އަންނަ ހަފްތާއިން ފެށިގެން އިޝާރާތުގެ ބަހުރުވައިން ޖަލްސާތައް ގެނެސްދޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ހާމަކޮށްފިއެވެ.

މި އަހަރަށް މަޖިލިސް ހުޅުވި ޖަލްސާގައި އިޝާރާތުގެ ބަހުރުވައިން ޖަލްސާ ގެނެސްދީފައިވާއިރު، މަޖިލީހުން ކުރާ ބައެއް ކަންކަން އިޝާރާތުން ގެނެސްދޭނެ ކަމަށް އެ އިދާރާއިން ކުރިން ބުނެފައިވެއެވެ.

އެ އިދާރާގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު އިއްޔެ ވިދާޅުވީ، އަންނަ ހޯމަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް އިޝާރާތުގެ ބަހުރުވައިން ގެނެސްދޭނެ ކަމަށެވެ. ޒިޔާއު ވިދާޅުވި ގޮތުުގައި މަޖިލީހުގެ ޖަލްސާތައް އިޝާރާތުގެ ބަހުރުވައިން ގެނެސްދޭއިރު އެކަން ކުރިޔަށް ގެންދާނީ އެ އިދާރާގެ ސީނިއާ މީޑިއާ އޮފިސަރު މަރިޔަމް ފަޒްނީއެވެ.

މަޖިލީހުގެ ސީނިއާ މީޑިއާ ޑިރެކްޓަރު ފަޒްނީ ވަނީ ގިނަ ހަފްލާތައް މީގެ ކުރިން އިޝާރާތުގެ ބަހުރުވައިން ގެނެސްދީފައެވެ. އެގޮތުން ފަޒްނީ ވަނީ ބައެއް ރަސްމީ ޖަލްސާތައް އަދި ކޮވިޑް-19 އާ ގުޅޭ މައުލޫމާތު މީގެ ކުރިން ގެނެސްދީފައެވެ.

މަޖިލީހުގެ ޖަލްސާތައް އިޝާރާތުގެ ބަހުރުވައިން ގެންނަން ނިންމާފައިވަނީ މިދިޔަ ޑިސެމްބަރު މަހު ބޭއްވި ޔޫތު ޕާލިމެންޓުގައި ބައިވެރިވި އަޑުއިވުމުން މަހްރޫމްވެފައިވާ ޒުވާނެއް ކަމަށްވާ ނާއިޝް، އޭނާ ފަދަ އެހެން މީހުންނަށް މަޖިލީހުގެ ކަންތައްތައް ކުރިއަށް ދާގޮތް ދެނެގަނެވޭނެ ގޮތެއް ވާނެތޯ ކުރި ސުވާލާ ގުޅިގެންނެވެ. އޭނާއަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ދުވަހު ވިދާޅުވީ ،މަޖިލީހުގައި މަސައްކަތްތައް ކުރަމުން ދާއިރު އިޝާރާތުގެ ބަހުން ޖަލްސާގައި ކަންތައްތައް ހިނގާ ގޮތް އަންގައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މަޖިލީހުގެ މަސައްކަތްތައް އިޝާރާތުގެ ބަހުރުވައިން ގެނެސްދޭން ނިންމާފައިވާއިރު، ދައުލަތުގެ ބައެއް ރަސްމީ ޖަލްސާތަކާއި، މުހިންމު ބައެއް އެންގުންތަކާއި، އަދި ހުކުރު ހުތުބާވެސް އިޝާރާތުން ގެނެސްދެމުން ދެއެވެ.