މިއަދާއި މާދަމާގެ ވަގުތުތަކުގައި ރީފިލިންގް ސްޓޭޝަންތަކުގެ ކައިރިއަށް ޖަމާ ނުވުމަށް، އިގުތިސޯދީ އަދި މާލީ ގޮތުން އިނދަޖެހި، އާންމު ދިރިއުޅުމުގެ ހިދުމަތްތަކަށް ބުރޫ އަރަމުން އަންނަ އަވަށްޓެރި ސްރީލަންކާގެ ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނުން އެ ގައުމުގެ އާންމުންނަށް ގޮވާލައިފިއެވެ.

ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަންގެ ޗެއާމަން ސުމިތު ވިޖޭސިންހަ ވިދާޅުވީ 37500 މެޓްރިކް ޓަނުގެ ޑީސަލް ހިފައިގެން ސްރީލަންކާއަށް ބަނދަރު ކުރި ބޯޓުގައި ހުރި ޝިޕްމަންޓް، ބޯޓުން ބޭލެ ގޮތް އަދި ނުވާ ކަމަށާއި މާޗް 30 އަދި 31 ވަނަ ދުވަހު ރީފިލް ސްޓޭޝަންތަކުގެ ކައިރީގައި ސަފު ނުހެދުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ކަން މިހެން އޮތް ނަމަވެސް ޒަރޫރީ ހިދުމަތްތަކާ ގުޅިފައިވާ އުޅަނދުތަކަށް ބޭޏުންވާ ޑީސަލް ފޯރުކޮށްދެމުން ދާނެ ކަމަށްވެސް ވިޖޭސިންހަ ވަނީ ވިދާޅުވެފައެވެ.

އަދި ޕެޓްރޯލް ސަޕްލައީގައި މައްސަލައެއް ނެތް ކަމަށާ، އާންމު އުސޫލުން ޕެޓްރޯލް ފޯރުކޮށްދިނުމުގެ ހިދުމަތް ކުރިއަށް ދާނެ ކަމަށްވެސް ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަންގެ ޗެއާމަން ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާއަށް ހަކަތައިގެ ދަތިކަން ކުރިމަތިވެ، އެ ގައުމުގެ އެކި ހިސާބުތަކުން ކޮންމެ ދުވަހަކުވެސް އެތައް ގަޑިއިރަކަށް ކަރަންޓު ކަނޑާލައިގެންވެސް ދެކޮޅު ޖެހޭ ގޮތް ވަނީ ނުވެފައެވެ. އެ ގައުމުގައި ހުރި ހަކަތައިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ސަބަބުން، ދަތިކަން ކުރިމަތިވެފައި ވަނީ އެއްގަމު އުޅަނދު ފަހަރަށެވެ.

ސްރީލަންކާއަށް ހަކަތައިގެ ދަތިކަމާ ކުރިމަތިލާން ޖެހިފައި ވަނީ ބޭރު ފައިސާ ލިބުމުގެ ދަތިކަމާ އެކުގައެވެ. ސްރީލަންކާގެ ބޭރު ފައިސާގެ ރިޒާވް އިންތިހާއާށް ހީނަރުވެ، އެ ގައުމުގެ އިގުތިސޯދަށް ފޫ ނުބެދޭ ވަރުގެ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައި ވާއިރު، މިއަދު ސްރީލަންކާއަށް ކުރިމަތިލާން ޖެހިފައި ވާ މައްސަލަތަކަކީ ދަރަނި ހަލާސް ކުރުމާ ގުޅިފައި ވާ ކަމެއް ކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާއިން ވަނީ ބުނެފައެވެ.