ބޭރު ފައިސާގެ ރިޒާވްއަށް ހީނަރުކަން ކުރިމަތިވެ، އިގުތިސޯދީ އަދި މާލީ އަނދަވަޅަކަށް ވެއްޓިފައިވާ އަވަށްޓެރި ސްރީލަންކާގައި ހުރި ޑީސަލްގެ ސަޕްލައި، މި ހިނގާ އޭޕްރިލް މަސް ނިމޭއިރު ހުސްވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.

ސްރީލަންކާއިން ޑީސަލް ހުސްވެދާނެ ކަމުގެ ބިރު ބޮޑުވެފައި ވަނީ، ސްރީލަންކާއަށް ކުރިމަތިވެފައިވާ ހަކަތައިގެ ދަތިކަން ހައްލު ކުރުމަށް އަވަށްޓެރި އިންޑިއާއިން އެހީގެ ގޮތުގައި ފޯރުކޮށްދީފައިވާ 500 މިލިއަން ޑޮލަރުގެ ކްރެޑިޓްލައިން، އިންތިހާ ހަލުވި ދުވެލީގައި ހުސްވަމުން ދާ ދިއުމާ ގުޅިގެންނެވެ.

ކަން މިހެން އޮތް އިރު ސްރީލަންކާގައި ސައިފަތާއި އަންނައުނާއި އަދިވެސް އެހެން ސިނާއަތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ، އެ ގައުމުން މި އަހަރު މުދަލާއި ހިދުމަތް އެކްސްޓް ކުރާ މިންވަރު، 20 ޕަސެންޓާއި 30 ޕަސެންޓާ ދެމެދު މިންވަރަކަށް ދަށަށް ދިއުން އެކަށީގެންވާ ކަމަށް ލަފާ ކޮށްފައެވެ. ސްރީލަންކާއިން މުދަލާއި ހިދުމަތް އެކްސްޕޯޓް ކުރާ މިންވަރު، މި އަހަރު ދަށަށް ދާނެ ކަމަށް ބެލެވެނީ، ފްރެއިޓް ޗާޖު ބޮޑުވުމާ، ކަރަންޓުގެ ހިދުމަތް މެދުކެނޑެމުން ދިއުމުގެ ސަބަބުންނެވެ.

ސްރީލަންކާގެ ބޭރު ފައިސާގެ ރިޒާވް އިންތިހާއަށް ހީނަރުވެފައި ވާ އިރު، ކާބޯތަކެއްޗާއި، ގޭހުގެ އިތުރުން ބޭސްފަރުވާ ފަދަ ޒޫރީރީ މުދާ ލިބުން ވަނީ ދަތިވެފައެވެ. ސްރީލަންކާގެ ސިއްހަތާ ބެހޭ އެންމެ މަތީ ޖަމިއްޔާއިން ވަނީ އެ ގައުމުގައި ސިއްހީ ކުއްލި ނުރައްކާވެސް އިއުލާން ކޮށްފައެވެ.