ބޭހާއި އެނޫންވެސް ސިއްހީ އާލާތްތައް ލިބުން ދަތިވެ، އަވަށްޓެރި ސްރީލަންކާގެ ސިއްހަތާ ބެހޭ އެންމެ މަތީ އިދާރާއިން، އެ ގައުމުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާން ކޮށްފިއެވެ.

މިއާއެކު ސްރިލަންކާގެ އެތައް ބަޔަކު އެތަންތަނަކަށް ބަރޯސާވެފައިވާ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ގިނަ ތަންތަނުން ދެން ހިދުމަތް ދިނުމުގައި އިސްކަން ދޭނީ އެމާޖެންސީތަކާއި ވަގުތުން ވަގުތަށް އެހީ ދޭން ޖެހޭ ކޭސްތަކަށެވެ.

މި ދަނޑިވަޅަކީ ބޭރު ފައިސާގެ ރިޒާވް ދަށްވެ، އިގުތިސޯދީ އަދި މާލީ ކާރިސާއެއް ކުރިމަތިވެފައިވާ ލަންކާގެ ހަކަތައިގެ ހިދުމަތަށް ބުރޫއަރާ، ޒަރޫރީ މުދާވެސް ލިބުން ދަތިވެފައި ވާ ދަނޑިވަޅެކެވެ.

ސްރީލަންކާގެ ސިއްހަތާ ބެހޭ އެންމެ މަތީ އިދާރާ ނުވަތަ ގަވަމަންޓް މެޑިކަލް އޮފިސާޒް އެސޯސިއޭޝަން (ޖީއެމްއޯއޭ)އިން، އެ ގައުމުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާން ކުރަން ނިންމީ، މިއަދު އެ ގައުމަށް ކުރިމަތިލާން ޖެހިފައިވާ ކާރިސީ ހާލަތާ ގުޅިގެން ކުރިއަށް ގެންދިޔަ ބައްދަލުވުމަކަށް ފަހުގައެވެ.

ސްރީލަންކާގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުންދާ ޖީއެމްއޯއޭގެ މެންބަރުން ވަނީ، ބޭހާއި އެނޫންވެސް ސިއްހީ އާލާތްތައް ހުސްވުމުގެ މައްސަލަ، ސީރިއަސް ދަރަޖައަކަށް ކުރިމަތިވަމުން އަންނަ ކަމަށް ރިޕޯޓް ކުރަމުން ގޮސްފައެވެ.

ޖީއެމްއޯއޭއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިއްހީ ނިޒާމު އިނދަޖެހުމަކުން ސަލާމަތް ކުރުމަށް ސްރީލަންކާގެ ސަރުކާރާއި ސިއްހަތާ ބެހޭ ވުޒާރާވެސް ފެއިލް ވެފައި ވާ ކަމަށެވެ. އަދި އިންސާނަކަށް ވީތީ ދިރިހުރުމަށް ލިބިދީފައި ވާ ހައްގު ކަށަވަރު ކޮށްދިނުމަށާއި، ސިއްހީ ހިދުމަތްތައް ހޯދުމަށް ލިބިދީފައި އޮތް ހައްގު ކަށަވަރު ކޮށްދިނުމަށްވެސް ސަރުކާރަށް ކަމެއް ކުރެވިފައި ނުވާ ކަމަށް އެ ބަޔާނުގައިވެއެވެ.

ސްރީލަންކާއަކީވެސް ދިވެހިރާއްޖޭގައި އޮންނަ އާސަންދަ ނިޒާމު ފަދައިން، ރައްޔިތުންގެ ޓެކްސް ފައިސާއިން ސިއްހީ ނިޒާމުން ހިދުމަތް ފޯރުކޮށްދޭ ގައުމެކެވެ. އެގޮތުން ދައުލަތުން ސިއްހީ ހިދުމަތް ފޯރުކޮށްދޭ ކޮންމެ ތަނަކުންވެސް، ފައިސާ ދެއްކުމަކާ ނުލާ، ސިއްހީ ހިދުމަތް ހޯދުމުގެ ފުރުސަތު، އެ ގައުމުގެ ރައްޔިތުންނަށް އޮވެއެވެ.

ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލާ، އެ ގައުމުގައި ކުރަމުންދާ މުޒާހަރާތައް ވަރުގަދަ ކުރަމުން ދާ އިރު، މިއަދުވެސް އެ މުޒާހަރާތައް ކުރިއަށް ދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ސްރީލަންކާއަކީ ގިނަ އަދަދަކަށް ދިވެހިންވެސް ވަޒަންވެރިވެގެން ދިރިއުޅެމުން އަންނަ ގައުމަކަށް ވާއިރު، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ދިވެހި ސަރުކާރުން ފޯރުކޮށްދޭ އެހީއާ ބެހޭ ގޮތުން ތަކުރާރު ކޮށް ސުވާލު ކުރުމުންވެސް، ދިވެހި ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑައިރެކްޓާ މިއުވާން މުޙައްމަދު ދަ ޕްރެސްއަށް ވިދާޅުވީ، ސްރީލަންކާގައި ހިނގަމުން ދާ ކަންކަމަކީ އެ ގައުމުގެ އާންމުންވެސް ތަހައްމަލު ކުރަމުން ދާ ކަންތައްތަކެއް ކަމަށާ، އެ ކަމުގައި ދިވެހި ސަރުކާރުން ކޮށްދެވޭނެ މާ ބޮޑު ކަމެއް ނެތް ކަމަށެވެ.

ލަންކާއަށް ދަތުރު ކުރުމުގައި ސަމާލުވުމަށް ގޮވާލާ، ގިނަ ގައުމުތަކަކުން ޓްރެވެލް އެޑްވައިޒަރީތައް ނެރެމުން ދާއިރު، ދިވެހިން ރާއްޖެއިން އެފަދަ ފިޔަވަޅެއް އެޅުމާ މެދު އޮތް ވިސްނުމާ ބެހޭ ގޮތުން ދަ ޕްރެސްއިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އާދީއްތަ ދުވަހު މިއުވާން ވިދާޅުވީ، ލަންކާގެ މަސްރަހުގައި ކަން ވަމުން ދާ ގޮތުގެ މައުލޫމާތު އެންމެނަށްވެސް އެނގޭނެ ކަމަށެވެ. ހޯމަ ދުވަހު ދަ ޕްރެސްއިން ދެންނެވި ސުވާލަށް ފޮރިން މިނިސްޓްރީއިން އެއްވެސް އިޖާބައެއް ދީފައެއް ނުވެއެވެ.

ސްރީލަންކާގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާން ކުރުމާ ގުޅިގެން ދިވެހި ހާރިޖިއްޔާގެ ބަހެއް ހޯދުމަށް ދަ ޕްރެސްއިން މިއަދު މަސައްކަތް ކުރުމުންވެސް މިއުވާން ވިދާޅުވީ، މިވަގުތު އެއްވެސް އެއްޗެއް ވިދާޅުވާން ނެތް ކަމަށެވެ.