ކުރިއަށް އޮތް ރޯދަމަހަށް ތައްޔާރު ވުމުގެ ގޮތުން، އަގްސޯ މިސްކިތް ސާފު ކުރުމުގެ ހަރަކާތްތެއް ކުރިއަށް ގެންގޮސްފިއެވެ.

އިރުމަތީ ގުދުސްގައި ދިރިއުޅެމުން ދާ، ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނެއް ވަނީ އަގްސޯ މިސްކިތާއި އެ މިސްކިތް ވަށައިގެން ވާ ސަރަހައްދުތައް ސާފު ކުރުމުގެ މަސައްކަތުގައި ބައިވެރިވެފައެވެ.

10000 އެއްހާ ވޮލަންޓިއަރުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ ހަރަކާތުގައި، މިސްކުތުގެ ސަރަހައްދުގައި ވާ ބަގީޗާތަކާއި، މިސްކިތުގެ ގޯތި ތެރޭގެ އިތުރުން ޒިޔާރަތްތައް ސާފު ކޮށްފައި ވާ އިރު، ރޯދަމަހާ ދިމާކޮށް، މިސްކިތަށް ދާ މީހުންގެ އަދަދު އިތުރު ވާނެތީ، އެކަމަށްޓަކާ މިސްކިތުގެ އެތެރެ ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއީ އިސްލާމިކް މޫވްމަންޓް އިން ޕަލަސްޓައިނުން އިންތިޒާމު ކޮށްގެން މި ހަރަކާތް ކުރިއަށް ގެންދިޔަ 13 ވަނަ އަހަރެވެ.

ގިނަ އަދަދަކަށް އަންހެނުންނާއި ކުޑަކުދިންވެސް ބައިވެރިވި މި ހަރަކާތުގައި ބައިވެރިވި ފިރިހެން ވޮލަންޓިއަރަކު، ސޯޝަލް މީޑިއާގައި އޭނާގެ ޝުއޫރު ހިއްސާ ކުރަމުން ބުނެފައި ވަނީ، ކުރިއަށް އޮތް ތަނުގައި މިނިވަން ކަމާއެކު މި ހަރަކާތް ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

އިސްލާމިކް މޫވްމަންޓް އިން ޕަލަސްޓައިންގެ ކުރީގެ އިސްވެރިޔާ ހާމިދު އަބޫ ދުބާއީސް ވިދާޅުވީ، އެ ސިޓީގައި ފަލަސްތީނުގެ ރައްޔިތުންނަށް ތަކުލީފު ކުރިމަތިވެފައި ވާ ކަމަށެވެ. ފަލަސްތީނު ރައްޔިތުންގެ ދެމިއޮތުމާއި ހަމަޖެހުމާއި، ތާރީހާއި ޖިއޮގްރަފީއަށްވެސް ގޮންޖެހުންތަކެއް ކުރިމަތިވެފައި ވާކަމަށެވެ. ސާފު ކުރުމުގެ ހަރަކާތުގެ ތެރެއިން އެކަންކަމުގެ ކޮންޓްރޯލް ލިބޭ ކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

އަގްސޯ މިސްކިތާއި އެ މިސްކިތް ވަށައިގެން ވާ ސަރަހައްދަށް، ކޮންމެ ރޯދަމަހަކުވެސް 1 ލައްކައަށް ވުރެ ގިނަ މީހުން، އަޅުކަމަށް ޒިޔާރަތް ކުރެއެވެ.

މި އަހަރުގެ ރޯދަމަހާ ކުރިމަތިވެފައި ވާ މި ދަނޑިވަޅަކީ، ހުޅަނގު އައްސޭރިއާއި ގުދުސްގައި ފަލަސްތީނުގެ 9 މީހަކު މަރާލާފައި ވާ މައްސަލާގައި މަސްރަހު ނުތަނަވަސް ވެފައި ވާ ދަނޑިވަޅެކެވެ. ނަމަވެސް އިޒްރޭލާ ދެކޮޅަށް ކުރިމަތިލުމަކަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށް ފަލަސްތީނުން ވަނީ އިޝާރާތް ކޮށްފައެވެ.

އެޑިޓް ކުރީ: އަލީ ޝަމްޢާން