ރާއްޖޭގެ ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފިއެވެ.

ހޮސްޕިޓަލްތައް އަޅަން ބީލަމަށް ހުޅުވާލި ރަށްތަކަކީ ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫގެ އިތުރުން ތ. ވިލުފުއްޓެވެ.

މިނިސްޓްރީން ބުނީ މި ރަށްތަކުގެ ހޮސްޕިޓަލްތަކުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ކޮންމެ ރަށަކަށް 35،000 ޑޮލަރު (540,925ރ.) ހުށަހަޅަން ޖެހޭ ކަމަށެވެ.

ޝައުގުވެރިވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަަތު މި އަހަރުގެ ޖޫން މަހުގެ 9 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ބީލަމުގައި ބައިވެރިވުމަށް  1500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މި ފައިސާ ބަލައިގަންނާނީ މިމަހު 5 ވަނަ ދުވަހުން ޖޫން 6، 2022 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 2:00 (ރޯދަ މަހު: 09:30 އިން 13:00) އަށް މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ މެދުވެރި ކޮށް ކަމަށެވެ.

ރާއްޖޭގެ 25 ރަށެއްގެ ހޮސްޕިޓަލްގެ މަސައްކަތް މި އަހަރު ތެރޭގައި ޓެންޑަކޮށް ހަވާލުކުރާނެ ކަމަށް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި އެނދުގެ އަދަދެއް އަދި ކަނޑައަޅާފައި ނުވާ 3 ހޮސްޕިޓަލެއްގެ މަސައްކަތާއި، 30 އެނދުގެ 12 ހޮސްޕިޓަލަކާއި، 50 އެނދުގެ ހަތް ހޮސްޕިޓަލަކާއި، 100 އެނދުގެ ތިން ޓާޝަރީ ހޮސްޕިޓަލެއްގެ މަސައްކަތް މި އަހަރު ތެރޭ ޓެންޑަކޮށް ހަވާލު ކުރެވޭނެ ކަމަށް މިނިސްޓްރީން މީގެ ކުރިން ބުނެފައެވެ.

މި ހޮސްޕިޓަލްތަކުގެ ތެރެއިން 30 އެނދުގެ ހޮސްޕިޓަލް އަޅަނީ ހދ. ހަނިމާދޫ، ނ. މިލަދޫ، އދ. މާމިގިލި، ކ. ތުލުސްދޫ، ވ. ފެލިދޫ، ތ. ވިލުފުށީގެ އިތުރުން ނ. ކެނދިކުޅުދޫ، ހއ. އިހަވަންދޫ، ޅ. ހިންނަވަރު، ރ. އަލިފުށި އަދި ގދ. ގައްދޫގައެވެ.

50 އެނދުގެ ހޮސްޕިޓަލް އަޅަން ހަމަޖައްސާފައި ވާ ހަތް ރަށަކީ އއ. ރަސްދޫ، ފުވައްމުލައް ސިޓީ، ދ. ކުޑަހުވަދޫ، ހއ. ދިއްދޫ، ގއ. ވިލިނގިލި އަދި ށ. ފުނަދޫއެވެ.

އަދި ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ނިންމާފައިވަނީ ހދ. ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ އަދި ލ. ގަމުގައެވެ.

މި 25 ރަށްރަށުގައި ހުރި ހޮސްޕިޓަލްތައް ތަރައްގީ ކުރުމާއި، ސިއްހީ މަރުކަޒުތައް ހުރި ގިނަ ރަށްރަށުގައި ހޮސްޕިޓަލެއް ގާއިމް ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެކަމަކު މި މަސައްކަތްތައް ލަސްވަމުންދާތީ ސަރުކާރަށް ފާޑުކިއުންތައް އަމާޒުވެފައިވެއެވެ.