ތިލަމާލެ ބްރިޖުގެ މަސައްކަތަށް ވިލިމާލޭގެ ހުޅަނގު ދެކުނު ފަރާތުގެ ފަޅު ހުސްކުރަން ސިޓީ ކައުންސިލުން އަންގައިފިއެވެ.
އެ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ބުނީ ބްރިޖުގެ މަސައްކަތަށް ވިލިނގިލީގެ ފަޅުތެރެ އާއި އެއްގަމުން ހާއްސަކޮށްފައިވާ ސަރަހައްދު ވަކިކުރަން ފެންސް ޖެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެހެންކަމުން އެ އުޅަނދުތައް ބަދަލުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް މި މަހުގެ 19 ވަނަ ދުވަހުގެ އިރުއޮއްސި 6 ގެ ކުރިން ބަދަލުކުރުމަށް ސިޓީ ކައުންސިލުން އެދިފައިވެއެވެ.
ސިޓީ ކައުންސިލުން ބުނީ އެ މުއްދަތުގެ ތެރޭގައި ނުނަގާ ހުންނަ އުޅަނދުތައް ކައުންސިލުން ނަގައި އެ ބެހެއްޓުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ބަދަލުކުރާނެ ކަމަށާއި އެ ބަދަލުކުރުމުގެ ތެރޭގައި އުޅަނދަށް ލިބޭ ގެއްލުމަށް ޒިންމާ ނުވާނެ ކަމަށެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކާއި އެ ގައުމުން ދޭ އެހީއެއް އެއްކޮށްލައިގެން ހަރަދުކުރާ ގޮތަށް ހިންގަން ނިންމާފައިވާ ތިލަމާލެ ބްރިޖުގެ މަސައްކަތް އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރު އޮގަސްޓް މަހު 26 ގައެވެ.
އެ މަޝްރޫއުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދު ގުޅައިލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާން ނިންމާފައިވާއިރު 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. އެއީ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.