އެ ގައުމުގެ ފަހުގެ ތާރީހު ނުދެކޭ ފަދަ ފުން، އިގުތިސޯދީ އަދި މާލީ އަނދަވަޅަކަށް ވެއްޓިފައި ވާ ސްރީލަންކާގެ މަރުކަޒީ ބޭންކުގެ އިސްވެރިޔާ އަޖީތު ނިވާޑު ކަބްރާލްވެސް މަގާމުން އިސްތިއުފަ ދެއްވައިފިއެވެ.

ކަބްރާލް އިސްތިއުފާ ހުށަހަޅުއްވާފައި ވަނީ އިގުތިސޯދީ އަދި މާލީ ހީނަރުކަމުގެ ސަބަބުން އާންމު ދިރިއުޅުމަށް ބޮޑެތި ލޮޅުންތަކެއް އަރާ، ލަންކާގެ އާންމު މަސްރަހު ނުތަނަވަސްވަމުން ދާ ދިއުމުގެ ސަބަބުން، އެ ގައުމުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބޮޑުވަޒީރު ފިޔަވާ ދެން ތިއްބެވި އަނެއް 26 މެންބަރުންވެސް މަގާމުން އިސްތިއުފާ ދެއްވާފައި ވާ ދަނޑިވަޅެއްގައެވެ.

މިއަދަކީ ސްރީލަންކާގެ އިންޓްރެސްޓް ރޭޓާއި މެދު އެ ގައުމުގެ މަރުކަޒީ ބޭންކުން ގޮތެއް ނިންމަން އޮތް ދުވަސް ކަމުގައި ވީ ނަމަވެސް، އިއްޔެގ ވަގުތެއްގައި އެ ބޭންކުންވަނީ އެ ނިންމުން ފަސްކުރާނެ ކަން ހާމަކޮށްފައެވެ. ނަމަވެސް އިންޓްރެސްޓާ މެދު ނިންމާ ގޮތެއް އިއުލާން ކުރާނެ އާ ތާރީހެއް ހާމަ ކޮށްފައެއް ނުވެއެވެ.

އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު ލަންކާ ފައިސާގެ އަގު އިންތިހާއަށް ދަށަށް ގޮސްފައި ވާ މި ދަނޑިވަޅުގައި ލަންކާ ފައިސާގެ އަގ ހިފެހެއްޓުމަށްޓަކާ، އިންޓްރެސްޓް ރޭޓަށް 2 ޕަސެންޓްގެ އިތުރު ކުރުމެއް ގެންނަންޖެހޭ ކަމަށް އޭޝިއާ ސެކިއުރިޓީޒްގެ އޮފިޝަލު، ލަކްޝިނީ ފެނާންޑޯ ވަނީ ލަފާ ކުރައްވާފައެވެ.

ސްރީލަންކާ ފައިސާގެ އަގު މިދިޔަ މަހު ވައްޓާލި ފަހުން، އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު މިހާރު 30 ޕަސެންޓަށް އަގު ދަށަށް ގޮސްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ސްރީލަންކާގެ މަރުކަޒީ ބޭންކުގެ 16 ވަނަ ގަވަރުނަރު ކަމުގެ މަގާމަށް ކަބްރާލް އައްޔަން ކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭގެ ކުރިން ޖުލައި 2006 އިން ޖެނުއަރީ 2015 އަށް، ކަބްރާލް ވަނީ، މަރުކަޒީ ބޭންކުގެ 12 ވަނަ ގަވަރުނަރުގެ ގޮތުގައިވެސް ހިދުމަތް ކުރައްވާފައެވެ.

މަރުކަޒީ ބޭންކުގެ ގަވަރުނަރުކަމުގެ ފުރަތަމަ ދައުރުގައި ކަބްރާލް ވަނީ، ސްރީލަންކާގެ އިގުތިސޯދުގެ ސައިޒު 3 ގުނަ ބޮޑު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާފައި ކަމަށް އެ ބޭންކުން ބުނެއެވެ.