ޒަމާނުއްސުރެ ހަތުރުވެރި ޗައިނާއާއިއެކު އިންޑިއާއިން ހިއްސާ ކުރާ ލަދަކް ބޯޑަރު ސަރަހައްދުގެ ހަކަތައިގެ ގުރުޑިއަށް، މިދިޔަ މަސްތަކުގައި އަމާޒުވި ހެކަރުންގެ ހަމަލާތަކުގެ ފަހަތުގައި އޮތީ ޗައިނާ ކަމަށް، ނުރައްކާތަކުގެ ޖާސޫސީ މައުލޫމާތަށް ހާއްސަ ކުންފުންޏަކުން ބުނެފިއެވެ.

ރެކޯޑަޑް ފިއުޗާއިން އާންމު ކުރި ރިޕޯޓް ބުނާ ގޮތުގައި ލަދަކް ސަރަހައްދުގެ ހަކަތައިގެ ގުރިޑަށް އަމާޒުވި ހެކަރުންގެ ހަމަލާތަކަކީ، ސައިބާ ވިއުގާގެ ތެރެއިން އިންޑިއާއަށް ފާރަލުމަށް ޗައިނާއިން ހިންގާ އަމަލުތަކުގެ ބައެކެވެ.

ޗައިނާ-އިންޑިއާ ބޯޑަރު ސަރަހައްދުގައި "ލޯޑް ޑިސްޕެޗް" ކުރުމަށް ހިންގާ 7 މަރުކަޒެއް، ފާއިތުވީ މަސްތުގައި އޮތީ ޗައިނާ ސާވޭލަންސްގެ ދަށުގައި ކަމަށްވެސް ރެކޯޑަޑް ފިއުޗާގެ ރިޕޯޓްގައި ވެއެވެ. ލޯޑް ޑިސްޕެޗް ސެންޓަރުތަކަކީ ކަރަންޓް ބޭނުން ކުރަމުން ދާ ގޮތްތައް ވިލަރެސް ކޮށް، އެކަށީގެންވާ އުސޫލަކުން ސްޓޭޓްތަކަށް ކަރަންޓް ސަޕްލައި ކުރުމުގެ މަސައްކަތް ހިންގާ މަރުކަޒުތަކެކެވެ.

ރެކޯޑަޑް ފިއުޗާއިން ބުނީ، ރިޕޯޓް އާންމު ކޮށްފައި ވަނީ، އޭގައި ވާ މައުލޫމާތު، އިންޑިއާ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ފަހުގައި ކަމަށެވެ.

ސައިބާ ވިއުގާގެ ތެރެއިން ޗައިނާއިން ހަނގުރާމައެއް ފަށާފާނެ ކަމުގެ ކަންބޮޑުވުމަކީ، އިންޑިއާ ސަރުކާރުގައި އޮންނަ ކަންބޮޑުވުމެކެވެ. ޓެކްނޮލޮޖީގެ ގޮތުން ދެ ގައުމުގައި ފަރަގުތަކެއް ހުރި ކަމުގައި ވީ ނަމަވެސް، އިންޑިއާއިން އަދާ ހަމަ ކުރަމުން ދާ ކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ.