އައްޑޫ ސިޓީގައި 6 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރުކުރި ދުވަސްވީ އަންހެން މީހާ ދޫކޮށްލަން ގޮވާލައި ތައްޔާރުކުރި ޕެޓިޝަން ކަމާބެހޭ 4 މުވައްސަސާއަކަށް ހުށައަޅައިފިއެވެ.

އެ ޕެޓިޝަނުގައި ގާތްގަނޑަކަށް 3،000 މީހުން ސޮއިކޮށްފައިވާއިރު އެ ޕެޓިޝަނުގައި އައްޑޫގެ މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ އިތުރުން ބައެއް ކައުންސިލަރުން ވެސް ވަނީ ސޮއިކޮށްފައެވެ.

އެ ޕެޓިޝަން ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހާއި އެޗްއާރުސީއެމްގެ އިތުރުން ޖެންޑާ މިނިސްޓްރީ އާއި ފުލުހުންނަށެވެ. މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލަށް ވެސް އެ ޕެޓިޝަން ވަނީ ހުށައަޅާފައެވެ.

ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 59 އަހަރުގެ އަންހެނެކެވެ. އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް މިމަހު 25 ވަނަ ދުވަހު ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ އަންހެން މީހާ ބަންދުގައި ބެހެއްޓުމަށް ނެރުނު އަމުރު ހައިކޯޓުގައި ވަނީ އިސްތިއުނާފްކޮށްފައެވެ. އެ މައްސަލަ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީންވެސް އަންނަނީ ބަލަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އަންހެނެއް ނަމަވެސް، އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެކުއްޖާގެ ކާފައެވެ.