ރަޝިއާއާއެކު ސުލްހަ ގާއިމު ކުރުމުގެ އެއްބަސްވުމުގެ ތެރެއިން، ވަކި ފަރާތަކަށް ނުޖެހުމަށް ރަޝިއާއިން ކޮށްފައި ވާ ޑިމާންޑް ގަބޫލުކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ހާމަ ކުރައްވައިފިއެވެ.

ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް ޔޫކްރައިންއަށް އަރާ، ކުރަމުންދާ ވަރުގަދަ ހަނގުރާމަ، މަހަކަށް ވުރެ ދިގުލާފައި ވަނިކޮށް، ޒެލެންސްކީ މިކަން ހާމަ ކުރައްވާފައި ވަނީ، ރަޝިއާގެ މިނިވަން ނޫސްވެރިންތަކަކަށް ދެއްވި ބަސްދީގަތުމެއްގައެވެ.

ނޫސްވެރިންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ މި ނުކުތާއަކީ ރަޝިއާއިން ހުށަހަޅާފައިވާ ކަންކަމުގެ ފުރަތަމަ އަސާސީ ނުކުތާ ކަމަށެވެ. އަދި ރަޝިއާއިން ހަނގުރާމަ ފެށީވެސް މި ސަބަބާ ހެދި ކަމަށް އެނގިވަޑައިގެންފައި ވާ ކަމަށެވެ.

ކޮންމެ އެއްބަސްވުމަކީވެސް ހިޔާލު ހޯދުމުގެ ވޯޓެއްގެ ގޮތުގައި ޔޫކްރައިންގެ ރައްޔިތުންނަށް ހުށަހެޅެންޖެހޭނެ ކަމެއް ކަމަށް ޒެލެންސްކީ ވަނީ ފާހަގަ ކުރައްވާފައެވެ. ނަމަވެސް ބިނާކުރަނިވި ސުލްހައިގެ އެއްބަސްވުމަކަށް ބޭނުންފުޅު ވާ ކަމަށްވެސް ޒެލެންސްކީ ވަނީ ހާމަ ކުރައްވާފައެވެ. އަދި މި އެއްބަސްވުމަކީ ހަމައެކަނި ކަރުދާސް ކޮޅެއްގައި އޮތް ކަމަކަށް ނުހެއްދެވުމަށް ހާއްސަ ޝައުގެއް އެބައޮތް ކަމަށްވެސް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

ޒެލެންސްކީ އިތުރަށް ވިދާޅުވީ ޑޮންބާސްއާއި ކްރައިމިއާގެ މައްސަލައަކީ ސުލްހައިގެ މަޝްވަރާގެ ތެރެއިން ހައްލު ކުރެވެން ވާނެ ކަންތައްތަކެއް ކަން ފާހަގަ ކުރައްވާފައެވެ.

ޒެލެންސްކީ މިފަދަ ރޫހެއްގައި ވާހަކަފުޅު ދައްކަވާފައި ވާއިރު، ސުލްހައިގެ މަޝްވަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ތުރުކީވިލާތުން ވަނީ، ރަޝިއާއާއި ޔޫކްރައިންގެ ވަފުދުތަކުގެ މެދުގައި މިއަދުގެ ވަގުތެއްގައި، ތުރުކީވިލާތުގެ އިސްތަންބޫލްގައި މަޝްވަރާތަކެއް ކުރިއަށް ދާނެ ކަމަށް ތުރުކީވިލާތުން ރިޔާސަތުން ހާމަ ކުރައްވާފައި ވާ ދަނޑިވަޅެއްގައެވެ.