ކުރިއަށް އޮތް ބަރަކާތްތެރި ރޯދަމަހާ ދިމާކޮށް، އެމެރިކާގެ ސިޓީއެއް ކަމަށް ވާ މިނިއާޕޮލީސްގައި އަޑުގަދަކުރާއިން ބަންގި ގޮވަން ހުއްދަ ދީފިއެވެ.

މިނެސޯޓާ ސްޓޭޓްގެ އެންމެ ބޮޑު ސިޓީ ކަމަށް ވާ މިނިއާޕޮލީސްގެ ހުރިހާ މިސްކިތެއްގައި ބަންގި ގޮވުމުގެ ހުއްދަ ދީފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިނިއާޕޮލީސްގެ މިސްކިތްތަކުގައި ބަންގި ގޮވުމުގެ ހުއްދަ، ސިޓީ ކައުންސިލުން ދީފައި ވަނީ ކައުންސިލް މެންބަރު ޖަމާލް އުސްމާން ހުށަހެޅުއްވި ބިލަކާ ގުޅިގެންނެވެ.

އެގޮތުން ސަރަހައްދުގައި އަޑުގަދަވެގެން ޝަކުވާ ނުކުރާ މިންގަނޑުތަކަށް ބަލައިގެން، ހެނދުނު 07:00 އިން ރޭގަނޑު 10:00 އާ ދެމެދު، އަޑު ހަރުކޮށް ބަންގި ގޮވުމުގެ ހުއްދަ، މިސްކިތްތަކަށް ދީފައި ވާ ކަމަށް ހަބަރު ލިބެއެވެ. އެހެން ކަމުން، ފަރުޟު 5 ނަމާދުގެ ތެރެއިން 3 ނަމާދަކަށް، އަޑުގަދަ ކުރާ ބޭނުން ކޮށްގެން ބަންގި ގޮވޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

މި ނިންމުމާ ގުޅިގެން މެންބަރު އުސްމާން ވިދާޅުވީ، މިއީ ދީނީ ހަމަހަމަކަން، ރަނގަޅު ދިމާލަކަށް މިސްރާބު ޖަހާފައިވާ ކަން އަންގައިދޭ ފިޔަވަޅެއް ކަމަށާ، ހުރިހާ އެންމެނަކީވެސް އެ ހައްގު ލިބިފައިވާ ބައެއްކަން ކަށަވަރު ކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

އެމެރިކާގައި އަޑު ހަރުކޮށް ބަންގި ގޮވުން އެންމެ ފުރަތަމ ހުއްދަ ކުރީ، 2004 ވަނަ އަހަރު، މިޝިގަންގެ ހެމްޓްރެމްކް ސިޓީގައެވެ.