ދިވެހި ސިފައިންގެ ގާބިލްކަން އިތުރުކުރުމުގެ ގޮތުން އެމެރިކާގެ ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމެއްގައި ބައިވެރިވުމަށް ދެ ގައުމުގެ ދެމެދުގައި މިއަދު އެއްބަސްވުމެއް އެކުލަވާލައިފިއެވެ.

މިކަމަށްޓަކައި ބަންޑާރަކޮށީގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއެވެ. އެމެރިކާގެ ފަރާތުން ސޮއިކުރައްވާފައިވަނީ މޮންޓޭނާ ނެޝަނަލް ގާޑުގެ އެޖުޓަންޓް ޖެނެރަލް މޭޖާ ޖެނެރަލް ޖޯން ޕީޓާ ރޮނިކެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި، އެމެރިކާގެ ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުން، ރާއްޖޭގެ ދިފާއީ ދާއިރާގެ ގާބިލްކަން އިތުރުކުރުމަށް މަގުފަހިވެގެން ދާނެއެވެ. އަދި 90 އަށް ވުރެ ގިނަ ގައުމުތަކުން ބައިވެރިވާ މި ޕްރޮގްރާމްގައި ރާއްޖޭން ބައިވެރިވުމަކީ، ދިފާއީ އަދި ސަލާމަތީ ގޮތުން އެއްބާރުލުން އިތުރުކުރަން އެކުލަވާލައި 2020 ވަނަ އަހަރު އެމެރިކާ އާ އެކު އެކުލަވާލާފަައިވާ ފްރޭމްވޯކް އެއްބަސްވުމަށް އަމަލީ ސިފަ އަންނަމުންދާ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.

އެމެރިކާގެ މޮންޓޭނާ ނެޝަނަލް ގާޑު ސްޓޭޓް ޕާޓްނާޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ދިފާއީ އަދި ސަލާމަތީ މާހައުލާ އެއްގޮތަށް ބައްޓަންކޮށްފައިވާ ޕްރޮގްރާމެއް ކަމަށް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ ޕްރޮގްރާމްގެ ދަށުން ދިވެހިންގެ ސަލާމަތާ ގުޅޭ އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ. އެ ޕްރޮގްރާމްގެ ދަށުން ސިފައިންގެ ގާބިލްކަން އިތުރުކުރުމަށް ނިންމާފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

  • އިންސާނީ އެހީ ފޯރުކޮށްދިނުމާއި ކާރިސާތަކުގައި އެހީތެރިވުން
  • ލީޑާޝިޕްގެ ހުނަރު ތަރައްގީކުރުން އިތުރުން
  • ސައިބާ ސެކިއުރިޓީއާއި ކޮމިއުނިކޭޝަން ސެކިއުރިޓީ
  • މެރިޓައިމް ޑޮމެއިން އެވެއާނެސް
  • އޭވިއޭޝަން ސެކިއުރިޓީ
  • މިލިޓަރީ މެޑިކަލް އަދި އިންޖިނިއަރިން
  • އޮޕަރޭޝަނަލް ލޮޖިސްޓިކްސް
  • ކެމިކަލް، ބަޔޮލޮޖިކަލް، ރޭޑިއޮލޮޖިކަލް، ނިއުކްލިއާ އަދި އެންވަޔަރަމެންޓަލް ޑިފެންސާއި ރެސްޕޮންސް

ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، އެ މިނިސްޓްރީއާއި މޮންޓާނާ ނޭޝަނަލް ގާޑުންގެ މެދުގައި ގާއިމްކުރެވިގެންދިޔަ އެއްބަސްވުމުގެ ދަށުން އެމެރިކާއާއި ރާއްޖޭގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ގައުމުން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަގުފަހިވެގެން ދާނެއެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި، އެމްއެންޑީއެފްގެ ބައެއް އިސް ބޭފުޅުންނާއި، ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގަތެވެ.