ކުއްލި ނުރައްކާ އިއުލާންކޮށް ކާފިއުގެ ހަރުކަށި އަމުރު ތަންފީޒު ކުރަމުން އަންނަ އަވަށްޓެރި ސްރީލަންކާގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން މަސައްކަތްކޮށް، ކާފިއުގެ އަމުރާ ހިލާފު ވުމުގެ ކުށުގައި، މިއަދު 600 މީހުން ހައްޔަރު ކޮށްފިއެވެ.

ހައްޔަރު ކުރި މީހުންގެ އަދަދު 644 އަށް އަރާ ކަމަށް މައުލޫމާތު ލިބެއެވެ.

ސްރީލަންކާ ސަރުކާރުން ހޮނިހިރު ދުވަހު އިއުލާން ކުރި 36 ގަޑިއިރުގެ ކާފިއު އަމުރާ ދެކޮޅަށް، ވެރިކަން ކުރާ ކޮޅުނބުގައި ހުންނަ އިންޑިޕެންޑެންސް ސްކޮއާ ސަރަހައްދަށް މުޒާހަރާގެ ރެލީއެއް ފެއްޓެވީ، ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެންބަރު، ސަޖީތު ޕްރޭމަދާސައެވެ. އެ ރެލީއަކީ ސްރީލަންކާ ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދިއުމަށް ރާވާފައި ވާ މުޒާހަރާގެ އިތުރުން ކުރިއަށް ގެންދާ ރެލީއެއް ކަމަށް މައުލޫމާތު ލިބެއެވެ.

ސްރީލަންކާގައި ކުއްލި ނުރައްކާ އިއުލާން ކޮށް، ކާފިއުގެ އަމުރު ތަންފީޒު ކުރަން ފެށީ، ސްރީލަންކާ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ މަގުގެ މަގުތަކަށް އެތައް ސަތޭކަ ބަޔަކު ނިކުމެ ކުރި މުޒާހަރާތައް ހޫނުވާން ފެށުމުންނެވެ. ސްރީލަންކާގެ އާންމުން މަގުތަކަށް ނިކުންނަން ފެށީ، އިގުތިސޯދީ އަދި މާލީ ގޮތުން ގައުމު އިނދަޖެހުމުގެ ސަބަބުން، އެންމެ އަސާސީ އަދި ޒަރޫރީ ބޭނުންތައް ފުއްދަން ދަތިވާން ފެށުމުންވެސް، އެކަން ހައްލު ކުރުމަށް ސަރުކާރު ފެއިލްވެފައި ވާ ކަމަށް ދައުވާ ކުރަމުންނެވެ.

ކާފިއުގެ ވަގުތުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ މީހުންނާ ދެކޮޅަށް ސްރީލަންކާގެ ފުލުހުން ކަރުނަ ގޭސް ބޭނުން ކުރި ކަމަށް ހަބަރު ލިބެއެވެ. އެގޮތުން ޕެރަދެނިޔާ ޔުނިވާސިޓީ ސަރަހައްދުގައި މުޒާހަރާ ކުރަމުން ދިޔަ ދަރިވަރުންތަކަކަށް އަމާޒުކޮށްވެސް ކަރުނަ ގޭސް ޖަހާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކާފިއު އިއުލާން ކުރުމުގެ އިތުރު ސްރީލަންކާ ސަރުކާރުން، ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގެ އެކްސެސް ބްލޮކް ކުރި ކަމުގެ ހަބަރުތައްވެސް މިއަދު ވަނީ ފެންމަތިވެފައެވެ. ލިބެމުން ދާ އެންމެ ފަހުގެ ހަބަރުތަކަށް ބަލާއިރު 15 ގަޑިއިރަށް ފަހު، މިހާރު ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އެކްސެސް ދީފައެވެ.

ސްރީލަންކާގެ މާލީ އަދި އިގުތިސޯދީ ހާލަތު ގޯސްވެ، އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަމަށްވެސް ބުރޫ އަރާ، އަދި މިހާރު ސަލާމަތީ ގޮތުންވެސް ނުރައްކާ ފައްތަރަކަށް ގައުމު ވެއްޓިފައި ވާ މި ދަނޑިވަޅުގައި، އެކި ގައުމުތަކުން ދަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ލަންކާއަށް ދަތުރު ކުރުމާ ގުޅުވައިގެން ބައެއް ގައުމުތަކުން ޓްރެވެލް އެޑްވައިޒަރީ ތައް ނެރެފައި ވާ އިރު، އެންމެ ގާތުން ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އިންޑިއާގެ އެއާ އިންޑިއާއިން ވަނީ ސްރީލަންކާއަށް އެ އެއާލައިނުން ކުރާ ދަތުރުތަކުގެ އަދަދު މަދުކޮށްފައެވެ.

ޑިމާންޑް ދަށްވުމުގެ ސަބަބުން ކަމަށް ބުނެ، އެއާ އިންޑިއާއިން ވަނީ ސްރީލަންކާއަށް ހަފުތާއެއްގެ ތެރޭގައި ކުރާ 16 ދަތުރު، 13 ދަތުރަށް މަދު ކުރާނެ ކަން ހާމަކޮށްފައެވެ. މިކަން ތަންފީޒު ކުރާނީ އޭޕްރިލް 9 ވަނަ ދުވަހު ކަމަށް ހަބަރު ލިބެއެވެ.

ސްރީލަންކާއަކީ ގިނަ އަދަދަކަށް ދިވެހިންވެސް ވަޒަންވެރިވެގެން ދިރިއުޅެމުން އަންނަ ގައުމަކަށް ވާއިރު، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ދިވެހި ސަރުކާރުން ފޯރުކޮށްދޭ އެހީއާ ބެހޭ ގޮތުން ތަކުރާރު ކޮށް ސުވާލު ކުރުމުންވެސް، ދިވެހި ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑައިރެކްޓާ މިއުވާން މުޙައްމަދު ދަ ޕްރެސްއަށް ވިދާޅުވީ، ސްރީލަންކާގައި ހިނގަމުން ދާ ކަންކަމަކީ އެ ގައުމުގެ އާންމުންވެސް ތަހައްމަލު ކުރަމުން ދާ ކަންތައްތަކެއް ކަމަށާ، އެ ކަމުގައި ދިވެހި ސަރުކާރުން ކޮށްދެވޭނެ މާ ބޮޑު ކަމެއް ނެތް ކަމަށެވެ.