ޔޫކްރައިނުގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ޔޫކްރައިނާއި ބެލަރޫސް ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި މި މަހުގެ ކުރީކޮޅު ކުރިއަށް ގެންދިޔަ ސުލްހައިގެ މަޝްވަރާތަކުގެ ތެރޭގައި، ރަޝިއާގެ ބިލިއަނަރު ރޯމަން އަބްރަމޮވިޗް އަށް ވިހައިގެ އަސަރު ކޮށްގެން ކުރިމަތިވާ ފަދަ އަލާމާތްތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް ހަބަރު ލިބިއްޖެއެވެ.

މަޝްހޫރު ފުޓުބޯޅަ ކުލަބް ޗެލްސީގެ ވެރިޔާގެ ހަށިގަނޑުން ފެނުނު އަލާމާތްތަކުގެ ތެރޭގައި ލޯ ރަތްވުމާއި ގައިގެ ހަންގަނޑު އުތުވިގެން އައުން ފަދަ ކަންކަން ހިމެނުނުނު ނަމަވެސް، މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.

ޔޫކްރައިންގެ ފަރާތުން މަޝްވަރާތަކުގައި ވަކަލާތު ކުރެއްވި 2 އޮފިޝަލަކަށްވެސް މި ކަމުގެ އަސަރު ކުރި ކަމަށް ހަބަރު ލިބެއެވެ.

ތިލަވި ރިޕޯޓަކާ ހަވާލަދީ ބީބީސީ އިން ބުނާ ގޮތުގައި ވިހަ ލުމުގެ ޖަރީމާ ރާވާފައި ވަނީ ރަޝިއާގައި އުޅޭ ހަރުކަށި ސިޔާސީ ފިކުރުމުގެ ބައެކެވެ. އަދި އެމީހުން އެކަން ކުރީ މަޝްވަރާތައް ފެއިލް ކޮށްލުމުގެ ގޮތުން ކަމަށްވެސް ތުހުމަތު ކޮށްފައި ވެއެވެ.

މި ތުހުމަތުތައް ފެންމަތިވިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެމެރިކާއިން ވަނީ އެ ގައުމުގެ ރައުޔު އިއްވާފައެވެ. ލިބިފައި ވާ ޖާސޫސީ މައުލުމާތާ ހަވާލާދީ އެމެރިކާގެ އޮފިޝަލު ވަނީ، މަޝްވަރާގެ ބައިވެރިންގެ ހަށިގަނޑުން ފެނުނު އަލާމާތްތަކަކީ "ތިމާވެށީ"ގެ ސަބަބުން ކުރިމަތިވި ކަމެއް ކަމަށާ، އެއީ ވިހަ ލުމާ ގުޅޭ ކަމެއް ނޫން ކަމަށް ވިދާޅުވެފައި ކަމަށް ހަބަރު ލިބެއެވެ.

އޭގެ ފަހުން ޔޫކްރައިނުން ވަނީ، އަބްރަމޮވިޗް އާ މަޝްވަރާ ކޮށްފައި ނުވާނެ ކަމަށާ، ޔޫކްރައިން ވަފުދު އޮތީ ހެޔޮ ހާލުގައި ކަމަށާ، ފެތުރިފައި ވަނީ ދޮގު ވާހަކައެއް ކަމަށް ބުނެފައެވެ.

އަބްރަމޮވިޗް އަކީ ރަޝިއާ-ޔޫކްރައިން ހަނގުރާމަ ސުލްހަ ކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ މީހެކެވެ. ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީވެސް ވަނީ، ހަނގުރާމަ ފިނި ކުރުމަށް އަބްރޮމޮވިޗް އެހީ ހުށަހަޅާފައި ވާ ކަމަށް އިއުލާން ކުރައްވާފައެވެ.

ސުލްހައިގެ މަޝްވަރައިގެ ބޭނުމަށް، ރަޝިއާގެ މަހުޖަނު ވަނީ މި މަހު ކުރީކޮޅު، ރަޝިއާއާއި ޔޫކްރައިންނާ ދެމެދު ގިނަ ދަތުރުތަކެއް ކޮށްފައެވެ. ޔޫކްރައިންގެ ލީޑަރަށް ވިހައެއްގެ އަސަރު ފޯރާފައި ނުވާއިރު، އެފަދަ ހާދިސާއެއްގެ މައުލޫމާތުވެސް ލިބިވަޑައިގެންފައި ނުވާ ކަމަށް ޒެލެންސްކީގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.