ބައިނަލްއަގުވާމީ މައިދާނުން އިންތިހާއަށް އެކަހެރި ކޮށްފައި ވާ އުތުރު ކޮރެއާއިން، އެ ގައުމަށް ލިބިފައި ވާ ނިއުކްލިއާ ގާބިލިއްޔަތުކަން އިތުރު ކުރުމުގެގޮތުން، އާ ބާވަތެއްގެ ޓެކްޓިކަލް ގައިޑަޑް ހަތިޔާރެއް ޓެސްޓު ކޮށްފިއެވެ.

އުތުރު ކޮރެއާއިން އަނެއްކާވެސް ވަރުގަދަ އަސްކަރީ ހަތިޔާރެއް ޓެސްޓު ކުރި ކަމުގެ ހަބަރު ފެންމަތި ވެފައި މިވަނީ، އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރުމުގެ މަސައްކަތް އަލުން ފަށާފާނެ ކަމުގެ އިންޒާރު، ދެކުނު ކޮރެއާއާއި އެމެރިކާއިން ދީފައި ވާ ދަނޑިވަޅެއްގައެވެ.

އުތުރު ކޮރެއާއިން ވަނީ ބައްރު ހުރަސްކޮށް ދުރު ރާސްތާތަކަށް ދަތުރު ކުރުމުގެ ގާބިލުކަން ލިބިފައިވާ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއްވެސް ހުސްވި މަހު ތަހުލީލު ކޮށްފައެވެ.

އާ ބާވަތެއްގެ ޓެކްޓިކަލް ގައިޑަޑް ހަތިޔާރެއް އުތުރު ކޮރެއާއިނ ޓެސްޓު ކޮށްފައި ވާ ކަމަށް ކޮރިއަން ސެންޓްރަލް ނިއުސް އޭޖެންސީއިން ރިޕޯޓް ކުރި ނަމަވެސް، އެއީ ކޮން ވަގުތެއްގައި ކުރިއަށް ގެންދިޔަ ޓެސްޓެއް ކަމެއް ނުވަތަ ކޮން ސަރަހައްދެއްގައި ކުރި ޓެސްޓެއް ކަން ހާމަ ކޮށްފައެއް ނުވެއެވެ.

ނަމަވެސް ދެކުނު ކޮރެއާއިން ވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި، އުތުރު ކޮރެއާގެ އިރުމަތީ އައްސޭރިއާ ދިމާއިން 2 ހަތިޔާރެއް ވައިގެ ތެރެއަށް އަރައިގެން ދިޔަ މަންޒަރު ފެނުނު ކަމަށް ރިޕޯޓް ކޮށްފައެވެ.

އުތުރު ކޮރެއާގެ ނުފޫޒުގަދަ ލީޑަރު ކިމް ޖޮންގް އުން ވަނީ ހަތިޔާރު ޓެސްޓު ކުރުމުގައި ބައިވެރިވެވަޑައިގެންފައެވެ.