ޔޫކްރައިންގެ އިރުމަތީގައި އޮންނަ ޑޮންބާސް ސަރަހައްދު އަތުލުމަށް ރަޝިއާއިން އަސްކަރީ ބާރާއެކު މަސައްކަތް ފަށާފައި ވާ ކަމަށް، ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޔޫކްރައިންގެ ސަލާމަތާ ބެހޭ އިސް އޮފިޝަލު އޮލެކްސީ ޑެނިލޯވް ވިދާޅުވީ، އެ ސަރަހައްދުގެ ފްރަންޓްލައިންގައި އޮތް ޔޫކްރައިންގެ ފައުޖު ފޫ އަޅުވާލުމަށް ރަޝިއާއިން މަސައްކަތް ކޮށްފައި ވާ ކަމަށެވެ.

ރަޝިއާއިން ޔޫކްރައިންއަށް އަރާ، ކުރަމުން ދާ ހަނގުރާމައިގެ ތެރޭގައި، ޔޫކްރައިންގެ ވެރިރަށް ކިއޭވް ހިފުމަށް ރަޝިއާ ފެއިލްވުމާއެކު، ޑޮންބާސް ހިފަން ރަޝިއާއިން މަސައްކަތް ކުރާނެކަން އޮތީ ލަފާ ކުރެވިފައެވެ.

ފެބުރުއަރީ 24 ވަނަ ދުވަހު ރަޝިއާއިން ޔޫކްރައިންއަށް އަރާ ހަނގުރާމަ ފެށިއިރު އެންމެ ބޮޑު ސަމާލުކަމެއް ދިނީ ޔޫކްރައިންގެ ވަރުގަދަ ސިޓީތައް ހިފާށެވެ. ނަމަވެސް ދެކޮޅުވެރިކަމާ ކުރިމަތިވުމާއެކު ރަޝިއާގެ ދިފާއި އޮފިޝަލުން ވަނީ ހަނގުރާމައިގެ އޮޕަރޭޝަންތަކުގެ ފުރަތަމަ މަރުހަލާ ނިމިފައި ވާ ކަމަށާ، ވެރިރަށް ކިއޭވް ވަށައިގެން ވާ ސަރަހައްދުތަކަށް ފައުޖުތައް ބަދަލު ވަމުން ދާ ކަން ހާމަ ކުރައްވާފައެވެ.

ޑޮންބާސްއާއި ލުހާންސްކް ސަރަހައްދުގައި ރަޝިއާއިން ހަމަލާތައް ވަރުގަދަ ކޮށްފައި ވާ އިރު، ލުހާންސްކްގެ ގަވަރުނަރު ވަނީ، މެދުކެނޑުމެއް ނެތި، ބައެއް ސިޓީތަކަށް ހަމަލާތައް ދެމުން ދާ ކަން ފާހަގަ ކުރައްވާފައެވެ. ހުސްވި މަހު ރަޝިއާއިން ވަނީ ލުހާންސްކްގެ 93 ޕަސެންޓް ރަޝިއާގެ އަތްދަށުގައި އޮތް ކަމަށް ވަކާލާތު ކޮށްފައެވެ.

ރަޝިއާގެ ހަމަލާތަކީ ހަނގުރާމައިގެ 2 ވަނަ މަރުހަލާގެ ފެށުން ކަމަށް ޒެލެންސްކީގެ ޗީފް އޮފް ސްޓާފް އާންޑްރީ ޔެރްމާކް ވަނީ ސިފަ ކުރައްވާފައެވެ. އަދި ހަމަލާތައް ކޮންޓްރޯލް ކުރުމުގެ ގާބިލު ކަން، ޔޫކްރައިންގެ ފައުޖުތަކަށް ލިބިގެން ވާ ކަމަށްވެސް އޮފިޝަލު ވަނީ ވިދާޅުވެފައެވެ.