ލައިޓަރެއް ނޭޅިގެން ޖެހުނު މައްސަލައެއްގައި މާރާމާރީ ހިންގި މީހަކު 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ޖޫން 15، 2015 ވަނަ ދުވަހުގެ ރޭ އޯކިޑުމަގުގައި ހިންގި އެ މާރާމާރީ ފެށިފައިވަނީ އިންޑިއާގެ ދެ ރައްޔިތުން ކަމަށްވާ، އަރުލްދާސް ސަމްޕްސަން އާއި ބެންޖަމިން ކިރުބަ އެ މަގުގައި ތިއްބާ ގުނަސީލަން ޕިޗައިމުތު އެތަނަށް ގޮސް ސިނގިރޭޓް ރޯކުރަން އަރުލްދާސް އަތުން ހޯދި ލައިޓަރު ނޭޅިގެން އޭނާގެ ކީ އެއްޗެހިން ގުނަސީލަންގެ ގަމީހުގައި އަރުލްދާސް ހިފުމުންނެވެ. އަދި ގުނަސީލަން ވަނީ އޭނާގެ ޖީބުގައި އޮތް ވަޅިއަކުން އަރުލްދާސްއަށް ހަމަލާދީ ޒަހަމްކޮށްލައިފައެވެ. އެ ހަމަނުޖެހުން ހުއްޓުވަން ބެންޖަމިން މަސައްކަތް ކުރުމުން އޭނާއަށްވެސް ވަނީ ވަޅިން ހަމަލާދީފައި ވެއެވެ.
މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ގުނަސީލަންގެ މައްޗަށް ވަނީ ކޮށްފައެވެ.
އެ ހާދިސާގައި އަރުލްދާސްއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު އޭނާގެ ފަސް ތަނަކަށް އަނިޔާ ލިބިފާވެއެވެ. އަދި ބުރަކަށީގެ ތިން ތަނެއް ފުންކޮށް ޒަހަމްކޮށްލާފައިވާ ކަމަށްވެސް އައިޖީއެމްއެޗްގެ ޑޮކްޓަރު ވަނީ ބުނެފައެވެ. އަދި މާރާމާރީ ހުއްޓުވަން އުޅުނު މީހާގެ މޭ މައްޗަށް ވަޅިން ވަނީ ހަމަލާދީފައެވެ.
ޝަރީއަތުގެ މަޖިލީހުގައި ގުނަސީލަން ބުނީ އޭރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި ދައުވާގައި ބުނާ އަމަލަކީ އޭނާ ގަސްތުގައި ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް ގާޒީ ވަނީ އެއީ ގަސްތުގައި ކުރި އަމަލެއް ނޫން ކަމަށް ސާބިތު ކޮށްދެވިފައިނުވާ ކަމަށް ބުނެފައެވެ.
އެ ކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުމެވެ. ގުނަސީލަންގެ މައްޗަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވީ ނަމަވެސް ޖޫން 16، 2018 ވަނަ ދުވަހުން ފެށިގެން އޭނާ ހުރީ ބަންދުގައެވެ. އެހެންކަމުން ތިން އަހަރާއި ނުވަ މަހާއި 29 ދުވަސް އޭނާ ބަންދުގައި ހޭދަކޮށްފައިވާތީ އޭނާ ތަންފީޒު ކުރަންޖެހޭ އަދަބަކީ ހަ އަހަރާއި ދެ މަހާއި އެއް ދުވަހުގެ ޖަލު އަދަބެއް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.