އިގުތިސޯދީ ހީނަރުކަމާއި ސިޔާސީ ކާރިސާގެ ފުން އަނދަވަޅަކަށް ސްރީލަންކާ ވައްޓާލާފައި ވަނީ އެ ގައުމުގެ އަދުގެ ސަރުކާރުން ކަމަށް ވިދާޅުވެ، އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަ، ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވައިފިއެވެ.
އިންޑިއާގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ރަނީލް ވިކްރަމަސިންހަ ވަނީ، ސްރީލަންކާގެ ރައްޔިތުންނަށް މިއަދު ކިއުތަކުގައި ތިބުމަށް މަޖުބޫރުވެފައިވެފައި ވަނީ ލަންކާގެ އަދުގެ ސަރުކާރު ފެއިލް ވުމުން ކަމަށާ، އެ ގައުމަށް ކުރިމަތިލާން ޖެހިފައިވާ މާލީ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލުކަމެއް އަދުގެ ސަރުކާރުގައި ނެތް ކަމަށެވެ.
ކުރީގެ ސަރުކާރުގައި ޒަރޫރީ ތަކެތި ހޯދުމަށް އާންމު ރައްޔިތުން ކިއު ހަދަން ނުޖެހޭ ކަމަށާ، ރައްޔިތުން މަގުތަކަށް ނިކުންނަ ޖެހޭނެ ވަރުގެ އެއްވެސް ސަބަބެއް އޮވެގެން ނުވާނެ ކަމަށްވެސް ކުރީގެ ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަ ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއަދު ލަންކާގައި އެ ހުރިހާ ކަމެއްވެސް ހިނގަމުން ދަނީ ރައީސް ގޮތަބާޔާ ރާޖަޕަކްސަގެ ސަރުކާރުގެ ނާގާބިލު ކަމުން ކަމަށް ރަނީލް ވިކްރަމަސިންހަ ވަނީ ވިދާޅުވެފައެވެ.
ރަނީލް ވިކްރަމަސިންހަ އިތުރަށް ވިދާޅުވީ 2019 ވަނަ އަހަރު ލަންކާގެ ބޮޑުވަޒީރު ކަމުގައި އޭނާ ހުންނެވި ދުވަސްވަރު އެ ގައުމުގެ އިގުތިސޯދު އޮތީ ދުޅަހެޔޮކޮށް ކަމަށާ، ރައުސުލްމާލުވެސް އޮތީ އަރަނީގައި ކަމަށެވެ. ނަމަވެސް އަދުގެ ސަރުކާރުގެ ނާގާބިލު ކަމާއެކު ރައްޔިތުންނަށް މަގުތަކަށް ނިކުންނަން ޖެހިފައި ވާ ކަމަށެވެ.
ސްރީލަންކާއަށް މިއަދު ކުރިމަތިލާން ޖެހިފައި ވާ ހާލަތާ ކުރިމަތިލާން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ ބޭރުގެ ފަރާތްތަކަށް ދަރާފައި ވާ ދަރަނިތައް ހަލާސް ކުރުމާ ގުޅޭ މައްސަލައެއް ކަމަށް، ބައިނަލްއަގުވާމީ ތަޖުރިބާކާރުން ވަނީ ހާމަ ކުރައްވާފައެވެ. ކަން މިހެން އޮތް ނަމަވެސް، ސްރީލަންކާއިން އަދިވެސް ދަނީ ބައިނަލްއަގުވާމީ މާލީ އެހީތެރިކަމަށް އެދި ގޮވާލަމުންނެވެ.
އިންޑިއާގެ މީޑިއާއާ ވާހަކަދައްކަވަމުން ރަނީލް ވިކްރަމަސިންހަ ވަނީ އިންޑިއާއިން އެންމެ ފުޅާ ދާއިރާއެއްގައި ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދީފައި ވާ ކަމަށެވެ. އަދި މާލީ އިމުން ބޭރުން އިންޑިއާއިން ފޯރުކޮށްދެމުންދާ އެހީގެ ނަތީޖާއަށް ބަލަން ތިބެން ޖެހޭ ކަމަށްވެސް ރަނީލް ވިކްރަމަސިންހަ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އަދުގެ ސަރުކާރުގައި ޗައިނާއިން ލަންކާގައި ކުރި އާ އިންވެސްޓްމަންޓެއް ނެތް ކަމަށްވެސް ރަނީލް ވިކްރަމަސިންހަ ވަނީ ފާހަގަ ކުރައްވާފައެވެ.