ރަޝިއާއިން އަރާ، ވަރުގަދަ ހަނގުރާމައެއް ކުރަމުން ދާ ޔޫކްރައިންއަށް ބައިނަލްއަގުވާމީ އެއްބާރުލުން އޮތްކަން އަންގައިދިނުމުގެ ގޮތުން، ޔޫކްރައިންގެ ރެފިއުޖީންތަކެއް، ހާއްސަ ފްލައިޓެއްގައި ޖަޕާނަށް ގެންގޮސްފިއެވެ.

ބިދޭސީ ރެފިއުޖީން ބަލައިގަތުމަށް މީގެ ކުރިން ފަސްޖެހެމުން ދިޔަ ޖަޕާނަށް، ޔޫކްރައިނުން 20 ރެފިއުޖީއަކު ގެންގޮސްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. ހާއްސަ ފްލައިޓްގައި ގެންދިޔަ ރެފިއުޖީންނަކީ އުމުރުން 6 އަހަރާއި 66 އަހަރާ ދެމެދު އުމުރު ފުރާގެ މީހުން ކަމަށާ، އޭގެ ތެރޭގައި 15 އަންހެނުން ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

މި 20 މީހުންނަކީ، ފެބުރުއަރީ 24ގައި ރަޝިއާއިން ހަނގުރާމަ ފެށި ފަހުން ޖަޕާނަށް ދިޔަ ޔޫކްރައިންގެ ފުރަތަމަ ރެފިއުޖީ ގުރޫޕު ނޫންކަން ފާހަގަ ކުރަންޖެހެއެވެ. ނަމަވެސް މިއީ ޖަޕާންގެ ފޮރިން މިނިސްޓަރު އިންތިޒާމް ކުރައްވައިގެން، ސަރުކާރުގެ ހާއްސަ މަތިންދާ ބޯޓެއްގައި އެ ގައުމަށް ޔޫކްރައިންގެ ރެފިއުޖީން ގެންދިޔަ ފުރަތަމަ ފަހަރެވެ.

ޖަޕާންގެ ފޮރިން މިނިސްޓަރު ޔޮޝިމާސާ ހަޔާޝީ ވިދާޅުވީ ޖަޕާނަށް މިއަދު ގެންދިޔަ 20 ރެފިއުޖީންނާށް ހުރިހާ ގޮތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ގައުމު ތައްޔާރަށް އޮތް ކަމަށެވެ.

ހަޔާޝީ ވަނީ ޔޫކްރައިންގެ ރެފިއުޖީ މަސްރަހާ ބެހޭ މައުލޫމާތު ހޯއްދެވުމުގެ ގޮތުން، ޕޯލަންޑްގައި މަސައްކަތް ކުރައްވާފައެވެ. ޕޯލަންޑަކީ އެންމެ ގިނަ އަދަދަކަށް ޔޫކްރައިން ރެފިއުޖީން ތިބި އެއް ގައުމަށް ވާ އިރު، ހަޔާޝީ ޖަޕާނަށް އެނބުރި ވަޑައިގަތީ ރެފިއުޖީ ހާއްސަ ފްލައިޓް ޖެއްސުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިން ކަމަށް ހަބަރު ލިބެއެވެ.

ޖަޕާން ސަރުކާރުގެ ހާއްސަ ފްލައިޓްގައި އެ ގައުމަށް ގެންދިޔަ ޔޫކްރައިންގެ ރެފިއުޖީންގެ ކޮވިޑް ޓެސްޓު ހަދާފައި ވަނީ ބޯޓު މަތީގައެވެ.

މިހާރުވެސް ޔޫކްރައިންގެ 400 އެއްހާ ރެފިއުޖީން ޖަޕާނުގައި އެބަތިބި ކަމަށް ހަބަރު ލިބެއެވެ.