ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ އަހަރުގެ މެއި 6 ގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރި މީހުން ވަކި ވަކި ގޮޅީގައި ބައިތިއްބާ ކަމުގެ ޝަކުވާ އެ މީހުން ކޮށްފިއެވެ.
މިދިޔަ އަހަރުގެ މެއި މަހު ނަޝީދު ދިރިއުޅުއްވި ގ. ކެނެރީގެ ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި މ. ކުދެހިގޭ އިސްހާގުގެ އިތުރުން އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމް އަދި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ މައްޗަށެވެ.
އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި މުޖާޒު އަހުމަދު ވަނީ އޭނާ ބަހައްޓާފައި ހުންނަނީ އެކަހެރިކޮށް ވަކި ގޮޅިއެއްގައި ކަމަށާއި އެކަނި ހުންނަން ޖެހޭތީ ނަފްސާނީ މައްސަލަތައް ދިމާވާ ކަމަށެވެ. އަދި އެކަމަށް ނަފްސާނީ ޑޮކްޓަރަކަށް ދައްކަން އެދިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އޭނާ އަކީ ޕައިލްސްއަށް ފަރުވާ ހޯދާ މީހެއްކަން ވެސް އޭނާ ފާހަގަކުރި އެވެ. މި ކަންބޮޑުވުން ފަހުމީ އަލީ ވެސް ފާހަގަ ކުރިއެވެ. އޭނާ ބުނީ ގޮޅީގައި އެކަނި ނިދާފައި އޮންނަ އިރު އޮފިސަރުން ވަދެ އޭނާގެ ސާމާނު ހާވައި ގައިގައި އަތްލައި ވެސް ހަދާ ކަމަށެވެ.
މުހައްމަދު ނާޒިމް ވަނީ އޭނާ ބަހައްޓައިފާ ހުންނަ ގޮޅިއަށް ލިބޭ ފެނަކީ ބޯން އެކަށީގެންވާ ފެނެއް ނޫން ކަމަށާއި އަދި އެ ފެނުން ލަނީ ތެރަސް ރަހަ ކަމަށް ބުނެފައެވެ. އަދި ހައިޝަމް ބުނީ އޭނާ ފުލުހުންގެ ބަންދުގައި ހުރިއިރު ބެހެއްޓީ 15 މީހުން ތިބި ގޮޅިއެއްގައި ކަމަށެވެ.
ދައުލަތުން ބުނީ އެ މީހުން ވަކި ގޮޅިތަކުގައި ބައިތިއްބަނީ ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން ހެދި ހާއްސަ އެސެސްމަންޓްތަކަކަށް ފަހު ކަމަށެވެ. އަދި ގާޒީ އާދަމް މުހައްމަދު ވިދާޅުވީ ވަކި ގޮޅިއެއްގައި ނުވަތަ ވަކި ހާއްސަ ތަނެއްގައި މީހަކު ބަންދުކުރަން ކޯޓަށް އަމުރު ނުކުރެވޭނެ ކަމަށާއި ކޯޓުން އަމުރުކުރާނީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ބަހައްޓަން ކަމަށެވެ.
މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ ބޮން ގޮއްވާލި އަދުހަމް އަހުމަދު ރަޝީދު ހިޔާ، ވ. ތިނަދޫ 23 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައެވެ. އޭނާ ވަނީ ކުށަށް އިއުތިރާފުވެ، އަދަބަށް ލުއި ލިބޭ ގޮތަށް ދައުލަތާއެކު އެއްބަސްވުމެއް ހަދައިފައެވެ.
ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ގާޒީ އާދަމް މުހައްމަދު ނިންމެވީ ހެކިތަކަށް މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެ މައްސަލައިގައި 100 އަށް ވުރެ ގިނަ ލިޔުން ސިއްރުކުރަން ދައުލަތުން ކޯޓުގައި އެދިފައިވާތީ އެކަމާ މެދު މިއަދު ގޮތެއް ނިންމަން ހަމަޖެއްސިޔަސް، އެކަމަށް އެދި ދައުލަތުން ހުށަހެޅި ފޯމް ދިފާއީ ބައެއް ވަކީލުންނަށް ނުލިބޭތީ ދެން އޮންނަ އަޑުއެހުމަކަށް އެކަން ފަސްކުރިއެވެ. އަދި ދިފާއީ ހެކި ހުށަހެޅުމަށް ވެސް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދިނެވެ.