ރޯދަމަހުގެ ކޮންމެ ދުވަހަކު 300 މީހުންނަށް ރޯދަ ވީއްލުން ދޭ ޒުވާނުންތަކެއްގެ ވާހަކަ އަޑުއެހިން ހެއްޔެވެ. މިއީ "ޓީމް ދަވާ މޯލްޑިވްސް" ގެ ނަމުގައި މަސައްކަތް ކުރާ ކުދިންތަކެކެވެ. ކޮންމެ ރޯދަމަހަކު ވެސް މި ޒުވާނުން މާލޭގެ އެކި ސަރަހައްދުތަކަށް ނުކުމެ މަޣްރިބް ނަމާދަށް ބަންގި ގޮވާ ވަގުތު މަގުމަތިން ދާ ކޮންމެ މީހަކަށް އަވަހަށް ރޯދަ ވީއްލުމަށް ފެންފުޅިއަކާއި ތިން އޮއް ކަދުރު ހަދިޔާ ކުރެއެވެ.

ޓީމް ދަވާ މޯލްޑިވްސް އިން ބުނީ، އިރުއިއްސުމަށް ފަހު ވީހާ ވެސް އަވަހަކަށް ރޯދަ ވީއްލުމަކީ އިސްލާމް ދީންގައި ސުންނަތެއް ކަމަށެވެ. ދިވެހިންގެ ދިރިއުޅުން ބައްޓަންވެފައި ހުންނަ ގޮތުން ބައެއް މީހުނަށް ބަންގި ގޮވާ ވަގުތު ރޯދަ ވީއްލުމަށް ހުރަސްތަކެއް ދިމާވެއެވެ. އެހެންކަމުން އެ ޓީމުން މާލޭގެ މަގުތަކަށް ނުކުމެ އެފަދަ ފަރާތްތަކަށް ރޯދަ ވީއްލުމަށް އެހީތެރިވެ ދިނުމަކީ އުފަލާ އެކު ކުރާ ކަމެއްގެ ގޮތުގައި އެ ޓީމުން ސިފަ ކުރެއެވެ.

ރޯދަ ވީއްލަން ހަދިޔާ ކުރާ ތަކެތި

ރޯދަ ވީއްލުމަށް ފެން ކޭސްތަކާއި ކަދުރު އަލާފައި ހުންނަ ޖޫސްޕެޓީ ކޮތަޅު ހިފައިގެން 25 ޒުވާނުން މާލޭގެ 5 ސަރަހއްދެއްގައި ތިބޭތަން ފެނެއެވެ. އެގޮތުން ސިނަމާލޭ ބްރިޖް ސަރަހައްދު، މަޖީދީމަގުން ނަލަަހިޔާ ކަންމަތި، މާފަންނު ފުޑްކޯޓު ސަރަހައްދު، ރަސްފަންނު، ކާނިވާ ސަރަހައްދުން މަގުމައްޗަށް ވާ ގޮތަށް މި ޒުވާނުން ތިބޭ ތަން ފެނެއެވެ.

އެ ސަރަހައްދުތަކުން އެ ވަގުތު ދުއްވާފައިދާ އުޅަނދުތަކުގައި ތިބޭ މީހުންނަށާއި މަގުމަތިން ދާ މީހުންނަށް ރޯދަ ވީއްލުމަށް ދޭން ހަދާފައިވާ ޕެކޭޖް އެ ޒުވާނުން ހަދިޔާ ކުރެއެވެ. އެ ތަކެތި ދިނުމަށް ފަހު އެ މީހުންގެ އަތުން ބަދަލުގައި ފައިސާ އެއް އެ ޒުވާނުން ނުނަގައެވެ. އެއީ ހިލޭ ސާބަހަށް އެމީހުން މާތް ﷲ އަށްޓަކައި ކުރާ ސަދަގާތެކެވެ.

ރޯދަ ވީއްލަން ހަދިޔާ ކުރާ ތަކެތި ތައްޔާރު ކޮށްގެން ޒުވާނުންތަކެއް މަގުމަތީގައި

އެ ޓީމުން ބުނާ ގޮތުގައި ކޮންމެ ދުވަހަކު ވެސް ގާތްގަނޑަށް 300 މީހުންނަށް އެމީހުން ރޯދަ ވިއްލަން ހަދިޔާ ކުރާ ތަކެތި ދެވޭ ކަމަށެވެ. އަދި އެމީހުން ދޭ މި ހަދިޔާ ކޮންމެ މީހަކު ވެސް އުފަލާ އެކު ގަބޫލު ކުރާ ކަމަށް އެ ޓީމުން ބުނެއެވެ.

ކޮންމެ ރޯދަ މަހަކުވެސް ރޯއްދަ ވީއްލުން ހަދިޔާ ކުރުމަށް ނުކުންނަ މި ޓީމުން މި ރީދަ މަހަށް ތައްޔާރވުމަށް ވެސް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އެ ގޮތުން މި އަހަރު ރޯދަމަހުގެ ޕެކޭޖް ތައްޔާރު ކުރުމަށް އާންމުގެ އެހީ ހީދުމަށް އެ ޒުވާނުން ވަނީ އެދިފައެވެ. މީހަކަށް ދޭ ޕްކޭޖެއްގެ އަގަކީ 3 ރުފިޔާ ކަމަށް ވާއިރު ކޮންމެ 100 މީހުންގެ ރޯދަ ވީއްލުމަށް 300 ރުފިޔާ ހަދީޔާ ކުރުމަށް އާންމުންނަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. އެ ގޮތަށް އާންމުންނަށް މި ފުރުސަތު ހުޅުވާލާފައި ވަނީ ހެޔި އަމަލެއް ކުރުމުގައި ގިނަ ބައެއްގެ ބައިވެރި ކުރުމަށެވެ.

ރޯދަ ވީއްލަން ހަދިޔާ ކުރާ ތަކެތި ތައްޔާރު ކޮށްގެން ޒުވާނުންތަކެއް މަގުމަތީގައި

މާތް މަގުސަދެއްގައި ދިވެހި ޒުވާނުންތަކެއް ނުކުމެ މި ކުރާ މަސައްކަތަކީ ހިތަށް އުފާވެރިކަން ގެނެސްދޭނެ ކަމެއް ކަން ޔަގީނެވެ. އަހަަރެމެން ދިވެހިންގެ ތެރޭގައި މާތްﷲ އަށް ޓަކައި މިފަދަ މާތް މަސައްކަތް ކުރަން ނުކުންނަ ޒުވާނުންނަށް އައްސަރުބަހާއި ސާބަސްދޭން ހައްގެވެ. މި ފަދަ ޒުވާނުންނަކީ އަންނަން އޮތް ޖީލަށް އޮތް ރީތި ނަމޫނާއެއް ކަން ކަށަވަރެވެ.