ސްރީ ލަންކާއަށް މިއާރު ދިމާވެގެން އުޅޭ އިގްތިސޯދީ މައްސަލައާއި ދާހިލީ މައްސަލަތަކުގެ ޕްރެޝާ ބޮޑުވެ، ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ ފިޔަވައި ކެބިނެޓް އެއްކޮށް އިސްތިއުފާ ދެއްވައިފިއެވެ.

ހަބަރުފަތުރާ ލަންކާގެ ވަސީލަތްތަތުން މިވާހަކަތައް ޔަގީންކޮށް ދިނުމުގެ އިތުރުން ރާޖަޕަކްސަގެ ދަރިކަލުން އަދި އެގައުުގެ ޔޫތު މިނިސްޓަރު ނަމާލް ރާޖަޕަކްސާވެސް ވަނީ އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވާފައެވެ.

ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސަގެ ސަރުކާރަކީ، އާއިލާގެ ގިނަ ބޭފުޅުންވެސް ހިމެނޭ ސަރުކާރެކެވެ. ކެބިނެޓްގެ އިތުރުން ލަންކާގެ ރައީސް، ގޮތަބަޔާ ރާޖަޕަކްސާ އަކީ މަހިންދަގެ ކޮއްކޯފުޅެވެ. އަދި ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެ އާއިލާގެ އެހެން މެންބަރުންގެ ތެރޭގައި މަހިންދަ އާއި ގޮތަބަޔާގެ ކޮއްކޯފުޅު ބެސިލް އާއި އެ ދެ ބޭފުޅުންގެ ބޭބޭފުޅު ޗަމަލް ވެސް ހިމެނިވަޑައިގަންނަވައެވެ.

ލަންކާގެ ކެބިނެޓް އިސްތިއުފާ ދެއްވާފައި ވާ މިދަނޑިވަޅަކީ، ލަންކާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ރައްޔިތުންގެ ނުކުމެ ސިލްސިލާ މުޒާހަރާތަކެއް ކުރަމުން ދާ ދަނޑިވަޅެކެވެ. ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެ، ތަކެތީގެ އަގުތައް އިންތިހާއަށް ވަނީ އުފުލިފައެވެ. ތެލަށް ޖެހި ދުވާލަކު 13 ގަޑިއިރު ދަނީ ކަރަންޓް ވެސް ކަނޑަމުންނެވެ.

ލަންކާގައި ދިރިއުޅޭ ބައެއް ދިވެހިން ބުނީ، ހާލަތު ވަރަށް ގޯސް ކަމަށާއި، ނެޓްވޯޓްވެސް ކަނޑާލާފައި ހުރުމުން، އިންޓަނެޓާއި އެހެނިހެން ބައެއް ވަސީލަތްތަކަށް ވަންނަނީ ވީޕީއެން މެދުވެރިކޮށް ކަމަށެވެ.

މަހިންދަގެ އިސްތިއުފާއަށް ގޮވާ މުޒާހަރާތައް ހޫނުވެ ހަމަނުޖެހުންތައް ހިނގާ ގިނަބަޔަކު ވަނީ ހައްޔަރުވެސް ކޮށްފައެވެ. އަދި މުޒާހަރާތަކުގައި އެގަމުގެ މަޝްހޫރު ބައެއް ކްރިކެޓް ކުޅުންތެރިންވެސް ދަނީ ބައިވެރިވަމުންނެވެ.