އެންމެ ލަސްވެގެން ހޮނިހިރު ދުވަހުގެ ހެނދުނު 10:30ގެ ކުރިން، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންގެ އިތުބާރު ނެތް ކަމުގެ ވޯޓަށް އެހުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ.
އިމްރާންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓަށް އެހުމަށް ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގައި ހުސްވި ހަފުތާގައި ކުރި މަސައްކަތަށް ހުރަސް އެޅުއްވީ މަޖިލީހުގެ ނައިބު ރައީސް ގާސިމް ސޫރީއެވެ.
ޕާކިސްތާނުގެ އެންމެ މަތީ ކޯޓުގެ އެންމެ އިސް ފަނޑިޔާރުންގެ ބެންޗުންވަނީ އިމްރާން ހާންއަށް މަންފާ ވާ ގޮތަށް، ގާނޫނު ހަދާ މަޖިލީސް އުވާލެއްވުމަށް ޕާކިސްތާނުގެ ރައީސް ނެރުއްވި އަމުރުވެސް ބާތިލު ކުރައްވާފައެވެ. އުއްތަމަ ފަނޑިޔާރު އުމަރު އަތޯ ބަންދިއާލް އިސްކޮށް ހުންނެވި ބެންޗުން މި ކަން ފާސް ކުރެއްވީ 5 ފަނޑިޔާރުންގެ ތާއީދާއެކުގައެވެ.
ސުޕްރީމް ކޯޓުގެ އަމުރު އާންމު ކުރުމާއެކު، ޕާކިސްތާނުގެ އިދިކޮޅު މެންބަރުން ވަނީ އިމްރާންގެ އިސްތިއުފާއަށް ގޮވާލައްވާ، އެކަމުގެ ޝިއާރު ފާޅު ކުރައްވާފައެވެ.
ޕާކިސްތާނުގެ ސަރުކާރާއި އިދިކޮޅު ވަކީލުން ދެއްކެވި ވާހަކަތަކަށްފަހު އެ ގައުމުގެ ސުޕްރީމް ކޯޓުން ވަނީ، އިންތިހާބެއް ކުރިއަށް ގެންދިއުމަށް ތައްޔާރަށް އޮތް މިންވަރަކާ ބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަނާވެސް ސުވާލު ކޮށްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އާބާދީއަށް ރިއާޔަތް ކޮށްގެން ދާއިރާތައް ކަނޑައެޅުމުގެ މަސައްކަތަށްވެސް 4 މަސްދުވަސް ބޭނުންވެއެވެ. އިމްރާން ހާން އުއްމީދު ކޮށްގެން ހުންނެވި 90 ވަރަކަށް ދުވަހުގެ ތެރޭގައި އިންތިހާބު ކުރިއަށް ގެންދެވުމަށެވެ.
ޕާކިސްތާންގެ އިދިކޮޅު ލީޑަރުން ވަނީ ސުޕްރީމް ކޯޓުގެ އަމުރަށް ތާއީދު ކުރައްވާފައެވެ. އެގޮތުން ޕާކިސްތާން މުސްލިމް ލީގު-ނަވާޒްގެ ނާއިބާ ރައީސް މަރްޔަމް ނަވާޒް ވަނީ، މުޅި ގައުމަށް މަރުހަބާ ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.
އިމްރާންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓަށް އެހުމަށް މަޖިލީސް ޖަލްސާ ފެށިތާ ގަޑިއެއްހާއިރު ތެރޭގައި އެ ޖަލްސާ ނިންމަވާ ލެއްވީ މަޖިލީސް ރައީސް ކަމުގެ ދައުރުވެސް އަދާ ކުރައްވަމުން ގެންދެވި ނައިބު ރައީސް ގާސިމް ސޫރީއެވެ. ސޫރީ ވަނީ އެއީ ޣައިރު ގާނޫނީ ކަމެއް ކަމަށް ވިދާޅުވެފައެވެ. ގާނޫނު ހަދާ މަޖިލީސް އުވާލެއްވީވެސް ހަމަ ދާދި އެ ވަގުތުގައެވެ. އިމްރާން ވަނީ އޭގެ ފަހުން ވަޒީރުންގެ މަޖިލީސް އުވާލައްވާ، ވަގުތީ ސަރުކާރެއް އެކުލަވާ ލެއްވުމުގެ މަސައްކަތް ފައްޓަވާފައެވެ.