މި ރޯދަ މަހުގެ ފުރަތަމަ ދިހަ ރޯދަ މިހާރު ނިމިފައިވާ އިރު މިއަހަރުގެ ބަރަކާތްތެރި މަސްދަރުގައި ކޮންމެ އަޅަކު ވެސް ކުރަން ގަސްތުކޮށްފައިވާ އަޅުކަމެއް ވާނެކަން ޔަގީނެވެ. އެއީ ޖަމާއަތުގައި ކޮންމެ ރެއަކު ތަރާވީސް ނަމާދުކުރުން ކަމުގައި ވިޔަސް، ނުވަތަ ފަހު 10 އެއްގެ ކޮންމެ ރެއަކު ދަމުނަމާދު ކުރުން ކަމުގައި ވިޔަސް ނުވަތަ ރޯދަ މަހުގެ ތެރޭގައި ހަތިމެއް ކުރުން ކަމުގައި ވިޔަސް، ބޭނުމަކީ ރޯދަމަހުގެ ތެރޭގައި އެމީހަކަށް ވީ ވަރަކުން އެންމެ ގިނައިން އަޅުކަން ކުރުމެވެ.

މި ރޯދަ މަހު ހަތިމެއް ކުރުމަށް ގަސްތުކޮށްފައި ވާ އަހުންނާއި އުހުތުންނަށް ބޭނުން ހިފޭނެ 8 ކަމެއް ހިއްސާކޮށްލާނަމެވެ.

ހަތިމެއް ކުރަން ނިޔަތް ގަތުން

ކޮންމެ ކަމެއް ކުރުމުގެ ކުރިން ވެސް އެކަމެއް ކުރުމުގެ ނިޔަތް ގަތުމަކީ ކީރިތި ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހި ވަސައްލަމްގެ ސުންނަތުން އަޅުގަނޑުމެންނަށް އެނގިގެންދާ އަގުހުރި އަދި މުހިންމު ފިލާވަޅެކެވެ.

ނިޔަތް ގަތުމަކީ އެމީހަކު ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކަށް ވާސިލްވާން ފަސޭހަކޮށްދޭނެ ކަމެކެވެ. އެކަމެއް ކުރަމުންދާ އިރު އެކަނޑައެޅި ނިޔަތުގެ މަތިން ހަނދާންކޮށް އެކަން އާކުރާށެވެ. ކީރިތި ޤުރުއާން ކިޔަވަމުންދާ އިރު ތިމާ ހިތުން ކަނޑައެޅި ނިޔަތް މަތިން ގިނަ ގިނައިން ހަނދުމަކުރާށެވެ. އަދި ޤުރުއާން ކިޔަވާ ނިމުމުން ވެސް އެކަން ހަނދުމަކުރާށެވެ.

ހަތިމެއް ފުރިހަމަ ނުކުރެވިދާނެ ކަމަށް ނުވިސްނުން

ތިރީސް ފޮތުގެ މައްޗަށް ބިނާވެފައިވާ 114 ސޫރަތް ހިމެނޭ މާތް ﷲ ގެ ބަސްފުޅަކީ ކުރު ފޮތެއް ނޫނެވެ. އެހެން ނަމަވެސް އެކަމާ ކަންބޮޑުވެ ހާސް ނުވާށެވެ. މާތް ﷲ އަށް ތަގުވާވެރިވެ އެކަލާނގެއަށް އިތުބާރުކުރާށެވެ. އަދި ހަނދާން ކުރަންވީ އެކަލާނގެއީ ކޮންމެ ކަމެއްވެސް ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ރަސްކަލާނގެކަމާއި އެކަލާނގެ އިރާދަފުޅުން ތިބާއަށް 1 ހަތިމް ނުވަތަ 5 ހަތިމް ވެސް ކުރެވިދާނެ ކަމެވެ.

މުހިންމީ އެކަމަށް އެދިގެން މާތް ﷲ ގެ ހަޒްރަތުން ދުއާކުރުމެވެ. ތިބާއަށް އެކަން ކުރެވޭތޯ އެދި ދުއާކުރާށެވެ. އަދި ހިތްވަރާއި އަޒުމާއި ކެތްތެރިކަން ދެއްވާތޯ ދުއާ ކުރާށެވެ.

ދުއާކުރުމަކީ މުސްލިމް އަޅާއަށް ލިބިގެންވާ ބާރުގަދަ ހަތިޔާރެއް

ދުރާލާ ރޭވުން

ހަތިމެއް ކުރަން އަޒުމް އަޅައިގެން ޤުރުއާން ކިޔަވަން ފެށުމުގެ ކުރިން އެކަން ކުރާނެ ގޮތެއް ސިކުނޑީގައި ރާވާލާށެވެ. މިގޮތުން ދުވަހުގެ ވަގުތުތަކުގައި ޤުރުއާން ކިޔެވުމަށް ހުސްކުރާނެ ވަގުތާ ކޮންމެ ފަހަރަކު ކިޔަވާނެ މިންވަރުވެސް ކަނޑައަޅާށެވެ. މަސައްކަތް ކުރަންވީ ތިބާ މި ޕްލޭން ކުރާ ގޮތަށް މިކަން ކުރެވޭތޯއެވެ. ކަނޑައެޅި ގަޑީގައި ޤުރުއާން ކިޔަވަން ނީށީނދެވޭ ދުވަހެއް ނަމަ ދުވަސް ނިމުމުގެ ކުރިން ނަމަވެސް އެކަން ފުރިހަމަ ކޮށްލާށެވެ.

ތިބާއާއެކު ވާދަ ކުރާނެ އެކުވެރިން ހޯދުން

ހަސަދަވެރިކަން ނެތް ވާދަވެރިކަމަކީ ތިބާއަށް ކުރިއެރުން ގެނުވާ ކަމެކެވެ. ހަތިމެއް ކުރުމަށް ވެސް މިފަދަ ވާދަވެރިކަމެއް ގެންގުޅެވިދާނެއެވެ. އާއިލާގެ އެހެން މެމްބަރުން ނުވަތަ އެކުވެރިންނާ ހަތިމެއް ފުރިހަމަކުރަން ވާދަކުރާށެވެ. މިކަމުގައި އެކަކު އަނެކަކަށް ހިތްވަރުދީ އިރުޝާދުވެސް ދޭށެވެ. އެއްވެސް ހާލެއްގައި ކުރިން ނިންމާ މީހަކަށް އިނާމެއް ކަނޑައެޅުމެއް ނެތެވެ. ބަދަލުގައި ކޮންމެ މީހަކު ވެސް ޤުރުއާނުން ކިޔާ ކޮންމެ އަކުރަކަށް އޮތީ އެތަށް ގުނައެއްގެ ދަރުމައާއި ސަވާބެވެ.

އަޅުކަން ކުރުމުގައި އެކުވެރިންނާއި ނުވަތަ އާއިލާއާ ވާދަކުރުމަކީ ފައިދާ ހުރި ކަމެއް

ވަގުތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން

ކިތަންމެ އަވަދެނެތި އާންމު ދިރިއުޅުމުގައި އުޅުނު ކަމުގައި ވިޔަސް ދުވާލުގެ ބައެއް ގަޑިތަކުގައި ކަމަކަށް އިންތިޒާރުކޮށްގެން ތިބެން ބައެއް ފަހަރު ޖެހެއެވެ. މިސާލަކަށް ބަލިވެގެން ޑޮކްޓަރަށް ދައްކަން ދާ އިރު ނަންބަރު ޖެހެންދެން މަޑުކުރަން ޖެހުމާ ބަހަށް ނުވަތަ ފެރީއަށް އަރާ މަންޒިލަށް ދާން މަޑުކުރަން ޖެހުން ހިމެނެއެވެ. މިފަދަ ވަގުތު އެންމެން ވެސް ދުއްވާލަނީ ގިނަ ފަހަރު ފޯނުގައި ކަމަށްވާ އިރު ފޯނުގައި ޤުރުއާން އެޕްއެއް ނީންނާނެ މީހަކު މަދުވާނެއެވެ. އެހެން ކަމުން ދެން މިގޮތަށް ކަމަކަށް މަޑުކުރަން ޖެހޭ އިރު މިއެޕް ހުޅުވާލާ ކިޔަވާލާ ހަދާށެވެ.

ބޭނުން ކުރާ މުސްހަފް

އަޅުގަނޑުގެ ތަޖުރިބާއަށް ބަލާ އިރު އެކީ އެކައްޗަކަށް އޮންނަ މުސްހަފަކުން ހަތިމެއް ކުރަން އުޅުމަކީ ވަރަށް ކެތްތެރިކަން ބޭނުންވާ ކަމެކެވެ. އެތަށް ސަފްހާއެއް ކިޔާ ނިމުމުން ވެސް އަދި ބޮޑުބައި ބަކީ އޮތްކަން އެނގޭ އިރު މިއީ ނުވާނެ ކަމެއް ކަމަށް އަމިއްލަ ނަފްސަށް ވިސްނެން ފެށެއެވެ. ބަދަލުގައި ތިރީސް ފޮތް ވަކި ވަކިން ހުންނަ މުސްހަފަކުން ހަތިމެއް ކުރަން މާ ފަސޭހައެވެ. އެއީ ކޮންމެ ދުވަހު އޭނގެން އެއް ފޮތް ނެގުމަށް ފަހު އެފޮތް ނިންމާލަން އަޒުމް ކަނޑައަޅައިގެން އެކަން ކުރާށެވެ. ދުވަސްތައް ދާ ވަރަކަށް ނިންމި ފޮތްތައް ގިނަވެ ނިންމަން ހުރި ފޮތްތައް މަދުވާ ތަން ފެންނަވަރަކަށް ކަމެއް ހާސިލްވަމުންދާ ކަމުގެ އިހްސާސްކުރެވި ތިރީސް ފޮތް ނިންމުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ.