ހަކަތަ ބޭނުން ކުރާ މިންވަރު މަދުކޮށް، ކާރުތައް ބޭނުން ކުރުން ހުއްޓާލައިގެން، ރަޝިއާގެ ތެލާއި ގޭހުގެ މައްޗަށް އެ ގައުމުން ބަރޯސާވެފައިވާ ވުން ނިމުމަކަށް ގެނައުމަށް، ޖަރުމަނުވިލާތުގެ ވައިސް ޗާންސެލާ ރިބާޓް ހާބެކް، އެ ގައުމުގެ އާންމު ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.

ޖަރުމަނުވިލާތުގައި އިގުތިސޯދީ ވަޒީރުކަން ވެސް ކުރައްވަމުން ގެންދަވާ ހާބެކް ވިދާޅުވީ މިފަދައިން ކަން ކުރުމަކީ ޖީބަށް ލުއި ގޮތަކަށް ވާ އިރު، އެއީ ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން ކޯފާއިސް ކުރުވާނެ ކަމެއް ކަމަށެވެ.

ޖަރުމަނުވިލާތަކީ، ރަޝިއާއިން ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމައާ ގުޅިގެން، ރަޝިއާގެ ތެލާއި ގޭހަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލަމުންދާ ގޯވާލުންތަކަށް އަދި ކިޔަމަންވެފައި ވާ ގައުމެއް ނޫނެވެ.

ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީވެސް ވަނީ ޖަރުމަނުވިލާތާއި ހަންގޭރީއިން ރަޝިއާއަށް ފުރަގަސްދީފައި ނުވާތީ އެކަމަށް ފާޑުވިދާޅުވެފައެވެ. ތެޔޮ އެކްސްޕޯޓްކޮށްގެން ބިލިއަނުން ފައިސާ ވަންނަމުން ދިއުމަކީ ރަޝިއާއިން ސުލްހައިގެ މަޝްވަރާތައް ސީރިއަސްކޮށް ނުނެގުމުގެ ސަބަބެއް ކަމަށް ޒެލެންސްކީ ވަނީ ވަކާލާތު ކުރައްވާފައެވެ.

ޖަރުމަނުވިލާތުގެ އިމްޕޯޓް، މި އަހަރު ދަށްވި ނަމަވެސް، އެ ގައުމަށް ބޭނުން ވާ ތެލުގެ 4 ބައިކުޅަ 1 ބައި، އަދި ގޭހުގެ 40 ޕަސެންޓް ގެންނަނީ ރަޝިއާއިންނެވެ. ޖަރުމަނުވިލާތުން ވަނީ ރަޝިއާގެ ވަރުގަދަ ގޭސްޕައިޕްލައިން "ނޯޑް ސްޓްރީމް 2" ހުޅުވުންވެސް ހުއްޓުވާފައެވެ.

މި ދަނޑިވަޅުގައި މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ހާބެކް ވިދާޅުވީ ޖަރުމަނުން ހަކަތަ ބޭނުން ކުރާ މިންވަރު 10 ޕަސެންޓް ދަށްކޮށްގެންވެސް ރަޝިއާގެ މައްޗަށް ވެފައިވާ ބަރޯސާގައި ގުދު ލައްވާލެވިދާނެ ކަމަށެވެ. ހޫނު ކުރާ ނިޒާމުތައް ކުޑަކޮށް ދަށްކޮށްލައިގެން ގަނޑުވާނެ މީހަކު ނުހުންނާނެ ކަމަށް ހާބެކް ވަނީ ވިދާޅުވެފައެވެ. އަދި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގެ ދުވަސްވަރު އަމަލު ކުރި ފަދައިން، ހަފުތާއަކު 1 ދުވަހު ނުވަތަ 2 ދުވަހު ގޭގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށްވެސް ޖަރުމަނުވިލާތުން ވަނީ ބާރު އަޅާފައެވެ.