އަގްސޯ މިސްކިތު ގޯތި ތެރޭގައި ފަލަސްތީނު ރައްޔިތުންނާއި އިޒްރޭލު ފުލުހުންނާ ދެމެދު މިއަދު ހިންގި ކުރިމަތިލުންތަކުގައި ޒަހަމްވީ މީހުންގެ އަދަދު 150 އަށް ވުރެ މައްޗަށް އަރާފައި ވާ ކަމަށް ފަލަސްތީނުގެ މެޑިކްސްއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.
ބީބީސީއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި އިޒްރޭލުގެ ފުލުހުން އަގްސޯ މިސްކިތަށް ވަދެގެންފައި ވަނީ ބަޑިބޭހާއި އޮއްގަލާއި އެނޫންވެސް ބައެއް ތަކެތީގެ ހަމަލާތަކެއް އަމާޒުވުމަށް ފަހުގައެވެ. އަދި އިޒްރޭލު ފުލުހުންގެ 3 މީހަކު ޒަހަމްވި ކަމަށްވެސް ހަބަރު ލިބެއެވެ.
މި ދަނޑީވަޅަކީ ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިންގާ ރެއިޑްތައް ވަރުގަދަކޮށް، ފަލަސްތީނުގެ އާންމު ރައްޔިތުންގެ ފުރާނަ ގެއްލި ދިއުމުގެ ސަބަބުން އިޒްރޭލާއި ފަލަސްތީނުގެ ޒަމާންވީ ހަތުރުވެރި މަސްރަހު އިންތިހާއަށް ނުރައްކާ ވެފައި ވާ ދަނޑިވަޅެކެވެ.
އިޒްރޭލުން ބުރާސްފަތި ދުވަހު ހިނގި އޮޕަރޭޝަންގައި ޒަހަމްވި، އުމުރުން 17 އަހަރުގެ ކުއްޖަކުވެސް މިއަދު ވަނީ މަރުވެފައެވެ.
ފަލަސްތީނުގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި އަލް-އަގްސޯ މިސްކިތު ގޯތި ތެރޭގައި އިޒްރޭލުން ހިންގި އަމަލުތައް ކުށްވެރި ކޮށްފައި ވެއެވެ. އަދި އިޒްރޭލުން ކުރި ކުށުގެ ފުރިހަމަ އަދި ސީދާ ޒިންމާ އުފުލަން ޖެހޭނީވެސް ހުދު އިޒްރޭލުން ކަމަށާ، އެކަމަކުގެ ސަބަބުން ދެން ކުރިމަތިލާން ޖެހޭ ކަންކަމާވެސް އިޒްރޭލަށް ކުރިމަތިލާން ޖެހޭނެކަމަށް ވެސް ފަލަސްތީނު ހާރިޖިއްޔާގެ ބަޔާނުގައިވެއެވެ.