އަވަށްޓެރި ސްރީލަންކާގެ ރަމްބޫކަންނާ އަވަށުގައި ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާ ލުމަށް އެ ގައުމުގެ ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ތެރޭގައި 1 މަރުވެ، އިތުރު 27 މީހަކު ޒަހަމްވެއްޖެއެވެ.

ހަކަތައިގެ އަގުތައް އުފުލެމުން ދިއުމާ ގުޅިގެން ސްރީލަންކާގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރަމްބޫކަންނާ އަވަށުގައި އަންގާރަ ދުވަހުގެ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ކަރުނަ ގޭހުގެ އިތުރުން ބަޑީގެ ބާރުގެ ބޭނުން ކޮށްފައެވެ.

ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އަނިޔާވީ މީހުންނަށް ފަރުވާ ދެމުން ދަނީ ކީގޯލްއާއި ރަމްބޫކަންނާގެ ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ކަމަށް ހަބަރު ލިބެއެވެ.

މަރުވެފައި ވަނީ ކީގޯލް ހޮސްޕިޓަލުގައި އެޑްމިޓް ކުރި 10 މީހުންގެ ތެރެއިން މީހަކު ކަމަށް ހޮސްޕިޓަލު ޑައިރެކްޓާ ޑރ މިހިރީ ޕްރިޔަންގަނީ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ދެން ތިބި 9 މީހުންގެ ތެރެއިން 2 މީހެއްގެ ހާލު ސީރިއަސް ކަމަށްވެސް ޑރ ޕްރިޔަންގަނީ ވަނީ ވިދާޅުވެފައެވެ. އަދި އެމީހުންނަށް ލިބިފައިވަނީ ބަޑީގެ ހަމަލާތަކަކުން ލިބިފައި ވާ އަނިޔާއެއް ކަމަށް ތުހުމަތު ކުރައްވާ ކަމަށް ވެސް ޑރ ޕްރިޔަންގަނީ ވަނީ ވިދާޅުވެފައެވެ. އެކި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންނަށް ބަލާއިރު ޖުމުލަ 4 މީހެއްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

ރަމްބޫކަންނާގައި އަންގާރަ ދުވަހު އަނިޔާވީ މީހުންގެ ތެރޭގައި ފުލުހުންގެ 10 މީހަކު ހިމެނޭއިރު، އެސިސްޓަންޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލީސްއަށްވެސް އަނިޔާވެފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ސްރީލަންކާގެ ފުލުހުން ވަނީ، މުޒާހަރާ ރޫޅާލުމަށްޓަކާ ބަޑީގެ ބާރުގެ ބޭނުން ކޮށްފައި ވާ ކަން ކަށަވަރު ކޮށްދީފައެވެ. ފުލުހުންގެ ތަރުޖަމާނު އެސްއެސްޕީ ނިހާލް ތަލްދުވާ ވިދާޅުވީ، ސަރަހައްދު ދޫކޮށް ދިއުމަށް އިންޒާރު ދީފައި ވާނެ ކަމަށާ، ނަމަވެސް މުޒާހަރާގެ ބައިވެރިން އެކަމަށް އިޖާބަ ދީފައި ނުވާ ކަމަށެވެ. އަދި މުޒާހަރާގެ ބައިވެރިން ތައްޔާރު ވަމުން ދިޔައީ ޕެޓްރޯލް ބައުޒަރެއްގައި ހުޅުޖެހުމަށް ކަމަށްވެސް ފުލުހުންގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ކަރުނަ ގޭސް ބޭނުން ކުރުމުން މަސްރަހު ނުތަނަވަސް ވެގެން ދިޔަ ކަމަށް މައުލޫމާތު ލިބެއެވެ. މަގުތަކާ ރޭލު ދަގަނޑުތައް ބަންދުކޮށްގެން މުޒާހަރާ ބައިވެރިން ހަރަކާތްތެރިވަމުން ދިޔަތާ 15 ވަރަކަށް ގަޑިއިރު ވެފައި ވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކަން މިހެން އޮތްއިރު ވަކި އެއްޗެއް އަންގަންދެން، ރަމްބޫކަންނާގައި މިހާރު ވަނީ ކާފިއު އިއުލާން ކޮށްފައެވެ. އަދި ކާފިއުގެ އަމުރާ ހިލާފު ވާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރުވެސް ފުލުހުންގެ ތަރުޖަމާނު އެސްއެސްޕީ ތަލްދުވާ ވަނީ ދެއްވާފައެވެ.

ސްރީލަންކާގެ އެކި ހިސާބުތަކުގައި މިހާރު ކުރިއަށް ދާ މުޒަހާރާތަކަކީ ހަކަތައިގެ ސަޕްލައި އެކަށީގެންވާ ގޮތެއްގައި ނުލިބުމާއި، އާންމު އަދި ޒަރޫރީ މުދަލުގެ އަގު، އަތް ނުފޯރާ ފަށަށް އުފުލެމުން ދިއުން ފަދަ މައްސަލަތަކާ ގުޅިގެން ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކެކެވެ. ސްރީލަންކާގެ މިނިވަން ކަމުގެ ތާރީހު ނުދެކޭ ފަދަ ފުން، އިގުތިސޯދީ އަދި މާލީ ހީނަރު ކަމުގެ އަނދަވަޅެއްގެ ތެރެއަށް ގައުމު ވެއްޓިފައި ވާ އިރު، ގޯސްތަކެއް ހެއްދެވިފައި ވާ ކަމަށް، އެ ގައުމުގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ މިހާރު ވަނީ އިއުތިރާފުވެވަޑައިގެންފައެވެ. ގޮތަބާޔާގެ އިސްތިއުފާއަށް ގޮވާލާ އަޑު، ސްރީލަންކާގައި ގުގުމަން ދިޔަ ކަމުގައި ވީ ނަމަވެސް، އަދި މިހާތަނަށް އެނާ އެކަމަށް ދެއްވާފައި ވަނީ ބީރު ކަންފަތެކެވެ.