ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންގައި ކުރަމުންދާ ވަރުގަދަ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗޭނަށް އަރާފައިވާ ލޮޅުންތަކާއި، ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުން ދިއުމުގެ ސަބަބުން މުޅި ދުނިޔެއަށް ނުތަނަވަސްކަން ވެރިވެފައި ވާ މި ދަނޑިވަޅުގައި، ދުނިޔެއަށް ބޭނުންވާ ކާބޯތަކެތި ސަޕްލައި ކުރުމަށް އިންޑިއާ އޮތީ ތައްޔާރުގައި ކަމަށް، އެ ގައުމުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ދެންނެވީ ހުސްވި ހަފުތާގެ ތެރޭގައެވެ.

މޯދީ ވިދާޅުވީ އިންޑިއާގެ 1.4 ބިލިއަން މީހުންނަށް ބޭނުންވާ ކާބޯތަކެތި އެ ގައުމުގައި އެބަ ހުރި ކަމަށާ، ދުނިޔޭގެ ވިޔަފާރިއާ ބެހޭ ޖަމިއްޔާ (ޑަބްލިއުޓީއޯ) އިން ހުއްދަ ދީފި ކަމުގައި ވަނީ ނަމަ، "މާދަމައިން ފަށައިގެންވެސް މުޅި ދުނިޔެއަށް ކާބޯތަކެތި ސަޕްލައި ކުރަން" އިންޑިއާ ތައްޔާރު ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ (ކ) އަދި އެމެރިކާގެ ރައީސް ޖޯ ބައިޑަން / ފައިލް ފޮޓޯ: ދި އިންޑިއަން އެކްސްޕްރެސް

ފެބުރުއަރީ 24، 2022 ވަނަ ދުވަހު ޔޫކްރައިންގައި ރަޝިއާއިން ހަނގުރާމަ ފެށިއިރުވެސް ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ވަނީ، ފާއިތުވީ 10 އަހަރެއްހާ ދުވަހުގެ ތެރޭގައި ނުއުފުލޭހާ މައްޗަށް އުފުލިފައެވެ. ދަނޑުވެރިކަމުގެ ސިނާއަތަށް ކުރިމަތިވި ގޮންޖެހުންތަކެއްގެ ސަބަބުންނެވެ. ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައާއެކު މަސްރަހު އިތުރަށް ގޯސްވީއެވެ. އަދި ދުނިޔޭގެ ބާޒާރުގައި އަގުތައް މިހާރު ހުރީ 1990 އަށްފަހު، އަގުތައް އުފުލުނު އެންމެ މަތީ މިންވަރުގައި ކަމަށް، ކާބޯތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ އދގެ އިދާރާ (ޔޫއެންއެފްއޭއޯ)ގެ ފުޑް-ޕްރައިސް އިންޑެކްސްއިން ދައްކައެވެ.

ރަޝިއާއާއި ޔޫކްރައިންއަކީ ދުނިޔޭގެ ބާޒާރަށް އެންމެ ފުޅާ ދާއިރާއެއްގައި ގޮދަން އެކްސްޕޯޓް ކުރަމުން ދާ 2 ގައުމެވެ. އަދި ދުނިޔޭގެ ފެންވަރުގައި ކުރާ ގޮދަނުގެ ވިޔަފާރީގެ 3 ބައިކުޅަ 1 ބައި ހިއްސާ ކުރާ 2 ގައުމުވެސްމެއެވެ. ސަންފުލާވާ ތެލުގެ އެކްސްޕޯޓްގެ 55 ޕަސެންޓް ހިއްސާ ކުރަނީ ރަޝިއާއާއި ޔޫކްރައިނުން ކަމަށް ވާއިރު، ޒުވާރިއާއި ބާރުލީގެ 17 ޕަސެންޓް އެކްސްޕޯޓް ހިއްސާ ކުރަނީވެސް އެ 2 ގައުމެވެ. ޔޫއެންއެފްއޭއޯއިން ބުނާ ގޮތުގައި ރަޝިއާއާއި ޔޫކްރައިނުން މި އަހަރު 14 މިލިއަންޓަނުގެ ގޮދަނާއި 16 މިލިއަން ޓަނުގެ ޒުވާރި އެކްސްޕޯޓް ކުރާނެ ކަމަށް އޮތީ ލަފާކޮށްފައެވެ.

ގޮދަން ހެއްދުމުގެ މަސައްކަތުގައި އިންޑިއާގެ ޒުވާނުންތަކެއް ހަރަކާތްތެރިވަނީ / ފޮޓޯ: ދަ ހިންދޫ

ރޯމްގައި ހުންނަވާ ޔޫއެންއެފްއޭއޯގެ އިކޮނޮމިސްޓް އުޕާލީ ގަލްކެޓީ އަރަތްޗިލަގެ ވިދާޅުވީ، ސަޕްލައި ޗޭނަށް ބުރޫ އެރުމާއި ރަޝިއާއާ ދެކޮޅަށް ތަންފީޒު ކުރަމުން ދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މާނައަކީ، ހިސާބު ޖެހުމުގައި، ބަޔާންވެދިޔަ އަދަދުތައް އުނި ކުރަން ޖެހޭނެ ކަމެވެ. އަދި އެކަށީގެންވާ މިންވަރަށް އިންޑިއާގައި ގޮދަނުގެ ސަޕްލައި ހުރިއިރު، މިކަން ފޫބެއްދުމަށް އިންޑިއާއާށް ތެދުވެވިދާނެ ކަމަށްވެސް ޔޫއެންއެފްއޭއޯގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު އިންޑިއާއަކީ 2 ވަނައަށް އެންމެ ފުޅާ ދާއިރާއެއްގައި ހަނޑުލާއި ގޮދަން ހައްދާ ގައުމެވެ. އޭޕްރިލް މަހުގެ ކުރީކޮޅުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ހަނޑުލާއި ގޮދަނުގެ 74 މިލިއަން ޓަނުގެ ސްޓޮކެއް އިންޑިއާގައި އެބަހުއްޓެވެ. އޭގެ ތެރެއިން 21 މިއަން ޓަނަކީ އިންޑިއާގެ ސްޓްރެޓީޖިކް ރިޒާވް އަދި ޕަބްލިކް ޑިސްޓްރިބިއުޝަން ސިސްޓަމް (ޕީޑީއެސް) އަށް ދާނެ ބައެކެވެ. އެއީ 700 މިލިއަނެއްހާ ފަގީރުންނަށް ހެޔޮ އަގުގައި ކާބޯތަކެތީ ފޯރުކޮށްދޭ މަޝްރޫއެކެވެ.

އިންޑިއާގެ ފަގީރު ކުއްޖެއް / ފައިލް ފޮޓޯ: ގެއޯން ކަނެކްޝަން

އިންޑިއާއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ހެޔޮ އަގުގައި ގޮދަނާއި ހަނޑޫ ސަޕްލައި ކުރާ ގައުމެއްވެސްމެއެވެ. އިންޑިއާއިން މިހާރުވެސް ދަނީ 150 ގައުމަކަށް ހަނޑޫ، އަދި 68 ގައުމަކަށް ގޮދަން އެކްސްޕޯޓް ކުރަމުންނެވެ. 2020-2021 ވަނަ އަހަރު އިންޑިއާއިން ވަނީ 7 މިލިއަން ޓަނުގެ ގޮދަން އެކްސްޕޯޓް ކޮށްފައެވެ. ބައިނަލްއަގުވާމީ ބާޒާރުގައި ޑިމާންޑް އުފުލެމުން ދާ ދިއުމާ ގުޅިގެން ބައެއް ވިޔަފާރިވެރިން ވަނީ އޭޕްރިލްއާއި ޖުލައި މަހާ ދެމެދު 3 މިލިއަން ޓަނުގެ ގޮދަން ގަތުމަށް އިންޑިއާއާއެކު ކޮންޓްރެކްޓް ހަދާފައި ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. އިންޑިއާގެ ދަނޑުބިންތަކުން އެކްސްޕޯޓް ކުރި މިންވަރު، 2021-2022 ވަނަ އަހަރު ވަނީ 50 ބިލިއަން ޑޮލަރަށް އަރާފައެވެ.

އިންޑިއަން ކައުންސިލް ފޮ ރިސާޗް އޮން އިންޓަނޭޝަނަލް އިކޮނޮމިކް ރިލޭޝަންސްގެ ދަނޑުވެރިކަމާ ބެހޭ ޕްރޮފެސަރެއް ކަމަށް އަޝޯކް ގުލާތީ ވިދާޅުވީ، މި ހިނގާ މާލީ އަހަރުގެ ތެރޭގައި 22 މިލިއަން ޓަނުގެ ހަނޑޫ، އަދި 16 މިލިއަން ޓަނުގެ ގޮދަން އެކްސްޕޯޓް ކުރުމުގެ ގާބިލުކަން ލިބިފައި ވާ ކަމަށެވެ. ޑަބްލިއުޓީއޯއިން ހުއްދަ ދީފިނަމަ، އެއަށްވުރެވެސް އިތުރަށް، އިންޑިއާއަށް އެކްސްޕޯޓް ކުރެވިދާނެ ކަމަށާ، އެކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގެ އަގުތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބި، މުދާ އިމްޕޯޓް ކުރާ ގައުމުތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމާށްވެސް ޕްރޮފެސަރު ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ސިކުންގެ ބަޔަކާއެކު ކެއުމެއްގައި ބޮޑުވަޒީރު ނަރޭންދްރާ މޯދީ (ކަނާތުން 2 ވަނަ) / ފޮޓޯ: ސޯޝަލް ނިއުސް އެކްސްވައިޒީ

އިންޑިއާގައި މިވަގުތު ސްޓޮކް ހުރި ކަމުގައި ވީ ނަމަވެސް ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް، ދިއްލީގައި މަރުކަޒު ކޮށްގެން ހިންގާ ތިންކް ޓޭންކެއް ކަމަށް ވާ ސެންޓާ ފޮ ޕޮލިސީ ރިސާޗްގެ ސީނިއާ ފެލޯ، ހާރިޝް ދަމޯދަރާން ވަނީ ވިދާޅުވެފައެވެ. އެގޮތުން މުޅި ދުނިޔެއަށް އިންޑިއާއިން ކާންދެނީ ކަމުގައި ތަސްވީރުކޮށްދީ، އެ ޖޯޝުގައި ހައްދުފަހަނަ އަޅާ ގޮސްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުރަތަމަ ކަންބޮޑުވުމަކީ އުއްމީދު ކުރާ ވަރަށް ވުރެ، ދަނޑުބިންތަކުން ލިބޭ އެއްޗެއް މަދުވުމެވެ. އިންޑިއާގައި ގޮދަން ހެއްދުމުގެ އާ މޫސުން ފެށެމުން ދާއިރު، މި މޫސުމުގައި 111 މިލިއަން ޓަނު ލިބޭނެ ކަމަށް އޮފިޝަލުން އަންދާޒާ ކުރައްވައެވެ. ނަމަވެސް ދަމޯދަރާން ފަދަ ތަޖުރިބާކާރުންނަށް އެކަން ގަބޫލުކުރައްވަން ދައްޗެވެ. އާދަޔާ ހިލާފަށް ހޫނު ގަދަވުމާއި ގަދަވިއްސާރަ ފަދަ މޫސުމީ ކަންކަމުގެ އިތުރުން، ގަހު ކަނާގެ ދަތިކަން ކުރިމަތިވެފައި އޮތުމުން، އަންދާޒާތަކާ އެއްވަރަށް ދަނޑުބިންތަކުގެ އުފެއްދުންތެރިކަން ތިޔާގި ވެދާނެ ކަމާ މެދު އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. އަންދާޒާ ކުރުމުގައި އިން ފަހަނައަޅާފައި ވާ ކަމަށާ، ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި އެކަން އެނގޭނެ ކަމަށްވެވެސް ދަމޯދަރާން ވަނީ ވިދާޅުވެފައެވެ.

ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތަކުން މަހްރޫމުވެފައިވާ އިންޑިއާ ކުއްޖެއް / ފޮޓޯ: ޖަޕާން ޓައިމްސް

ގަހުކާނާގެ މައްސަލައަކީ އިންތިހާ ބޮޑު ނުތަނަވަސްކަމެކެވެ. ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައާއެކު، އިންޑިއާގައި ހުރި ގަހު ކާނާގެ ސްޓޮކް ދަނީ ހީނަރުވަމުންނެވެ. އިންޑިއާއަކީ ގަހު ކާނާގެ ބާވަތްތައް އިމްޕޯޓް ކުރާ ގައުމަކަށް ވާ އިރު، ގަހު ކާނާގެ 40 ޕަސެންޓް ހިއްސާ އޮންނަނީ ރަޝިއާއާއި ބެލަރޫސްގައެވެ. ގުދުރަތީ ގޭހުގެ އަގުވެސް ހަނގުރާމައިގެ ސަބަބުން އުފުލެމުން ދާ މި ދަނޑިވަޅުގައި، ގަހު ކާނާގެ އަގުވެސް ދަނީ އުފުލެމުންނެވެ.

ގަހު ކާނާ ލިބުން ދަތިވުމުގެ އަސަރު، ކުރިއަށް އޮތް، އިންޑިއާގެ ދަނޑުވެރިކަމުގެ މޫސުމަށް ފޯރާނެއެވެ. މިކަމުގައި އިންޑިއާއަށް އޮތް ގޮތަކީ، ގޮދަން ދީގެން ބަދަލުގައި ގަހު ކާނާ ހޯދާ ޑީލްތަކެއް، މިސްރު ފަދަ ގައުމުތަކާއެކުގައި ގާއިމު ކުރުން ކަމަށް ދަމީދަރާން ވިދާޅުވިއެވެ.

ހަނގުރާމަ ދިގުލައިގެން ދިއުމަކީވެސް އިންޑިއާއަށް އޮތް ނުރައްކަލެކެވެ. ހަނގުރާމައިގެ ސަބަބުން ލޮޖިސްޓިކްސް މައްސަލަ ކުރިމަތިވެ، ފުޅާ ދާއިރާއެއްގައި އެކްސްޕޯޓް ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. ގޮދަން ފަދަ އުފެއްދުންތަކީ ވަކި ކަންކަމަކަށް ބަލައިގެން އެކްސްޕޯޓް ކުރަން ޖެހޭ ބާވަތަކަށް ވާއިރު ފްރެއިޓް އަގު އުފުލުމުގެ ބިރުވެސް ބޮޑެވެ.

ގޮދަން ހެއްދުމުގެ މަސައްކަތުގައި އިންޑިއާ ހަރަކާތްތެރިވަނީ / ފޮޓޯ: ހިންދުސްތާން ޓައިމްސް

ދެން އޮތީ އިންޑިއާގެ ބާޒާރުތަކުގައި ކާބޯތަކެތީގެ އަގު އުފުލުމުގެ ކަންބޮޑުވުމެވެ. މާޗް 2022 އަށް ބަލާއިރު އިންޑިއާގައި ކާބޯތަކެތީގެ އިންފްލޭޝަން ރޭޓް ވަނީ 7.68 ޕަސެންޓަށް އުފުލިފައެވެ. އެއީ ފާއިތުވީ 16 މަހެއްހާ ދުވަހަށް ބަލާއިރު މަތީ އަދަދެކެވެ. އިންޑިއާގެ އިންފްލޭޝަން ރޭޓް މައްޗަށް ދިއުމުގެ މައިގަނޑު ހިއްސާދާރުންގެ ތެރޭގައި ކެއިންބުއިމުގައި ބޭނުން ކުރާ އެކި ބާވަތްތަކުގެ ތެޔޮ، ތަރުކާރީ، ގޮވާމުގެ ބާވަތްތައް، ކިރު، އެއްގަމު މަހާއި ކަނޑުމަހުގެ އަގުތައް ހިމެނެއެވެ. އިންޑިއާގެ މަރުކަޒީ ބޭންކުންވެސް ވަނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުން ދިއުމުގެ ޕްރެޝަރު އިންޑިއާއަށްވެސް ކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

ރަޝިއާއިން ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމައިގެ އަސަރު، ދުނިޔޭގެ ކާބޯތަކެތީގެ ސަލާމަތްތެރިކަމަށް ފޯރާނެއެވެ. ގުދަނާއި ގަހުކާނާގެ އިތުރުން އެހެންވެސް އުފެއްދުންތަކުގެ ސަޕްލައިއަށް ބުރޫ އަރަމުން ދާ ނަމަ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި، ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތަކުން މަހްރޫމުވެފައިވާ މީހުންގެ އަދަދު 8 މިލިއަނުން 13 މިލިއަނަށް އަރާނެ ކަމަށް ޔޫއެންއެފްއޭއޯއިން އަންދާޒާ ކުރެއެވެ. ބޮޑުވަޒީރު މޯދީގެ ގުޖުރާތު ސްޓޭޓްގައިވެސް މިފަދަ އެތައް ކުދިންނެއް އެބަ ތިއްބެވެ.

އިންޑިއާއިން މުޅި ދުނިޔެއަށް ކާބޯތަކެތީ ފޯރުކޮށްދީގެން ކޮންމެ ފަދަ މަގުސަދެއް ހާސިލު ކުރުމަށް މަސައްކަތް ކުރި ކަމުގައި ވީ ނަމަވެސް ސަމާލުކަން ދޭންޖެހޭ ކަމަކީ، އިންޑިއާގެ ބާޒާރުތަކަށް އެކަމުގެ ނޭދެވޭ އަސަރު ފޯރައިފިނަމަ ސަރުކާރު ވެއްޓުމުގެ ބިރު އެބައޮތް ކަމެވެ. ބާޒާރުގައި ފިޔާގެ އަގު އުފުލުމުގެ ސަބަބުން ސްޓޭޓް އަދި ފެޑެރަލް ސަރުކާރަށް ލޮޅުންތަކެއް އެރިކަން، އިންޑިއާގެ މައި ސަރުކާރުގެ ހަނދާނުން ކައްސާލީ ކަމުގައި ވެދާނެއެވެ.