ވޯލްޑް ބޭންކާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީ އާއި ހަޔަ އެޑިއުކޭޝަން މިނިސްޓްރީން އާ ވިޔަފާރިތަކަށް މިދިޔަ އަހަރު ބޭއްވި "ޕިޗްއަޕް ޔޫތު އޮންޓްރަޕްރެނިއަޝިޕް ޗެލެންޖު" ގައި މޮޅުވި ޓީމުތަކަށް ފައިސާގެ އިނާމު 3 މަސްވީއިރުވެސް ނުދޭތީ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ މުބާރާތުގައި 192 އާ ވިޔަފާރީގެ ހިޔާލު ހުށަހެޅި އިރު 23 ވިޔަފާރިއެއް ވަނީ އިނާމަށް ހޮވިފައެވެ.

އަލަށް ފަށާ ވިޔަފާރިތަކަށާއި ޒުވާން ވިޔަފާރިވެރިން އުފައްދަން ބޭއްވި މުބާރާތުން މޮޅުވި ޓީމުތަކަށް ސެޓްފިކެޓް މިދިޔަ ޖެނުއަރީ މަހު ހަވާލުކޮށްފައިވާއިރު މުބާރާތުން މޮޅުވި ޓީމުތަކަށް 12.4 މިލިއަން ރުފިޔާ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދީފައިވާ ކަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް މުބާރާތުން ވަނަ ލިބުނު ޓީމެއްގެ މެންބަރަކު ވަނީ އެ މުބާރާތުގެ ފައިސާ ތިން މަސް ވެގެން ދިޔައިރު ވެސް ނުލިބޭ ކަމަށް ބުނެފައެވެ.

އެ މުބާރާތުގެ ސެޓްފިކެޓް ހަވާލު ކުރުމަށްފަހު އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ނުލިބުނު ކަމަށާއި މުބާރާތަށް ހަދާފައިވާ ވައިބަ ގްރޫޕް ވެސް ކުއްލިއަކަށް ޑިލީޓް ކޮށްފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އެ މުބާރާތް ކުރިއަށްގެންދިޔައީ ޒުވާނުން ކުރިއަރުވަން ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ފަށާފައިވާ "މީރީ" ޕްރޮޖެކްޓުގެ ދަށުންނެވެ.