އިންތިހާބީ އަދި ގާނޫނީ އިސްލާހްތަކެއް ގެނައުމަކީ ސްރީލަންކާއަށް މިއަދު ތަހައްމަލު ކުރަމުންދާ އިގުތިސޯދީ ކާރިސާއިން ގައުމު ނަގަހައްޓާދޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް، ސްރީލަންކާގެ ކުރީގެ ބޮޑު ވަޒީރު ރަނީލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ކުރީގެ ބޮޑު ވަޒީރު އަދި ޔުނައިޓަޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ލީޑަރު ރަނީލް ވިކްރަމަސިންހަ ބުދަ ދުވަހު ދެއްވި ބަޔާނެއްގައި ވިދާޅުވީ، ގައުމު ބަނގުރޫޓުވުމުގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭ ބަޔަކީ އެ ގައުމުގެ އަދުގެ ސަރުކާރު ކަމަށެވެ.

ސްރީލަންކާއިން ބޭރުގެ ފަރާތްތަކަށް ދަރާފައިވާ ދަރަނި ހަލާސް ކުރުން ވަގުތީ ގޮތުން މަޑުޖައްސާލާނެ ކަން އިއުލާން ކުރި ކުރުމަކީ، ގައުމު ބަނގުރޫޓުވެފައި ވާ ކަން އިއުލާން ކުރުން ކަމަށްވެސް ރަނީލް ވިކްރަމަސިންހަ ވަނީ ސިފަ ކުރައްވާފައެވެ.

ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް)އާއެކު ލަންކާގެ ހާލަތާ މެދު މަޝްވަރާ ކުރުމުގެ ޒިންމާ މިހާރު އޮތީ އެ ގައުމުގެ އާ މާލީ ވަޒީރަށް ކަމަށް ކުރީގެ ބޮޑުވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

ރަނީލް ވިކްރަމަސިންހަ އިތުރަށް ވިދާޅުވީ ސްރީލަންކާއަށް އިންޑިއާއިން މިހާރު ދޫކޮށްފައިވާ ކްރެޑިޓްލައިންގެ މުހުލަތު، މެއި މަހުގެ މެދަކާ ހިސާބުން ހަމަ ވާއިރު، ބޭރު ފައިސާ ލިބޭނެ އެއްވެސް މަގެއް ނެތުމުގެ ސަބަބުން، ޖޫން މަސް ނިމޭއިރު ލަންކާގައި އަމިއްލަ ވިޔަފާރިއެއް ކުރުމަކީ ނުވާނެ ކަމެއް ކަމަށެވެ.

ސްރީލަންކާގެ އަދުގެ ސަރުކާރަށް މިހާރު އޮތް ހަމައެކަނި ގޮތަކީ އިތުރު ޝަރުތަކާ ނުލާ، ހުރިހާ ފަރާތްތައް ޝާމިލު ކޮށްގެން މަޝްވަރާ ކުރުން ކަމަށްވެސް ކުރީގެ ބޮޑުވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ. ނަމަވެސް މި ހިނދުން މި ހިނދަށް އިންތިހާބުތަކެއް ބާއްވާ، ގާނޫނަށް އިސްލާހުތަކެއް ގެނައުމަކީ، އެ ގައުމު ތަހައްމަލު ކުރަމުންދާ އިގުތިސޯދީ ކާރިސާއަށް ނިމުން ގެނުވާނެ ކަމެއް ނޫން ކަމަށްވެސް ރަނީލް ވިކްރަމަސިންހަ ވަނީ ވިދާޅުވެފައެވެ.

ޝަރުތަކާ ނުލާ ސިޔާސީ ޕާޓީތައް ބައިވެރިކޮށްގެން މަޝްވަރާތަކެއް ކުރިއަށް ގެން ގޮސް، ޕްލޭނެއް އެކުލަވާލުމަށްފަހު ޝަރުތު ކަނޑައެޅިދާނެ ކަމަށާ، ހުރިހާ އެންމެންގެ ވާހަކަތައް އަޑުއެހުމަށްވެސް ހަމަހަމަ ފުރުސަތު ދެވެން ޖެހޭ ކަމަށް ރަނީލް ވިކްރަމަސިންހަ ވަނީ ފާހަގަ ކުރައްވާފައެވެ.

ރަނީލް ވިކްރަމަސިންހަ ވަނީ ސްރީލަންކާއަށް ކުރިމަތިވެފައިވާ ކާރިސާއިން ސަލާމަތް ވެވޭނެ ކަމަށާ، އެކަން ކުރުމަށްޓަކާ ގައުމީ ސިޔާސަތެއް ބޭނުން ވާ ކަމަށް ވިދާޅުވެފައެވެ.

ކަން މިހެން އޮތް އިރު ސްރީލަންކާގެ ސަރުކާރުން ވަނީ އެ ގައުމުގެ މަގުތަކުގައި މުޒާހަރާ ކުރަމުންދާ ޒުވާނުންނާއެކު މަޝްވަރާ ކުރަން ތައްޔާރަށް އޮތް ކަން ހާމަ ކޮށްފައެވެ.