އެމްޑީީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރި ގަދަވެ ކެމްޕެއިން ކުރަމުން އަންނަ މި ދުވަސްވަރު އަނެއްކާވެސް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ރައީސް ސޯލިހުގެ ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ނަޝީދު ސަރުކާރަށް ފާޑުވިދާލުވެފައި ވަނީ އެމްޑީޕީގެ މެންބަރުން ތިއްބަވާ ގްރޫޕެއްގައެވެ. ނަޝީދު ވިދާޅުވީ މި ވެރިކަމަށް ތާއީދު ބޮޑު ކަމަށް ސަރުކާރުން ލަފާކުރި ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިންތިހާބު ކާމިޔާބު ކުރަން އެމްޑީޕީއަށް އުނދަގޫ ވާނެ ކަމަށެވެ. އެގޮތުން އަންނަ ރިޔާސީ އިންތިހާބުން 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ހޯދުމަކީ އުނދަގޫ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ސަރުކާރަށް އޮތް ތާއީދު ބޮޑު ކަަމަށް ލަފާ ކުރެވުނަސް މިހާތަނަށް ވަރަށް ގިނަ ގޯސްތައް ހެދިއްޖެ ކަމަށާއި އެ ގޯސްތައް އެއް ބަޔަކު އަނެއް ބަޔަކަށް ގަބޫލު ނުކުރާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާ އިރު، މީގެ ކުރިން އެއްވެސް ޕާޓީއަކަށް 50 ޕަސެންޓް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ވެރިކަން ކުރާ ޕާޓީއަކަށް އިންތިހާބު ކާމިޔާބު ކުރެވެނީ އެހެން ޕާޓީތަކާ އެކު ހަދާ ކޯލިޝަނަކުންނެވެ.

މީގެ ކުރިން ރައީސް ނަޝީދު ވަނީ، މި ސަރުކާރު ވެރިކަމަށް އައި އިރު މަސްވެރިންނަށް ފުއްދައިދޭން ބުނި ވައުދުތައް ނުފުއްދާ ކަމަށް ވިދާޅުވެ އެމްޑީޕީގެ މެނިފެސްޓޯއަށް އެނބުރި އައުމަށް ގޮވާލައްވާފައެވެ. މި ދުވަސްވަރު ނަޝީދު ސަރުކާރަށް ފާޑު ވިދާޅުވާ އިރު، އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅިގެން ޕާޓީގެ ތެރެ ވަނީ ދެ ފެކްޝަނަކަށް ބެހިފައެވެ.

ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ (އިންތި) އަކީ ސިޔާސީ ގޮތުން އެމްޑީޕީއަށް މުހިންމު ދެބޭފުޅުންނަށް ވާއިރު، އެ ދެބޭފުޅުން ނިސްބަތްވަނީ އެ ޕާޓީ ތެރޭގައި މިހާރު އޮތް ސިޔާސީ ދެބައިވުމާ އެއްގޮތަށް 2 ފެކްޝަނަށެވެ. ފައްޔާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނެކެވެ. އިންތި އަކީ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެވެ.