ޝައިހް މުޙައްމަދު ރަފީގުގެ ގެ ސުންނާފަތި ކުރާ މީހުން އައީ އާ ދުވަހަކަށް އަލިވިލެމުން ދަނިކޮށެވެ.
އިންޑިއާގެ މަދްޔާ ޕްރަދޭޝް ސްޓޭޓްގައި ލުއިބުއިން ވިއްކުމުގެ ވިޔަފާރީގައި އުޅޭ ރަފީގާއި އޭނާގެ ފިރިހެން ދަރިންނަށް ކުރީ ރޭ ގެއަށް ދެވުނީވެސް ލަހުންނެވެ. މިއީ ރޯދަ މަސް ކަމުން، ވިޔަފާރި ރަނގަޅަށް ހިނގައި ގަންނަނީ ރޭގަނޑުން ބައެއް ދާ ފަހުން ކަން ރަފީގު ފާހަގަ ކުރިއެވެ.
ފުލުހުން އެންމެ ފުރަތަމަ ރަފީގުގެ ގެއަށް ދިޔައީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތުގައެވެ. އެންމެން ނިދާފައި ތިއްބާއެވެ. އެކަމަކު ފިސާރި ބާރު އަޑުފަށްގަނޑެއް އިވުމުން، ގޭގެ ދޮރޯށި ލައްޕަން ޖަހާފައި މަކުޑިތައް ހަލާކު ކުރަނީކަން އެނގުނެވެ.
ބޭރުގައި އެތައް ސަތޭކަ އޮފިސަރުންނެއް މަޑުކޮށްގެން ތިބީ، ބުލްޑޯޒަރުތަކުން ރަފީގުގެ ގެ ވަށާލައިގެންނެވެ. ހަރްގޯން ސިޓީގައި އޮންނަ މުސްލިމު އަވަށެއްގައި ހުންނަ އެ ގެ ވަށާލައިގެން ތިބި ފުލުހުން ދިޔައީ ހުރަސް އެޅި ކޮންމެ މީހަކު ފަހާލަމުންނެވެ. އެކުރި ކަމެއް ކޮށް ނިންމާ، އަވަދިވެގެން ފުލުހުން ދިޔައިރު މުޅި ތަން ވަނީ ގާ ކުނޑިއަށް ވެފައެވެ.
"އަހަރަމެން ތިބީ ވަރަށް ބިރުން. ގަތް ބިރެއްގެ ބޮޑުކަމުން ޗުއްޕުވެސް ނުބުނަން. ހުރިހާ ތަނެއް ސުންނާފަތި ކުރަމުން ދިޔައިރު ހިމޭނުން ބަލަން ތިބީ" ރަފީގު ބުންޏެވެ.
ހިންދޫންގެ ދީނީ މުނާސަބާއެއް ފާހަގަ ކުރި އޭޕްރިލް 10 ވަނަ ދުވަހު، ސަރަހައްދީ ފެންވަރުގައި ހިންގި ކުރިމަތިލުންތަކަކަށް ފަހު މަދްޔާ ޕްރަދޭޝްގައި މުސްލިމުންގެ ގެތަކާއި ފިހާރަތައް ބިމާ ހަމަ ކުރުން ވަނީ އާންމުވެފައެވެ. ރީނދޫ ކުލައިގެ ބޮޑެތި ބުލްޑޯޒަރުތަކުން އަވަށްތައް ސުންނާފަތި ކުރަމުން ދާއިރު، ހަދާނެ ގޮތް ހުސްވެފައިވާ އާއިލާތަކުން ބަލަހައްޓައިގެން ތިބޭ ހިތްދަތި މަންޒަރުތަކުން ސޯޝަލް މީޑިއާ ވަނީ ފުރާލާފައެވެ.
މަދްޔަ ޕްރަދޭޝް ސްޓޭޓްގެ ކޮންޓްރޯލް އޮންނަނީ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ބީޖޭޕީއަށެވެ. މިއީވެސް 2014 ވަނަ އަހަރު އިންޑިއާގެ ވެރިކަމާ ހަވާލުވި ބީޖޭޕީއިން، އިންޑިއާގެ 200 މިލިއަނެއްހާ މުސްލިމުން ހަވާސާ ކުރުމަށް ހިންގާ ޖަރީމާއެއް ކަމަށް ސިފަކުރާ މީހުން މަދެއް ނޫނެވެ. މަދްޔަ ޕްރަދޭޝްގެ ސްޓޭޓް ސަރުކާރުގެ ވާހަކަތަކުންވެސް އެކަން ދޭހަ ކޮށްދެއެވެ. މަދްޔަ ޕްރަދޭޝް ސްޓޭޓްގެ ސަރުކާރުން ވަނީ މުސްލިމުންގެ ބޮލުގައި އިލްޒާމް އަޅުވާ، އިންސާފަށް އުއްމީދު ކޮށްގެން ނުވާނެ ކަމަށް އިންޒާރު ކޮށްފައެވެ.
ކަން މިހެން އޮތް މަދްޔަ ޕްރަދޭޝް ސްޓޭޓުން މުސްލިމުންގެ ދިރިއުޅުން ހަފުސް ކުރަމުން ދަނީ ގާނޫނީ ހުއްޖަތެއް ނެތިއެވެ. މިއީ މުސްލިމުންނާ ދެކޮޅަށް އިންޑިއާއިން ދެމުންދާ އާންމު އަދަބެއް ކަމަށްވެސް ބައެއް މީހުން ސިފަ ކުރެއެވެ.
މަދްޔަ ޕްރަދޭޝްގައި ގާއިމުވެ ހުންނެވި އިސް ގާނޫނީ ވަކީލެއް ކަމަށް ވާ އަރްޝަދު ވަރްސީ ވިދާޅުވީ، ކަން ކުރަން އޮތް އިޖުރާއަތުން ބޭރުން، އެއް ޖަމާއަތެއްގެ ބައަކަށް، ހައްދުން ބޭރުން އަދަބު ދެމުން ދާ ކަމަށެވެ. އަދި މިއީ ނުރައްކާތެރި ހާލަތެއް ގާއިމު ކުރަނިވި ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން އެބައި މީހުންނަށް ގޮންޖަހައިފިނަމަ ނުވަތަ ސުވާލު އުފައްދައިފިނަމަ ގެތައް ސުންނާފަތިކޮށް ދިރިއުޅުން ފޭރިގަންނާނެ ކަމުގެ މެސެޖު، މިކަމުން ދޭ ކަމަށް ވަރްސީ ވިދާޅުވިއެވެ.
ހަމަނުޖެހުންތައް ފެށިގެން އައީ ހިންދޫންގެ ލާދީނީ ހިނގާލުން، މުސްލިމު އަވަށުގެ ތެރެއަށް ވަދެގެން ދިޔަ ހިސާބުންނެވެ. ލާދީނީ ޝިއާރު ފާޅު ކުރަނިވި ލަވަޖަހަމުން ދިއުމާ އެކުގައެވެ. މުސްލިމުންނާއި ހިންދޫންވެސް އެއްބަޔަކު އަނެއް ބަޔަކަށް އޮއްގަލުން ހަމަލާ ދިން ކަމަށް ހަބަރު ލިބެއެވެ.
މުސްލިމުންނަށް ހަމަލާ ދިނުމަށް، ހިންދޫންނަށް ފުރުސަތު ފަހިކޮށްދިނީ ފުލުހުން ކަމަށްވެސް އެއް ބަޔަކު ބުނެއެވެ. ގަދަ ރުޅީގައި ކަނޑި ހޫރަމުން، އިހުތިރާމް ކުޑަކޮށް، މިސްކިތްތަކަށް ގެއްލުން ދެމުން ދިޔަ ފިރިހެނުންތަކެއްގެ ވީޑިއޯތައް އާންމުވުމާއެކު ގިނަ ބަޔަކު ވަނީ ސިހުމެއްގައެވެ.
އުމުރުން 28 އަހަރުގެ ޝަހްބާޒް ހާން ބުނި ގޮތުގައި ހިންދޫން ވަނީ، ހަރްގޯންއާ 85 މޭލު ދުރުގައި އޮންނަ ސެންދްވާ ސިޓީގެ މިސްކިތެއްގެ މުންނާރުތަކަށް ގެއްލުން ދީ، އޮއްގަލުން ހަމަލާ ދީ މުސްލިމުން ފައްސާލާފައެވެ.
ނަމަވެސް ހަގީގީ ނާމާންކަން ވެރިވީ ޖެހިގެން އައި ދުވަހު، އައިނައިތަނެއްވެސް ނޭނގޭ އޮފިޝަލުންތަކެއް އައިސް، ބުލްޑޯޒަރުން އޭނާގެ ގެ ސުންނާފަތި ކޮށްލި ހިއްސާބުން ކަމަށްވެސް ޝަހްބާޒް ހާން ބުންޏެވެ.
"އަހަރެންގެ އަންހެނުންނާއި އުޚުތެއް ދިޔައީ ގޭތެރޭގައި ހުރި ތަކެތި ނެރުމުގެ ފުރުސަތަކަށް އެދި ފުލުހުން ގާތު ރޮއެ، އާދޭސް ކުރަމުން. އެންމެ ކުޑަ މިނުން ކީރިތި ޤުރުއާން ނެރުމުގެ ފުރުސަތަކަށް އެދުނު. އެކަމަކު އެމީހުން އަޑެއް ނޭހި" މިހާރު އޭނާ ވަގުތީ ހިޔާވަހިކަން ހޯދަމުންދާ މިސްކިތުގައި ހުރެ ވާހަކަ ދައްކަމުން ޝަހްބާޒް ހާން ކިޔައިދިނެވެ.
"އަހަރަމެންގެ އަތަކު އެކައްޗެއްވެސް ނެތް. އެކަމަކު، އެކަން، ކަމަކަށް ވާ މީހަކު ނެތް. ފުލުސް ސްޓޭޝަނަށް ދާ ކޮންމެ ފަހަރަކުވެސް އަހަރަމެން ފައްސާލާ" ޝަހްބާޒް ހާން ބުންޏެވެ.
ސްޓޭޓް ސަރުކާރުންވަނީ ގެތައް ބިމާ ހަމަ ކުރަމުން ދަނީ އޮއްގާ އުކާ، ހުޅުޖެހުމުގައި ބައިވެރިވި ކަމަށް ތުހުމަތުވާ މީހުންނާ ދެކޮޅަށް ދޭ އަދަބެއްގެ ގޮތުގައި ކަމަށް ބުނެފައެވެ. އެގޮތުން އޮއްގާ އުކި ގެތައް، އޮއްގަލަށް ހަދާލާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.
ހިންދޫންގެ ހުދުމުހުތާރު ވެރިކަމެއް ކުރަމުން އަންނަ އިންޑިއާއިން ވަނީ މި ޖަރީމާއަށްވެސް ގާނޫނީ އުޒުރެއް ހޯދާފައެވެ. ހުއްޖަތެއް ކަމުގައި ބުނަނީ އެއީ ޣައިރު ގާނޫނީ އިމާރާތްތަކެއް ކަމަށެވެ. އިންޑިއާ ފުލުހުން ބުނާ ގޮތުގައި އަމާޒަކީ، އާންމު ބިމަށް ވެރިވެގަނެގެން ކޮށްފައިވާ އިމާރާތްތަކެވެ.
ހަރްގޯންގެ ޑިސްޓްރިކްޓް ކަލެކްޓާގެ މަގާމުގައި ހުރި އަނޫ ގްރަހާ ޕީ ބުނީ، ވަކިވަކި މީހުން ހޯދުމަކީ ވަގުތު ނަގާނެ ކަމެއް ކަމަށާ، އެހެން ކަމުން ބޮޑު މަންޒަރަށް ބަލާ، ހަމަނުޖެހުން ހިންގި މީހުންނަށް ފިލާވަޅެއް ދަސްކޮށްދިނުމުގެ ގޮތުން، ޣައިރު ގާނޫނީ އިމާރާތްތައް ސުންނާފަތި ކުރަނީ ކަމަށެވެ.
ނަމަވެސް ރަފީގު ކިޔައިދިން ގޮތުގައި އޭނާ ދިރިއުޅޭ ސަރަހައްދުގައި އެބުނާ ޒާތެއްގެ ހަމަނުޖެހުމެއް ހިންގާފައެއް ނުވެއެވެ. އަދި އޭނާގެ ގެއަކީ ޣައިރު ގާނޫނީ ތަނެއް ނޫން ކަން ސާބިތު ކޮށްދޭނެ ކަރުދާސްތައް އެބަހުރި ކަމަށްވެސް ރަފީގު ބުންޏެވެ. ނަމަވެސް އޭނާ ދެއްކި ވާހަކަ އަޑު އަހަން އިންކާރު ކޮށް، އައިނައިތަނެއް ނޭނގޭ ފުލުހުން، އޭނާގެ ގެ ފޭރިގަތީ ކަމަށް ރަފީގު ބުންޏެވެ.
ޣައިރު ގާނޫނީ ގެތަކާ ދެކޮޅަށްވެސް ބޭނުން ކުރީ ތާކުން ތާކު ޖެހޭ އުސޫލެއް ނޫނެވެ. އެގޮތުން ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި ޖޫރިމަނާގެ ބާރުގެ ބޭނުން ކުރުމުގެ ފުރުސަތުވެސް ގާނޫނުގައި އޮތެވެ.
ވަކި ބަޔަކު ކުރި ކަމަށް ބުނާ ކުށަކަށް، ގާނޫނު ބޭނުން ކޮށްގެން އެހެން ބަޔަކަށް އަދަބު ދިނުމަކީ ކޮން ގާނޫނަކުން ދެކޮޅު ޖެހޭ ވިސްނުމެއް ތޯ ސުވާލު ކުރަން ޖެހެއެވެ. ސުވާލުގެ ސަރީހަ ޖަވާބަކަށް ވަނީ ބީޖޭޕީއަށް ވިކިފައި ތިބި ހިންދޫ ފިކުރުގެ ހައްދުފަހަނައަޅާފައިވާ މީހުން ރުއްސުން ނޫން ދެވަނަ ދެކަމެއް ނޫނެވެ. އަމިއްލަ ވަޒަނުގައި ހަމަޖެހޭ ދިރިއުޅެމެއް އުޅެމުން ދަނިކޮށް މުސްލިމުންގެ ގެތައް ބިމާ ހަމަކޮށް ސުންނާފަތި ކުރާ މަންޒަރު މީގެ ކުރިން އެންމެ އާންމު ކޮށް ފެނިފައި ވަނީ ޔަހޫދީ އިޒްރޭލުން ފަލަސްތީނުގެ ބިންތަކުގައި ހިންގާތީއެވެ. ނަމަވެސް މިއަދު އެ ޖަރީމާ މިވަނީ ދިވެހިންނާއި ގާތުން އެންމެ އަވަށްޓެރި އިންޑިއާގައިވެސް އާންމުވެފައެވެ.
އެކަމަކު ވަރިހަމަ. މުސްލިމް ދިވެހީންނަށް ވަރަށް ހެޔޮ ބައެއް އިންޑިޔާގެ ހިންދޫންނަކީ.
މުސްލިމުންނަށް މުޞީބާތް ޖެހޭއިރު މިސަރުކާރު ކަހާތަން ހިރުވާވެސް ނުލަ
މިއީ އަސްލު އިންޑިޔާ އައުޓް ކުރަން ޖެހޭ ކަމަކީ