އިގުތިސޯދީ އަދި މާލީ ހީނަރުކަމާ ކުރިމަތިލާން ޖެހިފައި ވާ އަވަށްޓެރި ސްރީލަންކާއަށް އިމްޕޯޓް ކޮށްގެން ވިއްކާ ބޭހުގެ އަގު ބޮޑު ކުރުމަށް ހުއްދަ ދީފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސްރީލަންކާގެ ނޭޝަނަލް މެޑިސިންސް ރެގިއުލޭޓަރީ އޮތޯރިޓީ (އެންއެމްއާރްއޭ) އިން ވަނީ އިމްޕޯޓް ކޮށްގެން ވިއްކާ ބޭހުގެ އަގުން 20 ޕަސެންޓް ބޮޑު ކުރުމަށް، އެ ފަދަ އުފެއްދުންތައް އިމްޕޯޓް ކުރާ ފަރާތްތަކަށް ހުއްދަ ދީފައެވެ.

އިމްޕޯޓް ބޭހުގެ އަގު ބޮޑު ކުރަން ހުއްދަ ދިން ކަމުގައި ވީ ނަމަވެސް، މީގެ ކުރިން އަގު ބޮޑުކޮށްގެން ވިއްކި ބޭހުގެ އަގު އަލުން ބޮޑު ކުރަން ހުއްދަ ނުދޭ ކަމަށްވެސް ސްރީލަންކާގެ ނޭޝަނަލް މެޑިސިންސް ރެގިއުލޭޓަރީ އޮތޯރިޓީއިން ބުނެއެވެ.

ސްރީލަންކާގައި ބޭނުން ކުރާ ބޭހާއި ސިއްހީ އާލަތްތަކުގެ އަގުން ވަކި ޕަސެންޓެއް ބޮޑު ކުރުމަށް، އެ ގައުމުގެ ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ޕްރައިވެޓް ފަރާތްތަކަށް ހުއްދަ ދިނީ މިދިޔަ މަހުގެ ތެރޭގައެވެ. އެއީ އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު ސްރީލަންކާ ފައިސާގެ އަގު ދަށް ވުމުގެ ސަބަބުންނެވެ.

އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު މިހާރު ދުނިޔޭގައި އެންމެ އަގު ދަށް ފައިސާތަކުގެ ތެރޭގައި ލަންކާ ފައިސާ ހިމެނެއެވެ. ބޭރު ފައިސާ ގަނެވިއްކުމުގެ ބާޒާރުގެ އަގުތަކަށް ބަލާއިރު ސްރީލަންކަން ރުޕީޒްއަކަށް މިހާރު ޖެހެނީ 0.0032 އެމެރިކާ ޑޮލަރެވެ. ނުވަތަ އެމެރިކާ ޑޮލަރަކަށް 315.13 ސްރީލަންކަން ރުޕީޒްއެވެ.

ކަން މިހެން އޮތް ސްރީލަންކާގެ ބާޒާރުގައި ހަނޑުލުގެ އަގު، އަތް ނުފޯރާ ހިސާބަށް އުފުލިފައި ވާ ކަމަށް ހަބަރު ލިބެއެވެ. ލަންކާ ބާޒާރުން މުދާ ގަންނަ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި އާންމު ބާޒާރުގައި ހަނޑޫ ކިލޯއެއް މިހާރު ވިއްކަމުން ދަނީ ކިލޯއެއް، 200-240 ރުޕީޒްއާ ދެމެދު ރޭޓެއްގައެވެ.

ސްރީލަންކާގެ ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ އެ ގައުމުގެ އެންމެ ބޮޑު ރީޓެއިލް ނެޓްވޯކް ކަމަށްވާ ލަންކާ ސަތޯސާގެ އައުޓްލެޓްތަކުން، ހެޔޮ އަގުގައި ހަނޑޫ ގަންނަން ލިބޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ޑިމާންޑާ އެއްވަރަށް ހިދުމަތް ދެވެމުން ނުދިއުމުގެ މައްސަލަ ފެންމަތިވެފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ސްރީލަންކާގައި ހަނޑޫ ގަންނަ ފަރާތްތަކުން ބުނަމުންދަނީ އަގު ތިރިކުރުމަށްޓަކާ ސަރުކާރުން ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އެގޮތުން ހަނޑޫ އިމްޕޯޓް ކުރަން ނުވަތަ އަގު ކޮންޓްރޯލް ކުރަން ޖެހޭ ކަމަށް ލަންކާގެ ބާޒާރުން މުދާ ގަންނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.