މި އަހަރުގެ ރޯދަމަހު އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގެ ދެވަނަ ބުރި އެއްކޮށް އަންހެނުންނަށް ނަމާދު ކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މި ފެށޭ ރޯދަ މަހު ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖައްސާފައި ވާއިރު، އިސްލާމީ މަރުކަޒުގެ ދެވަނަ ބުރި އެއްކޮށް އަންހެނުންނަށް ހާއްސަ ކޮށްފައިވާ ކަމަށެވެ. އަދި އެ މިސްކިތް ފިނި ކުރުމަށް ޓަކައި އިތުރު 48 ފަންކާ ހަރުކޮށްފައިވާ ކަމަށެވެ.

އިސްލާމީ މަރުކަޒުގެ އިތުރުން މާދަމާ ހުޅުވަން ހަމަޖެހިފައިވާ، ސަލްމާން މިސްކިތުގެ ދެވަނަ ބުރި ވެސް ވަނީ އަންހެނުންނަށް ހާއްސަ ކޮށްފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ސަލްމާން މިސްކިތުގައި ނަމާދުކުރަން ފަށަން ހަމަޖެހިފައި ވަނީ މާދަމާ ހުކުރު ނަމާދުން ފެށިގެން ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެ މިސްކިތުގެ ގޯތި ތެރެއާ އެއްކޮށް 9000 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން ފިރިހެނުންނަށް ހާއްސަކޮށްފަިއވާ ބައިގައި 2265 މީހުންނަށް ނަމާދު ކުރެވޭނެއެވެ. އަންހެނުންނަށް ހާއްސަކޮށްފައިވާ ބައިގައި 1755 މީހުންގެ ޖާގަ އޮތް އިރު ގޯތި ތެރޭގައި 5000 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އިސްލާމީ މަރުކަޒުގައި ހިފްޒުކޮށް ތަރާވީހް ނަމާދު ކުރާނެ ކަމަށާއި އަދި ހަމަ އެގޮތަށް އަތޮޅު ތެރޭގައި ހުރި އިސްލާމިކް ސެންޓަރުތަކުގައި ވެސް ހިފްޒުކޮށް ތަރާވީން ނަމާދު ކުރަން އިމާމުން ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި ރޯދަ މަހުގެ ފަހު ދިހައެއްގައި ހުރިހާ މިސްކިތެއްގައި ވެސް ދަމުނަމާދު ކުރުމާއި ކަނޑައެޅޭ ވަކި މިސްކިތްތަކެއްގައި އިއުތިކާފަށް ތިބޭވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. އިއުތިކާފަށް ތިބުމަށް ހަމަޖައްސާފައިވާ މިސްކިތްތަކުގެ ނަންތައް ރޯދަ މަސް ފެށުމުން އިއުލާން ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.