ކުރިއަށް އޮތް 6 މަސް ދުވަހަށް ބޭނުންވާ ހަކަތައާއި ބޭސްފަރުވާ ފަދަ ޒަރޫރީ މުދަލުގެ ސަޕްލައި ކަށަވަރު ކުރުމަށްޓަކާ، ބޭރުގެ އެހީގެ ގޮތުގައި 3 ބިލިއަނެއްހާ ޑޮލަރު ބޭނުން ވާ ކަމަށް، ސްރީލަންކާގެ އާ މާލީ ވަޒީރު އަލީ ސޮބްރީ ވިދާޅުވެއްޖެއެވެ.
22 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ސްރީލަންކާއަށް ވަނީ ހަކަތައިގެ ދަތިކަން ކުރިމަތިވެ، ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ މައްސަލަތަކުގެ އިތުރުން ޒަރޫރީ އުފެއްދުންތައް ލިބުމުގެ ދަތިކަމާވެސް ކުރިމަތިލާން ޖެހިފައެވެ. އެ ކަމުގެ ސަބަބުން ސްރީލަންކާގެ މަގުތަކުގައި އެތައް ބަޔަކު މުޒާހަރާ ކުރަމުން ދާ އިރު، ރައީސް ގޮތަބާޔާ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލާ ގޮވާލުންތަކުގެ އަޑުވެސް ދަނީ ގަދަވަމުން ކަން ފާހަގަ ކުރަން ޖެހެއެވެ.
ގޮތަބާޔާގެ ވަޒީރުންގެ މަޖިލީސް އިސްތިއުފާ ދެއްވުމާ ގުޅިގެން މާލީ ވަޒީރު ކަމުގެ މަގާމަށް ހުސްވި ހަފުތާގައި އައްޔަން ކުރެއްވުނު ފަހުން ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މީޑިއާއަށް ދެއްވި ބަސްދީގަތުމުގައި ރޮއިޓާޒްއާ ވާހަކަދައްކަވަމުން ސޮބްރީ ވިދާޅުވީ މިއީ "މާސިންގާ ޓާސްކެއް" ކަމަށެވެ. މި ތަނުގައި ސޮބްރީ އިޝާރާތް ކުރައްވާފައި ވަނީ، ގައުމު ނެގެހެއްޓުމަށް ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް)އާ މަޝްވަރާ ކުރުމަށް ލަންކާއިން ތައްޔާރު ވަމުން ދާ މި ދަނޑިވަޅުގައި އެ ގައުމަށް ބޭނުންވާ ޒަރޫރީ ސަޕްލައި ކަށަވަރު ކުރުމަށް އެ ގައުމަށް ބޭރުގެ އެހީގެ ގޮތުގައި ބޭނުންވާ 3 ބިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި ބައިނަލްއަގުވާމީ ސޮވްރިން ބޮންޑުތައް ރީސްޓްރަކްޗާ ކުރުމުގެ އިތުރުން ދަރަނި ހަލާސް ކުރުމުގެ މުހުލަތު މަޑުޖައްސާލެވެން ހުރި ގޮތްތައް ލަންކާއިން ބަލަމުން ދާނެ ކަމަށް ބެލެވެއެވެ. އަދި ޖުލައި މަހަށް ހަލާސް ކުރަން ޖެހޭ 1 ބިލިއަން ޑޮލަރުގެ ލޯނަށް ލުއި ގޮތެއް ހެދިދާނެ ކަމުގެ ބޮޑު ޔަގީން ކަމެއް ލަންކާއަށް އެބަ އޮތް ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ސޮބްރީ ވިދާޅުވީ މި ވަގުތުގެ އަމާޒަކީ މުޅިން އިނދަޖެހުނަ ނުދީ ސަލާމަތް ހޯދުން ކަމަށާ، މުޅިން އިނދަޖެހުމުގެ ނަތީޖާ ފަހުމްވެވަޑައިގަންނަވާ ކަމަށެވެ.
ޖޭޕީ މޯގަންގެ އެނަލިސްޓުން ވަނީ، ސްރީލަންކާގެ ގައުމީ ދަރަނި 7 ބިލިއަން ޑޮލަރަށް މިއަހަރު އަރާނެ ކަމަށް ލަފާ ކުރައްވާފައެވެ. އަދި ކަރަންޓް އެކައުންޓް ޑެފިސިޓް ނުވަތަ އެކްސްޕޯޓަށް ވުރެ އިމްޕޯޓް އިތުރުވުމުގެ ފަރަގާ ގުޅޭ ދަރަނި، 3 ބިލިއަނަށް އަރާނެ ކަމަށްވެސް ވަނީ ލަފާ ކޮށްފައެވެ.
ސްރީލަންކާއިން ހަލާސް ކުރަންޖެހޭ އިންޓަނޭޝަނަލް ސޮވްރިން ބޮންޑުތަކުގެ އަގު، 12.6 ބިލިއަން ޑޮލަރަށް އަރާ ކަމަށް މަރުކަޒީ ބޭންކުގެ ރެކޯޑްތަކުން ދައްކައެވެ. ނަމަވެސް މާޗް މަސް ނިމުނު އިރު ސްރީލަންކާގެ ބޭރު ފައިސާގެ ރިޒާވްގައި ހުރީ 1.9 ބިލިއަން ޑޮލަރެވެ.
ކަން މިހެން އޮތް އިރު ސޮބްރީ ވިދާޅުވީ އެންމެ ފުރަތަމަ އިސްކަން ދެއްވާނީ އާންމު އުސޫލުން ސަޕްލައި ޗޭނު ކަށަވަރު ކުރެއްވުމަށް ކަމަށާ، އެއާއެކު ކަރަންޓުގެ މައްސަލައަށް ހައްލު ހޯދި، މުޒާހަރާ ކުރަމުންދާ މީހުންގެ ޑިމާންޑްތަކަށް ރިއާޔަތް ކުރެވޭނެ ކަމަށެވެ.
އައިއެމްއެފްއިން ހޮނިހިރު ދުވަހު ވަނީ، ސްރީލަންކާއާއެކު ފަންނީ ފެންވަރުގައި މަޝްހޫލު ވާން ފަށާފައި ވާ ކަން ހާމަކޮށްފައެވެ. އެގޮތުން ލޯން ޕްރޮގްރަމަކާ ގުޅޭ ގޮތުން ސްރީލަންކާގެ މާލީ ވުޒާރާއާއި މަރުކަޒީ ބޭންކާއެކު މަޝްހޫލު ވަމުން ދާ ކަމަށާ، ސްރީލަންކާގެ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅިގެން އިންތިހާއަށް ކަންބޮޑުވާ ކަމަށް އައިއެމްއެފްއިން ވަނީ ބުނެފައެވެ.
އައިއެމްއެފްއާއެކު މަޝްވަރާތައް ކުރިއަށް ގެންދެވުމަށް ސޮބްރީ އިސްކޮށް ހުންނަވާ ސްރީލަންކާގެ ވަފުދު، އެމެރިކާއަށް ދަތުރު ކުރާނީ އޭޕްރިލް 18 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ. އަދި ސްރީލަންކާއިން ދުނިޔެއަށް ދަރާފައިވާ ދަރަނި ރީސްޓްރަކްޗާ ކުރުމާ ގުޅޭ ގޮތުން ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މާލީ އަދި ގާނޫނީ ދާއިރާގެ މުޝީރުން، 21 ދުވަހުގެ ތެރޭގައި ހޮވާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ.