1443 ވަނަ އަހަރުގެ ބަރަކާތްތެރި ރޯދަމަހާ ދިމާކޮށް، ޔަހޫދީ އިޒްރޭލުގެ ބޮޑުވަޒީރު ބެނީ ގަންޓްޒް، ފަލަސްތީނުގެ މުސްލިމުންނަށް އިންޒާރު ދެނެވި ރޫހެއްގައި ވާހަކަދައްކައިފިއެވެ.

ރޯދައަށް މަރުހަބާ ކިއުމުގެ ނަމުގައި ދިން ތަގުރީރެއްގައި މުސްލިމުންނަށް އިންޒާރުކުރަމުން ގަންޓްޒް ވަނީ، ރޯދައާ ދިމާކޮށް ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިނުން ބަރޯސާ ވަނީ ސަލާމަތީ ހާލަތަށް ކަމަށް ބުނެ، ނުސީދާ ގޮތުން ފިއްތުންތަކަކަށް އިޝާރާތް ކޮށްފައެވެ.

ގަންޓްޒް ވަނީ، މި އަހަރުގެ ރޯދަމަހާ ކުރިމަތިލާން ޖެހިފައި ވާ މި ދަނޑިވަޅަކީ އިޒްރޭލުގެ ރައްޔިތުންނަށް ޓެރަރިޒަމްގެ ހަމަލާތަކުގެ ނުރައްކަލާ ކުރިމަތިލާން ޖެހިފައި ވާ ދަނޑިވަޅެއް ކަމަށް ސިފަ ކޮށްފައެވެ. އަދި އެކަމާ ދެކޮޅަށް، ފުރިހަމަ ބަރާއި އަޒުމާއެކު އިޒްރޭލުން މަސައްކަތް ކުރަމުން ދާ ކަމަށްވެސް ގަންޓްޒް ވަނީ ބުނެފައެވެ.

ރޯދައާ ދިމާކޮށް މުސްލިމުންނަށް ދެވެން ހުރި ދޫތައް ބަލަމުން ދާ ކަމަށާ، ނަމަވެސް ފުރަތަމަ ބަލާނެ ކަމަކީ ސަލާމަތީ ކަންކަން ދެމެހެއްޓުން ކަމަށް ގަންޓްޒް ވަނީ ބުނެފައެވެ.

"ބްރޭކްވޯޓާ"ގެ ނަމުން ނަން ދީގެން އިޒްރޭލުން ހިންގާ ހާއްސަ އޮޕަރޭޝަނެއްގައި، ހަމަލާ ދޭން ރާވާކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރު ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން، ކުރިމަތިލުންތަކެއްގައި ފަލަސްތީނުގެ އާންމު ރައްޔިތުންގެ ބައެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށްވެސް ހަބަރު ލިބެއެވެ.

ކަން މިހެން އޮތް އިރު ގައްޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާސް ޖަމާއަތުން ވަނީ، އިޒްރޭލާ ދެކޮޅަށް ނުރައްކާ ވަރުގަދަ އިންޒާރު ކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

1442 ވަނަ އަހަރުގެ ރޯދަ މަހުގެ ދުވަސްވަރުވެސް އިޒްރޭލާއި ގައްޒާއާ ދެމެދު ހަމަލާތަކެއް ބަދަލު ކުރިއެވެ. 11 ދުވަހަށް ދެމިގެން ދިޔަ ހަމަލާ ބަދަލު ކުރުންތަކުގައި ގައްޒާއިން ގިނަ އަދަދެއްގެ ބައެއްގެ ފުރާނަ ގެއްލި، އުމްރާނީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހުނެވެ.