އެއްވެސް މީހަކު މޫދަށް ކުނި އަޅައިގެން ނުވާނެ ކަމަށާއި އެ ފަދަ ކަންކަން ތަންފީޒީ އިދާރާތަކުން ބަލަން ޖެހޭނެ ކަމަށް ޓޫރިޒަމް މިނސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ވ. އަތޮޅު އަލިމަތާ އާއި ދިއްގިރި ރިސޯޓުން މޫދަށް ކުނި އެޅި މައްސަލައާ ގުޅިގެން 'ދަ ޕްރެސް' އިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޓޫރިޒަމް މިނސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، މޫދަށް ކުނިއަޅާ ފަދަ މައްސަލަތައް ބަލަމުން ދާނީ އެންވާރަމަންޓް މިނިސްޓްރީން ކަމަށާއި ޓޫރިޒަމް މިނިސްޓްރީން ކުރަމުން ދާނީ އެންފޯސްމަންޓް މަސައްކަތްތައް ކަމަށެެވެ.
ނަމަވެސް އެއްވެސް ފަރާތަކުން ގަވާއިދާއި ގާނޫނުތަކުގައި ބަޔާންކޮށްފައިވާ މަނާ ކަންކަން ކޮށްގެން ނުވާނެ ކަމަށާއި އެ ފަދަ ކަންކަން ކުރާ ނަމަ ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަން ތަންފީޒީ އިދާރާތަކަށް މައުސޫމް ވަނީ ގޮވާލައްވާފައެވެ. އަދި އެ ފަދަ ކަންކަން ކުރާ ބަޔަކު ވެސް ގަވާއިދާ އެއްގޮތަށް އަމަަލު ކުރަމުން ދިއުމަށް މިނިސްޓަރު މައުސޫމް ވަނީ ގޮވާލައްވާފައެވެ.
ރިސޯޓްތަކުން މޫދަށް ކުނިއަޅާ ފަދަ މައްސަލަތައް ރަށްރަށުގެ ކައުންސިލްތަކަށް އިނގޭ ކަމަށް ވާ ނަމަ އެ މައްސަލަަ ފުލުހުންނަށް ރިޕޯޓް ކުރަން ވާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ. އަދި ތަންފީޒީ އިދާރާތްތަކުން އެ މައްސަލަތއް ބަލަން ވާނެ ކަމަށާއި މި ފަދަ ކަންކަން ނުކުރުމަށް ހުރިހާ ފަރާތްތަކަކަށް ވެސް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށް މައުސޫމް ވިދާޅުވިއެވެ.
ވ. އަތޮޅުގެ ދެ ރިސޯޓަކުން މޫދަށް ކުނި އަޅަމުންދާ ކަން ހާމަކޮށް އެ އަތޮޅުގެ ކައުސިލް ރައީސް ޝުޖާއު އަލީ ވަނީ ވީޑިއޯއަކާ އެކު ޓްވީޓެއް ކުރައްވާފައެވެ. އޭނާ ވިދާޅުވެފައި ވަނީ، ވ. އަލިމަތާ އަދި ވ. ދިއްގިރި ރިސޯޓުން މޫދަށް ކުނި އަޅަމުންދާތީ އެމައްސަލައި ބަލައި ދިނުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުގައި އެދޭ ކަމަށެވެ.
އެ ވީޑިއޯ އިން ފެންނަނީ ބާލިދީ ފަދައިން ހަދާފައިވާ ޓައްޕުތަކެއް ފުރާ ހުރި ކުނިތަކެއް މޫދަށް އަޅާ މަންޒަރެވެ. މި މައްސަލައާ ގުޅިގެން އެންވާރަމަންޓް މިނިސްޓްރީ އާއި އީޕީއޭގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ.