ސުޕްރީމް ކޯޓުގެ އަމުރަކަށް، ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުން ކުރިއަށް ގެންދިޔަ އިތުބާރު ނެތް ކަމުގެ ވޯޓަކަށް ފަހު ބޮޑުވަޒީރު ކަމުގެ މަގާމުން ދުރުކުރައްވާފައިވާ އިމްރާން ހާންގެ ސަޕޯޓަރުން، އެ ގައުމުގެ އެކި ހިސާބުތަކަށް ނިކުމެ މަގުތައް ފުރާލައިފިއެވެ.

އިމްރާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) ގެ ސަޕޯޓަރުން މަގުތަކަށް ނިކުމެފައި ވާ އިރު، އެންމެ ބޮޑެތި އެއްވުންތައް ފެނިގެން ދިޔަ ސަރަހައްދުތަކުގެ ތެރޭގައި ކަރާޗީ، ޕެޝާވަރު، މަލަކަންދު، މުލްތާން، ހަނެވާލް، ހައިބަސރު، އޮކާރާ، އިސްލާމް އާބާދޫ އަދި ލާހޯރް ފަދަ ސަރަހައްދުތައް ހިމެނެއެވެ.

އިމްރާން ވަނީ އާދީއްތަ ދުވަހަކީ، ހާރިޖީ ނުފޫޒުން ވެރިކަން ބަދަލު ކުރުމާ ދެކޮޅަށް، "މިނިވަންކަމަށް އުފުލާ ތަކުލީފުގެ" ފެށުން ކަމުގައި ފާހަގަ ކުރައްވާފައެވެ. އާންމުންގެ ތާއީދާއި ރޫހު އެ މިސްރާބަށް އަމާޒު ކުރެއްވުމުގެ ގޮތުން އިމްރާން ވަނީ، މީސްތަކުންގެ އިސްތިގުލަލާއި ޑިމޮކްރަސީ ހިމާޔަތް ކުރާނެ ބަޔަކީ ހުދު އެމީހުން ކަމަށްވެސް ވިދާޅުވެ، ޓްވީޓް ކުރައްވާފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުން ދުރުކުރައްވާފައިވާ އިމްރާން ހާންގެ ސަޕޯޓަރުން އޭޕްރިލް 10، 2022 ވަނަ ދުވަހު ކުރި މުޒާހަރާގައި ކުޑަކުދިންވެސް ބައިވެރިވި / ފޮޓޯ: ޓްވިޓާ

ޕާކިސްތާނުގެ އެކި ހިސާބުތަކުގައި އިމްރާންއަށް ތާއީދުކޮށް، އެއްވުންތައް ކުރިއަށް ގެންގޮސްފައި ވާއިރު، ޕީޓީއައިއިން ވަނީ އެ މަންޒަރުތައް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ. އިމްރާންގެ ސަޕޯޓަރުންގެ ގޮތުގައި ގިނަ އަދަދަކަށް އަންހެނުންނާއި ކުޑަކުދިންވެސް މަގުތަކަށް ނިކުތް ކަމަށް މައުލޫމާތު ލިބެއެވެ. މަގުތަކަށް ނިކުތް މީހުންގެ އަދަދު ގިނަ ކަމުން، އެއްގަމު އުޅަނދުތަކުގެ ދަތުރުފަތުރަށްވެސް ބުރޫ އެރި ކަމަށް މައުލޫމާތު ލިބެއެވެ.

ގައުމުން ބޭރުގައި ދިރިއުޅޭ އިމްރާންގެ ސަޕޯޓަރުން ވަނީ އެއްވުންތައް ބާއްވާފައެވެ. އެގޮތުން އިނގިރޭސިވިލާތުގައިވެސް ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ ކަން ފާހަގަ ކުރަން ޖެހެއެވެ.

ޕާޓީގެ ގޮވާލުމަކަށް މަގުތަކަށް ނިކުމެ، ތާއީދުގެ ޝުއޫރުތައް ބަންޑުން ކުރަމުން ދިޔަ އާންމުންނަށް އިމްރާން ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި ކުރީގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ އިމްރާން ހާންއާ ދެކޮޅަށް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާ، ބޮޑުވަޒީރު ކަމުގެ މަގާމުން އޭނާ ދުރުކުރެއްވީ އާދީއްތަ ދުވަހަށް އަލިވިލެން ދަނިކޮށެވެ.

ބޮޑުވަޒީރު ކަމުގެ މަގާމުން އިމްރާން ދުރުކުރުމަށްޓަކާ އޭނާއާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓަކަށް އެހުމަށް ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުން ހުސްވި ހަފުތާގައި ކުރި މަސައްކަތަށް އިމްރާން ހުރަސް އަޅުއްވާފައިވަނީ ޣައިރު ގާނޫނީ ގޮތެއް ކަމަށް ކަނޑައަޅާ، އިމްރާންގެ އިތުބާރު ނެތް ކަމުގެ ވޯޓު، ހޮނިހިރު ދުވަހު ކުރިއަށް ގެންދިއުމަށް އަމުރު ކުރީ ޕާކިސްތާނުގެ ސުޕްރީމް ކޯޓުންނެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުން ދުރުކުރައްވާފައިވާ އިމްރާން ހާން / ފޮޓޯ: ޓްވިޓާ

ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަގާމުން އިމްރާން ދުރު ކުރައްވާފައި ވަނީ 174 މެންބަރުންގެ ވޯޓުންނެވެ. ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގައި 342 މެންބަރުން ތިއްބަވާއިރު، އިތުބާރު ނެތް ކަމުގެ ވޯޓަކުން ބޮޑުވަޒީރު ވަކި ކުރެއްވުމަށް ބޭނުންވަނީ 172 މެންބަރުންގެ ތާއީދެވެ.

ޕާކިސްތާނުގެ އާ ބޮޑުވަޒީރަކު ހޮވުމަށް ކެންޑިޑަސީ ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހުޅުވާލާފައި އޮތް އިރު، މިއަދުގެ ވަގުތެއްގައި، ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި ވޯޓަށް އަހާނެކަމަށް ހަބަރު ލިބެއެވެ. ޕީޓީއައިގެ ފަރާތުން ހުށަހަޅުއްވާފައި ވަނީ ހާރިޖީ ވަޒީރު ކަން ކުރެއްވި ޝާހް މަހްމޫދު ގުރައިޝީގެ ނަމެވެ. އިދިކޮޅު އިއްތިހާދުން ހުށަހަޅާފައި ވަނީ ޕާކިސްތާން މުސްލިމް ލީގު ނަވާޒް (ޕީޓީއައި)ގެ ޝަހްބާޒް ޝަރީފެވެ.

ޕާކިސްތާނުގެ ހާރިޖީ ވަޒީރުކަން ކުރައްވާފައި ވާ ޝާހް މަޙުމޫދު ގުރައިޝީ / ފޮޓޯ: ދަ ރަހްނުމާ ޑެއިލީ

މީގެ އިތުރުން އިމްރާންއާއި އޭނާގެ ކެބިނެޓަށް ގައުމު ދޫކޮށް ނުދެވޭ ގޮތް ހެދުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް، ޕާކިސްތާނުގައި ހައިކޯޓުގައި މިއަދަށް ވަނީ ތާވަލު ކޮށްފައެވެ.

އިމްރާން އަކީ ޕާކިސްތާނުގެ ތާރީހުގައިވެސް އިތުބާރު ނެތް ކަމުގެ ވޯޓަކުން މަގާމުން ދުރުކުރެއްވުނު ފުރަތަމަ ބޮޑުވަޒީރެވެ. އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައިގެން ބޮޑުވަޒީރަކު މަގާމުން ދުރުކުރުމަކީ، ޕާކިސްތާނުގެ ގާނޫނުން ބޮޑުވަޒީރަކު ވަކި ކުރުމަށް ޖާގަ ދޭ ހަމައެކަނި ގޮތްވެސްމެއެވެ. ޕާކިސްތާނުގެ 75 އަހަރުގެ މާޒީއަށް ބަލާއިރު، އެއްވެސް ބޮޑުވަޒީރަކަށް ދައުރު ފުރިހަމަ ކުރެއްވިފައެއް ނުވެއެވެ.

ޕާކިސްތާނުގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ސަބަބުން ކުރިމަތިވި އިގުތިސޯދީ ވޭންވަރުން ގައުމު ސަލާމަތް ކުރެއްވުމަށް އިމްރާން ފެއިލްވެވަޑައިގެންފައި ވާ ކަމަށެވެ. އަދި ޕާކިސްތާނަކީ ކޮރަޕްޝަނުން ސަލާމަތް ވެފައިވާ ގައުމަކަށް ހައްދަވާނެ ކަމަށް އިމްރާން ވެވަޑައިގެންފައިވާ ވައުދުފުޅުވެސް ފުއްދަވާފައި ނުވާ ކަމަށެވެ.