އިގުތިސޯދީ އަދި މާލީ ހީނަރުކަމުގެ އަނދަވަޅަކަށް ވެއްޓި، ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި އޮތް އަވަށްޓެރި ސްރީލަންކާގެ ވަޒީރުންގެ މަޖިލީހުން ދާދި ފަހުން ނިންމި ނިންމުމަކާ ގުޅިގެން، އެ ގައުމުގެ ކޮންސިއުލޭޓަކާ އެމްބަސީތަކެއް، ވަގުތީ ގޮތުން ބަންދު ކޮށްފިއެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން ސްރީލަންކާގެ ފޮރިން މިނިސްޓްރީއިން ބަންދު ކޮށްފައި ވަނީ ނޯވޭގެ އޮސްލޯގައި ހިންގަމުން ދިޔަ އެމްބަސީއާއި، އިރާގުގެ ބަގުދާދުގައި ހިންގަމުން ދިޔަ އެމްބަސީގެ އިތުރުން އޮސްޓްރޭލިއާގައި ހިންގި ކޮންސިއުލޭޓް ކަމަށް މައުލޫމާތު ލިބެއެވެ.

މިކަން ތަންފީޒު ކުރާނީ އޭޕްރިލް 30 ވަނަ ދުވަހުން ފަށައިގެން ކަމަށްވެސް ލަންކާގެ ފޮރިން މިނިސްޓްރީއިން އާންމު ކުރި ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

ކޮންސިއުލޭޓާއި އެމްބަސީތައް ބަންދު ކުރަން ނިންމީ، ފަރުވާތެރި މަޝްވަރާތަކަކަށް ފަހުގައި ކަމަށާ، އެ ނިންމުމަކީ ބިދޭސީ މަންޒިލްތަކުގައި ލަންކާ ތަމްސީލު ކުރަމުން ދާ ގޮތް ރީސްޓްރަކްޗާ ކުރުމުގެ ގޮތުން ކުރަމުން ދާ ކަމެއް ކަންވެސް ފޮރިން މިނިސްޓްރީއިން ވަނީ ފާހަގަ ކޮށްފައެވެ. ބިދޭސީ މަންޒިލްތަކުގައި ހާރިޖިއްޔާ ތަމްސީލު ކުރުމުގެ ކަންކަން ރީސްޓްރަކްޗާ ކުރަމުން ދަނީ ސްރީލަންކާއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ބޭރު ފައިސާގެ ހީނަރުކަމުގެ މައްސަލައަށް ރިއާޔަތް ކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ.

ނޯވޭގައި ހިންގަމުންދިޔަ މިޝަންގެ ކަންކަން ދެން ބަލަހައްޓާނީ ސްވީޑަންގައި މިވަގުތު ހުންނެވި ލަންކާ ސަފީރު ކަމަށާ، އިރާގުގެ މިޝަންގެ ކަންކަން ބަލަހައްޓަވާނީ އެކުވެރި އަރަބި އިމާރަތުގައި ހުންނެވި ލަންކާ ސަފީރު ކަމުގައި އެ ގައުމުން ވަނީ ހަމަޖައްސާފައެވެ. އަދި ސިޑްނީ ކޮންސިއުލޭޓްގެ ކަންކަން ދެން ބަލަހައްޓާނީ ކެންބަރާގައި ހިންގަ ހައިކޮމިޝަނުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިއީ ވަގުތީ ފިޔަވަޅެއް ކަމަށާ، މި ފިޔަވަޅުގެ ސަބަބުން ދޭދޭ ގުޅުންތަކަށް ހީނަރުކަމެއް ނާންނާނެ ކަމަށްވެސް ސްރީލަންކާއިން ބުނެއެވެ.