މި ބުރާސްފަތި ދުވަހަކީ "ހައްގުން ކަމަކާ ނުލައޭ" ބުނާ ބީދައިން، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރަކަށް އެ ގައުމުގެ އަސްކަރިއްޔާއިން ފުރިހަމަ ބާރާއެކު، ޔޫކްރައިންއަށް އަރާ ހަނގުރާމަ ފެށިތާ 50 ވަނަ ދުވަހެވެ.

ހަނގުރާމަ ފެށިގެން އައީ ފެބުރުއަރީ 24، 2022 ވަނަ ދުވަހު ޔޫކްރައިންއަށް ފަތިހުގެ އަލިވިލެމުން ދަނިކޮށް ދިން ސިލްސިލާ މިސައިލް ހަމަލާތަކަކާއި ދުރު ރާސްތާތަކަށް އަމާޒު ކުރާ އާލާތްތަކުން ދިން ހަމަލާތަކުންނެވެ. އިސާހިތަކު މެދުތެރެއާއި އިރުމަތީ ޔޫކްރައިންގެ ސަރަހައްދުތަކަށް ހަނގުރާމަ ފެތުރިގެން ދިޔައީ، ޔޫކްރައިންގެ 3 ފަރާތުން ރަޝިއާގެ އަސްކަރީ ފައުޖުތައް އަރައިގެން ދިއުމާ އެކުގައެވެ.

ޔޫކްރައިން ހަނގުރާމައިން ސަލާމަތްވުމަށް އާންމުން ބޭނުން ކުރި އުޅަނދުތަކެއްގައި ރޯކޮށްލާފައިވޭ / ފޮޓޯ: ސީއެންއެން

ޕޫޓިން އޭރު އަމާޒު ހިއްޕަވައިގެން ހުންނެވީ ވީހާވެސް އަވަހަކަށް، ޔޫކްރައިންގެ ވެރިރަށް ކިއޭވް ހިފާ، ސަރުކާރު ވައްޓާލުމަށެވެ. ނަމަވެސް އެކަން އޮތީ އަދާ ޖެހުނު އިރުވެސް ކާމިޔާބު ނުވިތާ، ކޮޅެއްގައި ޖެހޭ ގޮތްވެސް ނުވެފައެވެ.

ކިއޭވް ސަރަހައްދުން ރަޝިއާ އަސްކަރިއްޔާގެ ސަމާލުކަން ދެން ހުއްޓާލީ އިރުމަތީ ސަރަހައްދުތަކަށެވެ. ޔޫކްރައިނުން ރިޕޯޓް ކުރަމުން ދާ މަރުގެ ކޭސްތަކާއި، ލާއިންސާނީ އަނިޔާއާއި ނިޒާމުން މީހުން ގެއްލުވާލުމުގެ އިތުރުން އެނޫންވެސް ޖަރީމާތަކުން ކުރަހާދެމުން ދަނީ ރަޝިއާގެ އަމަލުތަކުގެ ބިރުވެރިކަމާއި ނަމާން ކަމުގެ މަންޒަރުތަކެވެ. އާންމު ރައްޔިތެއް، އަންހެނެއް އަދި ކުޑަކުއްޖަކަށްވެސް އިސްތިސްނާއެއް ނެތެވެ. ހުއްޓުމެއްނެތި ރަޝިއާގެ އުދުވާންތައް ޔޫކްރައިންއަށް އަމާޒު ކުރަމުން ދާއިރު ދުނިޔެއަށް ތިލަވަމުންދާ ސެޓެލައިޓް ފޮޓޯތަކުން ދެނީ ބިރުވެރި އިންޒާރެއްގެ މެސެޖެވެ.

ނިއުކްލިއާ ހާދިސާތަކާ ގުޅިފައިވާ ޔޫކްރައިންގެ ޗެރްނޮބީލް ސަރަހައްދުގައި ރަޝިއާއިން ހިންގި ހަރަކާތްތަކަށް ފަހު އެ ސަރަހައްދުގައި ރޭޑިއޭޝަން ހުރި މިންވަރެއް ބަލަނީ / ފޮޓޯ: ސީއެންއެން

ހަގީގީ މަގުސަދެއްވެސް އެނގެން ނެތް ހަނގުރާމައަށް 50 ދުވަސް ވީ އިރު، މި ހަނގުރާމަ މިއަދު އޮތީ އިންތިހާއަށް ހައްސާސީ ފައްތަރެއްގައެވެ. ޕޫޓިން ވަނީ ޑޮންބާސް ސަރަހައްދުގެ ކޮންޓްރޯލް ރަޝިއާގެ ދަށަށް ގެންދެވުމަށް، ހަނގުރާމައިގެ އިސްތިރާޖު ބަދަލު ކުރައްވާފައެވެ. އެމެރިކާގެ ޖާސޫސީ ރިޕޯޓްތަކަށް ބަލާއިރު މި އަމާޒަށް ޕޫޓިން ވާސިލުވާން ގަސްތު ކުރައްވަނީ މެއި މަހުގެ ކުރީ ކޮޅާ ހިސާބަށް ދާ އިރަށެވެ. ސެޓެލައިޓް ފޮޓޯޓަކަށް ބަލާލުމުންވެސް ޔޫކްރައިންގެ އިރުމަތީ ސަރަހައްދުތަކަށް، ރަޝިއާގެ އަސްކަރީ ގާފިލާތައް ވަންނަމުން ދާ މަންޒަރުތައް ހާމަވެއެވެ.

މި ދަނޑިވަޅުގައި އެމެރިކާއިން ދަނީ ޔޫކްރައިންއަށް ފޯރުކޮށްދޭ އަސްކަރީ އެހީތެރިކަން މެކުހަށް ޖަހަމުންނެވެ. ފޯރުކޮށްދޭ އެހީގެ ޕެކޭޖުގައި ހިމެނެނީ އަސްކަރީ ބަރު ހަތިޔާރުތަކެވެ. އިތުރު 800 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދޭ އިރު އޭގެ ތެރޭގައި އެމްއައި-17 ހެލިކޮޕްޓަރުތަކާއި، ސްވިޗްބްލޭޑް ޑްރޯންތަކާ ރާޑުތައް ހިމެނެއެވެ. އަދި ކެމިކަލް ހަމަލާތަކުން ދިފާއުވާނެ އާލާތްތައްވެސް އޭގެ ތެރޭގައި ހިމެނެއެވެ. ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ، މިދިޔަ ހަފުތާތައް ހޭދަ ކުރެއްވީ އެ ގައުމަށް އިތުރު ހަތިޔާރާއި އާލާތްތައް ފޯރުކޮށްދެއްވުމަށް، ދުނިޔޭގެ ލީޑަރުންނަށް ދެންނެވުމުގައެވެ.

ރަޝިއާގެ އުދުވާންތަކުގައި ޔޫކްރައިންއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި / ފޮޓޯ: ސީއެންއެން

ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމައިގެ ސަބަބުން ލިބެމުން ދާ އިންސާނީ ގެއްލުމުގެ އަގުވެސް ބޮޑެވެ. ހަނގުރާމައިގެ ސަބަބުން 4.6 މިލިއަން މީހުން ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ގައުމުތަކަށް ދަތުރު ކޮށްފައި ވާއިރު މަރުވި އާންމުންގެ އަދަދު އެތައް ހާހަކަށް އަރާ ކަމަށާ، އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ ކަމަށް އދއިން ބުނެއެވެ. ހަނގުރާމަ ފެށިފަހުން، ސިއްހީ ހިދުމަތް ދޭ 120 މަރުކަޒަކަށް ހަމަލާ އަމާޒު ކޮށްފައި ވާ ކަން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ކަށަވަރު ކޮށްދީފައެވެ. ހަނގުރާމަ ގަދަވެ، އެކި ހިސާބުތަކުގައި ތާށިވެފައިވާ އާންމު ރައްޔިތުންނަށް ޒަރޫރީ ހިދުމަތްތަކެއް ނުލިބެއެވެ.

ޔޫކްރައިންގެ ހަނގުރާމައިގެ އަސަރު މުޅި ދުނިޔެއަށްވެސް ދަނީ ކުރަމުންނެވެ. ހަކަތައާއި ކައިބޯތަކެތީގެ އަގުތައް، ދުނިޔޭގެ ބާޒާރުތަކުގައި މައްޗަށް ދަނީ ފަތުއަޑުކިއާފައެވެ. އަދި ރަޝިއާގެ ހަނގުރާމައިގެ އުކުޅުތައް ނިއުކްލިއާ ރޭހަކަށް ބަދަލު ކޮށް، ދުނިޔޭގައި ނިއުކްލިއާ ހަނގުރާމައެއް ފެށިދާނެ ކަމުގެ ސިހުންވެސް ގެނުވަނީ މަދު ފަހަރަކު ނޫނެވެ.