު ގޮތެއް ނިންމުމަށް އެ މައްސަލަ ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އިއްޔެ ފޮނުވާފައި ކަމަށް ފުލުހުން ބުނެއެވެ.

މައްސަލައިގެ ތަހުގީގުގައި ހޯދާފައިވާ ހެއްކާއި ގަރީނާ ވަޒަން ކުރުމަށް ފަހު، ޖިނާއީ ދައުވާއެއް ކޮށްގެން ކުށް ސާބިތު ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާ ކަމަށް ޕީޖީން ބަޔާން ކޮށް މިއަދު ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލާފައި ކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުގައި ހުރި މީހާ މިރޭ ބަންދުން ދޫކޮށްލީ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގެ ތަހުގީގަށް ލިބުނު ހުރިހާ މައުލޫމާތެއްގެ ވަށައިގެންވާ އެންމެހައި ކަންކަން ބަލައި، އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދުމަށް ތަހުގީގުގައި ފުލުހުން މަސައްކަތް ކޮށްފައިވީ ނަމަވެސް، މި މައްސަލައިގައި ހައްޔަރު ކުރި މީހާ ފިޔަވާ އިތުރު މީހެއް ނުވަތަ ބައެއްގެ މައްޗަށް ތުހުމަތު ކުރެވޭ ވަރުގެ އެކަށީގެންވާ ހެއްކެއް ވެސް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.