އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން، ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރާނެތޯ ބެލުމަށްޓަކައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލިހަށް ހާޒިރުކުރަން ހުށަހަޅައިފިއެވެ.

އިމްރާން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ހުށަހަޅުއްވާފައި ވަނީ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގެވެ. ތޯރިގް ހުށަހަޅުއްވާފައި ވަނީ ސުޕްރީމް ކޯޓުން މަރަން ހުކުމް ކޮށްފައިވާ މީހުންގެ ތެރެއިން ހުރިހާ އިޖުރާއަތެއް ފުރިހަމަވާ މީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުމާ މެދު ސަރުކާރުން ގެންގުޅޭ ސިޔާސަތު ސާފުކުރުމަށް އިމްރާން ހާޒިރުކުރުމަށެވެ.

ހަމަ އެއާއެކު، އެ މަރުގެ ހުކުމް ތަންފީޒު ކުރާނެތޯ ބެލުމަށް އިމްރާނާ ސުވާލު ކުރައްވާނެ ކަމަށްވެސް ތޯރިގް ހުށަހެޅުއްވި ހުށަހެޅުއްވުމުގައި ވިދާޅުވެފައި ވެއެވެ.

މިހާރުވެސް މަރަން ހުކުމްކޮށްފައި ތިބި މީހުންގެ ތެރެއިން ތިން މީހެއްގެ ހުކުމެއް ސުޕްރީމް ކޯޓުން ދަމަހައްޓާފައިވެއެވެ. އެ ތިން މީހުންނަކީ މީގެ ނުވަ އަހަރުކުރިން ގާނޫނީ ވަކީލް އަހްމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި އަހްމަދު މުއްރަތާއި، މީގެ 10 އަހަރުކުރިން ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވި ހުސައިން ހުމާމް އަހްމަދާއި، މީގެ 13 އަހަރުކުރިން ސ. ހުޅުދޫ، ލިލީމާގެ އަބްދުﷲ ފަރުހަދު މަރާލި ކަމުގެ ކުށް ސާބިތުވި މުހައްމަދު ނަބީލެވެ.

އެ ތިން މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވީ ނަމަވެސް، އެ ތިން މީހުންގެ މައްޗަށް ކުރި ހުކުމް ތަންފީޒުކުރުމާ ބެހޭ އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ.

އޭގެ ކުރިން މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ގަވައިދެއް 2015 ގައި ސަރުކާރުން ހަދާފައިވީ ނަމަވެސް، އެންމެ ފަހުން މަރުގެ ހުކުމެއް ތަންފީޒުކޮށްފައިވަނީ 1953 ގައެވެ.