މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި ބާރުގަދަ ގޮވުމެއްގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ރަޝިއާ އަސްކަރިއްޔާގެ މަނަވަރު "މޮސްކްވާ" ފެތިފައި ވާ ކަމަށް ރަޝިއާގެ ދިފާއީ ވުޒާރާއިން ހާމަ ކޮށްފިއެވެ.
ރަޝިއާއިން ކަޅުކަނޑުގެ ސަރަހައްދުގައި އޮޕަރޭޓް ކުރާ ފްލީޓްގެ އެންމެ މުހިންމު މަނަވަރުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ "މޮސްކްވާ" ފެތިފައި ވަނީ، ހަލާކުވެފައި ވާ އެ މަނަވަރު، ކަފުޖަހައިގެން ބަނދަރަށް ގެންދަނިކޮށް، މޫސުން ގޯސްވެ، ކަނޑު ގަދަވެގެން ކަމަށް ދިފާއީ ވުޒާރާގެ މެސެޖުގައިވެއެވެ.
ޔޫކްރައިންއަށް އަރާ، ރަޝިއާއިން ކުރަމުންދާ ހަނގުރާމާގައި ކަނޑުމަގުން ދޭ ހަމަލާތައް ލީޑް ކުރުމުގައި އިސްކޮށް ހަރަކާތްތެރި ވަމުން ދިޔަ މިސައިލް ކުރޫޒާ ނުވަތަ "މޮސްކްވާ" އަކީ ރަޝިއާ އަސްކަރިއްޔާގެ ޝާނާއި ޝައުކަތުގެ ރަމްޒެކެވެ.
ޔޫކްރައިން ސަރުކާރުން ހާމަ ކުރި ގޮތުގައި "މޮސްކްވާ"އަށް އަމާޒުވީ ޔޫކްރައިނުން ފޮނުވާލި މިސައިލްތަކެކެވެ. ޔޫކްރައިންގެ އަސްކަރީ އޮފިޝަލުން ވިދާޅުވީ، މޮސްކްވާއަށް އަރާފައި ވަނީ ޔޫކްރައިންގައި އުފައްދާފައި ވާ "ނެޕްޓިއުން" މިސައިލްތަކެއް ކަމަށެވެ. އެ ހަތިޔާރަކީ 2014 ވަނަ އަހަރު ރަޝިއާއިން ކްރައިމިއާ ހިފާ، ކަޅުކަނޑުގެ ސަރަހައްދުގައި ޔޫކްރައިންއަށް ނުރައްކާ ބޮޑުވުމުން އުފެއްދި ހަތިޔާރެކެވެ.
ނަމަވެސް ރަޝިއާ ސަރުކާރުން، ހަމަލާއެއްގެ ރިޕޯޓް ކޮށްފައި ނުވާ އިރު، މަނަވަރު ފެތުނީ އަލިފާނުގެ ހާދިސާއަކަށް ފަހުގައި ކަމަށްވެސް ވަނީ ބުނެފައެވެ.
ރަޝިއާއިން ބުނީ އަލިފާނުގެ ހާދިސާގެ ސަބަބުން، މަނަވަރުގެ ހަތިޔާރު ގުދަން ގޮވީ ކަމަށެވެ. އަދި ކަޅުކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން ދިޔަ ރަޝިއާގެ އެހެން މަނަވަރަކަށް، ބޯޓުގެ ކުރޫއިން ނެގީ ކަމަށްވެސް ރަޝިއާއިން ވަނީ ބުނެފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމަ ކޮށްފައެއް ނުވެއެވެ.
ހާދިސާ ހިނގި ވަގުތު މޮސްކްވާގައި 510 ކުރީއިން ތިބުން އެކަށީގެން ވާ ކަމަށް ޔޫކްރައިންގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.
ހާދިސާއަށް ފަހު މަނަވަރު، ފެނުމަތީގައި އޮތް ކަމަށް ރަޝިއާއިން ބުންޏެވެ. ނަމަވެސް "މޮސްކްވާ ގެއްލިއްޖެ" ކަމަށް ރަޝިއާ މީޑިއާއިން ރިޕޯޓް ކުރަން ފެށީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ.
ސޯވިއެޓް ޔޫނިއަންގެ ދުވަސްވަރު ރަޝިއާއިން ބައިން "މޮސްކްވާ" މަނަވަރު ހިދުމަށް ނެރުނީ 1980ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. ސޫރިޔާ ހަނގުރާމައިގެ ކޯޅުންގަނޑު އެންމެ ގަދަވި ދުވަސްވަރު، ރަޝިއާގެ ފައުޖުތަކަށް ސަޕްލައި ކުރުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައިވެސް މޮސްކްވާ ވަނީ ހަރަކާތްތެރިވެފައެވެ.