ސްރީލަންކާއަށް މިހާރު ޒިޔާރަތް ކުރައްވަމުން ގެންދަވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ އެސް ޖައިޝަންކަރު، ސްރީލަންކާގެ މާލީ ވަޒީރު ބާސިލް ރާޖަޕަކްސައާ ބައްދަލު ކުރައްވާ، ލަންކާއަށް ކުރިމަތިވެފައިވާ އިގުތިސޯދީ ކާރިސީ ހާލަތާއި، މިވަގުތު ކުރިމަތިލާން ޖެހިފައި ވާ ބޭރު ފައިސާގެ ހީނަރުކަމަށް އިންޑިއާއިން ފޯރުކޮށްދެވިދާނެ އެހީތެރިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މާލީ ގޮތުން އިނދަޖެހި، ޒަރޫރީ ހިދުމަތްތަކަށް ބޮޑެތި ބުރޫތަކެއް އަރަމުން އަންނަ ސްރީލަންކާއަށް ޖައިޝަންކަރު ކުރައްވަމުން ގެންދަވާ މި ޒިޔާރަތަކީ ސްރީލަންކާގެ އެންމެ މަތީ ފަންތީގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމުގެ އިތުރުން، 7 ގައުމު ބައިވެރިޔާ ބިމްސްޓެކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުން ގެންދަވާ ޒިޔާރަތެކެވެ.

ސްރީލަންކާގެ މާލީ ވަޒީރު ބާސިލް ރާޖަޕަކްސައާއެކު ކުރިއަށް ގެންދެވި މަޝްވަރާތަކަށްފަހު އޭނާ ޓެގް ކުރައްވާ، ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވި ޕޯސްޓެއްގައި ޖައިޝަންކަރު ވިދާޅުވީ އިންޑިއާއިން ކުރިއަށް ދާނީ "ފުރަތަމަ އަވަށްޓެރިޔާ" ސިޔާސަތުގެ ރާސްތާއިން ކަމަށެވެ.

ސްރީލަންކާއަށް މިއަދު ކުރިމަތިލާންޖެހިފައިވާ އިގުތިސޯދީ އަދި މާލީ ތަކުލީފުތަކާ ގުޅިގެން އާންމުންގެ އެތައް ހާސް ބަޔަކު ދަނީ ޕެޓްރޯލް ސްޓޭޝަންތައް ކައިރީގައި، އެތައް އިރެއް ވަންދެން ސަފު ހަދަމުންނެވެ. އަދި ބާޒާރުތަކުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުން ދާއިރު ބައެއް މީހުން ވަނީ ރެފިއުޖީންގެ ގޮތުގައި ހިޖުރަވެސް ކުރަން ފަށާފައެވެ.

އިންޑިއާއިން ދާދި ފަހުންވެސް ވަނީ އިގުތިސޯދީ ކާރިސާއިން އަރައިގަތުމަށްޓަކާ 1 ބިލިއަން ޑޮލަރުގެ ކްރެޑިޓްލައިން އެއްބަސްވުމެއްގައި ސްރީލަންކާއާއެކު ސޮއިކޮށްފައެވެ. ފެބުރުއަރީ މަހުވެސް އިންޑިއާއިން ވަނީ 500 މިލިއަން ޑޮލަރުގވެ ކްރެޑިޓްލައިނެއް ލަންކާއަށް ދޫކޮށްފައެވެ.

ކަން މިހެން އޮތް އިރު، ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް) އިން ވަނީ، ލަންކާއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކަކީ ދަރަނި ހަލާސް ކުރުމާ ގުޅިފައިވާ ކަމެއް ކަމަށް ބުނެފައެވެ.