އެމެރިކާ އިސްވެ އޮވެ ހިންގާ އުތުރު އެމެރިކާ ގައުމުތަކުގެ އަސްކަރީ އިއްތިހާދު (ނޭޓޯ)ގެ މެންބަރުންގެ ގޮތުގައި ސްވީޑަންއާއި ފިންލަންޑުން އެ އިއްތިހާދާ ގުޅިއްޖެ ނަމަ، ނިއުކްލިއާ ހަތިޔާރާއި ހައިޕާސޮނިކް މިސައިލްތަކުގެ ބާރުގެ ބޭނުން ކުރާނެ ކަމުގެ އިންޒާރު، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަރިސް މުޝީރަކު ދެއްވައިފިއެވެ.

ވިލާތުގެ އިންތިހާއަށް މުހިންމު ސަރަހައްދެއްގައި ނިއުކްލިއާ ހަތިޔާރާއި ހައިޕާސޮނިކް މިސައިލްތަކުގެ ބާރުގެ ބޭނުން ކުރާނެ ކަމުގެ އިންޒާރު ރަޝިއާއިން ދީފައި ވާ މި ދަނޑިވަޅަކީ، ނޭޓޯގެ އަސްކަރީ އިއްތިހާދާ ގުޅުމުގެ ފިކުރު، ރަޝިއާއާއި 1300 ކިލޯމީޓަރުގެ ބޯޑަރެއް ހިއްސާ ކުރަމުންދާ ފިންލަންޑްގެ އިތުރުން ސްވީޑަންއިންވެސް ގެންގުޅޭ ދަނޑިވަޅެކެވެ.

ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއާމަން ޑިމިޓްރީ މެޑްވެޑޭވް ވިދާޅުވީ ސްވީޑަންއާއި ފިންލަންޑްއިން ނޭޓޯއާ ގުޅިއްޖެ ނަމަ، ބޯލްޓިކް ކަނޑުގެ ސަރަހައްދުގައި އެއްގަމާއި، ކަނޑާއި ވައިގެ މަގުން ރަޝިއާގެ އަސްކަރީ ބާރުވެރިކަން ގަދަ ކުރަން ޖެހޭ ކަމަށެވެ. އަދި ޕޯލަންޑާއި ލިތުއޭނިއާއާ ދެމެދު، ރަޝިއާގެ ކެލިނިންގާޑް ފިތެމުން ދާއިރު، ނިއުކްލިއާ ހަތިޔާރުން ސަލާމަތްވެފައިވާ ބޯލްޓިކެއް ނޯންނާނެ ކަމަށް ވިދާޅުވެ، މެޑްވެޑޭވް ވަނީ ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަންވެސް ރަޝިއާގެ އިހުތިޔާރުގެ ތެރެއަށް ވަންނާނެ ކަމަށް އިޝާރާތް ކުރައްވާފައެވެ.

2008 އިން 2012 އަށް ރަޝިއާގެ ރައީސްކަން ކުރެއްވި މެޑްވޭޑް ވަނީ، މިކަމުގައި ފިންލަންޑްއާއި ސްވީޑަންއިން ހަމަވިސްނުން ގެންގުޅޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެހެން ނޫންނަމަ އެ ގައުމުތަކުން އުޅެން ޖެހޭނީ އަމިއްލަ ވަޒަނާ ދާދި ކައިރީގައި ނިއުކްލިއާ ހަތިޔާރުތަކާއި ހައިޕާސޮނިކް މިސައިލްތައް ބަހައްޓާފައި ހުރި ހާލަތެއްގައި ކަމަށްވެސް މެޑްވެޑޭވް ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަމުގެ ރޭހުގެ އެންމެ ކުރީގައި އޮތީ ރަޝިއާއެވެ. އަދި ހައިޕާސޮނިކް މިސައިލް ޓެކްނޮލޮޖީގައިވެސް ރަޝިއާއަކީ އުހުގައި އޮތް، އަސްކަރީ ބާރު ގަދަ ގައުމެކެވެ.