ހާއްސަ އެހީއަށް ބޭނުން ވާ ނުވަތަ ނުކުޅެދޭ ދަރިއަކު ލިބިވަޑައިގެންފައި ނެތުމީ "ރަހުމަތެއް" ކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވުމާއެކު، ގިނަ ބައެއްގެ ފާޑުކިއުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފިއެވެ.

އިންތިހާބު ބޯމަތިވެފައި ވާ އޮސްޓްރޭލިއާގެ ބޮޑުވަޒީރު މި މޭރުމުން ވާހަކަފުޅު ދެއްކެވީ، އޯޓިޒަމްގެ ތަކުލީފު އުފުލަމުންދާ ދަރިއަކު ހުންނަ އަންހެނަކު، ބޮޑުވަޒީރަށް ދެންނެވި ސުވާލަކަށް ޖަވާބު ދެއްވުމުގެ ތެރޭގައެވެ.

ސުވާލު ހާއްސަވީ ނުކުޅެދޭ ކުދިންނަށް ފޯރުކޯށްދޭ އެހީގެ ޕެކޭޖުތަކާއެކު އެކުދިންގެ މުސްތަގުބަލު އޮންނާނެ ގޮތަކާ މެދުގައެވެ. ސުވާލަށް ޖަވާބު ދެއްވަމުން، ނުކުޅޭ ދަރިއަކު ނެތްކަމީ ރަހުމަތެއް ކަމުގައި ދޭހަވާފަދަ ސަރީހަ އިބާރާތުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން މޮރިސަން ވަނީ އޭނާގެ ސަރުކާރުން ހިންގާ ސްކީމްގެ ކާމިޔާބުގެ ވާހަކަ ދައްކަވާފައެވެ.

އޮސްޓްރޭލިއާގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެންބަރުންނާއި އެނޫންވެސް އިތުރު މީހުން ދަނީ، މޮރިސަންގެ ޝިއާރަށް ފާޑުވިދާޅުވަމުންނެވެ. އަދި "ކޮންމެ ދަރައަކީވެސް ރަހުމަތެއް ކަމަށް" މޮރިސަންއަށް ފާޑުކިއުން އަމާޒު ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މޮރިސަންއަށް ފާޑުވިދާޅުވުން އަމާޒު ކުރެއްވި ފާހަގަކޮށްލެވޭ ޝަހްސުންގެ ތެރޭގައި އޯޓިސްޓިކް ދަރިއެއް ބައްލަވާ ލޭބާ ޕާޓީގެ ސެނެޓާ ކޭޓީ ގެލަގާ، ފުރޮޅުލީ ގޮނޑީގައި އިންނަވާ ސެނެޓާ ޖޯޑަން ސްޓީލީ-ޖޯން ހިމެނިވަޑައިގަންނަވައެވެ.

މޮރިސަން ވަނީ ފާޑުވިދާޅުވުންތަކާ ގުޅިގެން އޭނާގެ ބަސްމަގު ދިފާއު ކުރައްވާފައެވެ. އަދި އޭނާ ވާހަކަފުޅު ދެއްކެވީ ހެޔޮ ނިޔަތެއްގައި ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވާން މަސައްކަތް ކުރެއްވީ، ނުކުޅެދޭ ދަރިއަކު ބަލާ މައިންބަފައިން އުފުލާ ބުރަތައް އުފުއްލަވަން ޖެހިވަޑައި ނުގެންނެވި ވާހަކަކަމަށާ، އެފަދަ ފަރާތްތަކުން އުފުލާ ތަކުލީފު ފަހުމުވެވަޑައި ނުގަންނަވާ ވާހަކަ ކަމަށްވެސް މޮރިސަން ވަނީ ވިދާޅުވެފައެވެ.

އޮސްޓްރޭލިއާގެ އިންތިހާބު ތާވަލު ކޮށްފައި ވަނީ މެއި 21 ވަނަ ދުވަހަށެވެ. ހިޔާލު ހޯދުމުގެ ވޯޓުތަކަށް މާ ބޮޑު އިތުބާރެއް ނެތް ކަމުގައި ވީ ނަމަވެސް، ނަތީޖާ ދައްކާ ގޮތުން، އިދިކޮޅުގެ މަގުބޫލުކަން ދަނީ ބޮޑުވަމުން ކަން ފާހަގަ ކުރަން ޖެހެއެވެ.