31 މާޗް 2022 ގައި ނިންމާލި ސްރީލަންކާގެ މާލީ އަހަރުގެ 4 ވަނަ ކުއާޓަރުގައި، އެ ގައުމުގެ ގައުމީ އެއާލައިންއަށް ބޮޑު ފައިދާއެއް ލިބިފައި ވާ ކަން ހާމަ ކޮށްފިއެވެ.
އެގޮތުން މިދިޔަ 3 މަސްދުވަސް ނުވަތަ މާލީ އަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި ސްރީލަންކަން އެއާލައިންސްއަށް ސާފު ފައިދާގެ ގޮތުގައި 1.7 މިލިއަން ޑޮލަރު ލިބިފައި ވާ އިރު، އެއީ 2006 ވަނަ އަހަރަށް ފަހު މިހާ ބޮޑު ފައިދާއެއް ލިބުނު ފުރަތަމަ ފަހަރެވެ.
ފަހު ކުއާޓަރުގައި ސްރީލަންކަން އެއާލައިންސްއަށް ސާފު ފައިދާގެ ގޮތުގައި 1.7 ބިލިއަން ޑޮލަރު ލިބިފައި މި ވަނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ކުރިމަތިލާންޖެހުނު ގޮންޖެހުންތަކާވެސް އެކުގައި ކަން އެއާލައިނުން ފާހަގަ ކުރެއެވެ.
މި ކާމިޔާބީ އެއާލައިންއަށް ހާސިލު ކުރެވިފައި ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިގެން ކަން ވެސް ފާހަގަ ކުރަން ޖެހެއެވެ. އެގޮތުން މުވައްޒަފުންގެ އަދަދު މަދުކުރުމާއި، ސަޕްލަޔަރުންނާއެކު ކޮންޓްރެކްޓް މުރާޖައާ ކުރުމާ، ކާގޯއިން ލިބޭ އާމްދަނީ އިތުރު ކުރުމާއި ޓްރެވެލް ޑިމާންޑް އިތުރު ކުރުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ.
މިދިޔަ 4 މަހެއްހާ ދުވަހަށް ބަލާއިރު ސްރީލަންކަންއިން ވަނީ ފައިދާގެ ގޮތުގައި 12 މިލިއަން ޑޮލަރު ޖަމާކޮށްފައެވެ.
ސްރީލަންކަންގެ ހިދުމަތް އިތުރަށް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެ އެއާލައިނުން ދަތުރު ކުރާ މަންޒިލްތައް އިތުރު ކޮށްފައިވެއެވެ. އެގޮތުން ސޯލް، މޮސްކޯ، ކަތުމަންޑޫ އަދި ޕެރިސް ފަދަ މަންޒިލްތައް ވަނީ އިތުރު ކޮށްފައެވެ. އަދި ސްރީލަންކަންއިން ދަތުރު ކުރާ މަންޒިލްތަކަށް ދަތުރު ކުރާ މިންވަރުވެސް އިތުރު ކުރިއެވެ.
ސްރީލަންކަން އެއާލައިންސްއިން މިހާރު އަމާޒު ހިފާފައި ވަނީ ކޮވިޑް-19ގެ ކުރީގެ މިންވަރުތައް އަލުން އަތުލުމަށެވެ. މި ދަނޑިވަޅަކީ އިގުތިސޯދީ އަދި މާލީ ހީނަރު ކަމުގެ ސަބަބުން ސްރީލަންކާގެ މަސްރަހު އިންތިހާއަށް ނުތަނަވަސް ވެފައި ވާ އިރު، ގިނަ ބައެއްގެ ސަމާލުކަން ވަނީ އެ ގައުމަށް ހުއްޓިފައެވެ.